.
ބަދުރުއްދީން ޙަސަން
ހދ. އަތޮޅުގައި އޮންނަ ކުޑަ ފަޅުރަށެއް ކަމުގައިވާ މުއިރީ ވަގުތީ ގޮތުން ބެލެހެއްޓުމަށް އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފިއެވެ.
މުއިރީ ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ހދ. އަތޮޅު ކައުންސިލް އިން ކުރި އިޢުލާނާއި ގުޅިގެން އެކަމަށް ކުރިމަތިލީ ހަތަރު ފަރާތުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދައިގެން ބިޑް ކާމިޔާބު ކޮށްފައިވަނީ ކުޅުދުއްފުށީ ރިޔާޒް، އާދަމް ޢަލީ އެވެ. އާދަމް ޢަލީ ހުށަހަޅާފައިވާ ކުއްޔަކީ މަހަކު 5577 ރުފިޔާ ކަމަށް އަތޮޅު ކައުންސިލް ގެ މީޑިއާ ކޯޑިނޭޓަރ ޢަލީ މުޙައްމަދު މަޢުލޫމާތު ދެއްވިއެވެ.
“ކުއްޔަށް ދީފައި އެވަނީ މަހަކު 5577 ރުފިޔާ ދައްކާގޮތަށް. ކުރިން އޮންނަ ވަރުވާ ގެ އުސޫލުން ދައްކަން ޖެހޭ އެއްޗަކަށް ވުރެ މިގޮތަށް ކުއްޔަށް ދިނުމުން އަތޮޅު ގެ މާލިއްޔަތަށް ވަންނަ އާމްދަނީ އިތުރުވާނެ.” ޢަލީ މުޙައްމަދު ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ދަށުން ބަލަހައްޓާ ފަޅުރަށްތައް ވަގުތީ ގޮތުން ބެލެހެއްޓުން ވަނީ އަތޮޅު ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. މިނިސްޓްރީ އިން އަންގައިފި ހިނދެއްގައި ރަށްތައް މިނިސްޓްރީ އާ ހަވާލުކުރަން ކައުންސިލްތަކަށް ޖެހެއެވެ.
ޢަލީ މުޙައްމަދު ވިދާޅުވީ، ރަށް ކުއްޔަށް ދިނުމުގެ އެގްރިމެންޓް ހެދިފައިވާނީ އެކަމަށް ވެސް ވިސްނުމަށް ފަހުއެވެ. އެއީ މިނިސްޓްރީ އިން އަންގައިފި ހިނދެއްގައި ކައުންސިލް އިން ކުއްޔަށް ދިން ފަރާތުގެ އަތުން ރަށް ނެގޭނެ އުސޫލުންނެވެ. އަދި މިނިސްޓްރީ އާ ހަވާލުކުރުމަށް ކައުންސިލް އަށް ލިބޭ މުއްދަތުގެ ތެރޭގައި ކުއްޔަށްދިން ފަރާތުން އެރަށް ކައުންސިލް އާ ހަވާލު ކުރާނެއެވެ.
“ރަށުގައި ބޮޑު އެއްވެސް އިންވެސްޓަންޓް އެއް ނުކުރެވޭނެ. ނަމަވެސް ދަނޑުވެރިކަމުގެ މަސައްކަތުން ކުއްޔަށް ހިފިފަރާތަށް އާމްދަނީ ހޯދިދާނެ.”