.
އަބްދުލް ވާހިދު ޙަސަން
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2012 އާއި ގުޅުވައިގެން ސްކޯ ދިމާކުރައްވައިގެން އިނާމުތައް ހާސިލް ކުރެވޭ ހާއްސަ އެސްއެމްއެސް މުބާރާތެއް ކުޅުދުއްފުށީ އޮންލައިން އިން ފެށުމަށް ހަމަޖެހިއްޖެއެވެ.
ކުޅުދުއްފުށީ ގައި ކޮމްޕިއުޓަރާއި ކޮމްޕިއުޓަރ އެސެސަރީޒް ވިއްކާ ފިހާރަ އެއްކަމުގައިވާ ކުއަންޓަމް އާއި ކުޅުދުއްފުށީ އޮންލައިން ގުޅިގެން ހިންގާ މިއެސްއެމްއެސް މުބާރާތް ހިންގަނީ ކުޅުދުއްފުށީ ގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރަށްވާ ތިން ފަރާތަކަށް 5500 ރުފިޔާގެ އިނާމު ވަނީ ހުށަހެޅިފައެވެ.
މިގޮތުން އެއްވަނަ އަށް އަންނަ ފަރާތަކަށް 1000 ރުފިޔާ އާއި 500 ޖީބީގެ ޑަބްލިޔުޑީ އެކްސްޓާނަލް ހާޑްޑިސްކްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ އަށް އަންނަ ފަރާތަކަށް 650 ރުފިޔާ އާއި 32 ޖީބީގެ ޕެންޑްރައިވް އެއް ވަނީ ހުށަހެޅިފައެވެ. މީގެއިތުރުން ތިންވަނަ އަށް އަންނަ ފަރާތަކަށް 350 ރުފިޔާ އާއި 8 ޖީބީގެ ޕެންޑްރައިވް އަކާއި ކެސްޕާސްކީ އިންޓަނެޓް ސެކިއުރިޓީ 2012 އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ގައި ބައިވެރިވުމަށްޓަކައި ޔޫރޯގެ ކޮންމެ މެޗެއް ވެސް ކުޅެވެމުން ދާވަގުތު، މެޗު ނިމޭއިރު ސްކޯ އޮންނާނެ ގޮތް ލަފާކުރުމަށްފަހު 3555 އަށް އެސްއެމްއެސް ކުރާނީ އެވެ. އެސްއެމްއެސް ފޮނުވާއިރު ފުރަތަމަ ކޭއޯ ޖައްސަވާފައި ކުޅޭޓީމުގެ ނަމާއެކު ލަފާކުރެވޭ ސްކޯ ޖައްސަވާނީއެވެ. މިސާލަކަށް ޔޫރޯގެ ފުރަތަމަ މެޗުގައި ގްރީސް އަތުން ޕޮލެންޑް 2-0 އިން މޮޅުވާނެކަމަށް ލަފާކުރެވޭނަމަ އެސްއެމްއެސް ކުރާއިރު ޖައްސަވާނީ “KO POLAND 2 GREECE 0” މިގޮތަށެވެ. އެސްއެމްއެސް ފޮނުއްވާނީ މެޗުގެ 80 ވަނަ މިނެޓްގެ ކުރިން ނެވެ.
ޔޫރޯގެ ފޯރި އިތުރު ކުރުމުގެ ގޮތުން ކުޅުދުއްފުށީ އޮންލައިން އިން މިއަދު ޔޫރޯ ވޯލްޗާޓް ކުޅުދުއްފުށީގައި ހިލޭ ބަހާނެއެވެ.