.
2011 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ފައިދާ ރެކޯޑް މިންވަރަކަށް އިތުރުވެ 519 މިލިޔަން ރުފިޔާ އަށް އަރައިފި އެވެ.
މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި އެކު އެ ބޭންކްގެ އަހަރީ ރިޕޯޓް ނެރުނުއިރު، ހިންގުމުގެ ފައިދާ އަށް 519 މިލިޔަން ރުފިޔާ ލިބުމަކީ 2010 ވަނަ އަހަރާއި އަޅާބަލާއިރު %72 ގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކަށް މިދިޔަ އަހަރު ތެރޭގައި ހޯދުނު އެންމެ ބޮޑު ކުރިއެރުން ވެސް މެއެވެ.
މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާ ރިކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، ބޭންކް އިން ވަނީ މިދިޔަ އަހަރު އިތުރު ރިކޯޑެއް ގާއިމުކޮށްފައެވެ. 2011 ވަނަ އަހަރު ނިމުނުއިރު ބޭންކުގެ އާމްދަނީ ވަނީ ފުރަތަމަ ފަހަރަށް އެއް ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައެވެ. ބޭންކްގެ އާމްދަނީގެ ގޮތުގައި 2010 ވަނަ އަހަރު ރިޕޯޓް ކޮށްފައިވަނީ 839 މިލިޔަން ރުފިޔާ އެވެ. މިއީ %30 ގެ ކުރިއެރުމެކެވެ.
އިންޓަރެސްޓުން ލިބޭ އާމްދަނީ އަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރު އެހެން ހިދުމަތްތަކުން ލިބޭ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށް އަހަރީ ރިޕޯޓްގައި ވެއެވެ. މިގޮތުން ފީ އާއި ކޮމިޝަންގެ ގޮތުގައި 432 މިލިޔަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. 2010 ވަނަ އަހަރު އެއަދަދު އުޅެނީ 248 މިލިޔަން ރުފިޔާ ގައި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ދޭގޮތުގައި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ބޭންކްގެ ކުރިއެރުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ބައެއް ފަރާތްތަކުން ލޯނުތަކަށް އަނބުރާ ފައިސާ ނުލިބުމުގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ޕްރޮވިޝަން ހެދުމުގެ އިތުރުން، ލޯނުގެ ފައިސާ އަނބުރާ ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ބޭންކުން ބުނެއެވެ.