ބަލިވެއިނުމާއި ވިހެއުން އަދި ވިހެއުމަށްފަހު ދެވޭ ފަރުވާ އަށް ނަރުހުން ހޭލުންތެރި ކުރުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވައިފި އެވެ.
ޔޫއެންއެފްޕީ ގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ހެލްތުގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިމަހުގެ 17 އިން 19 އަށް ބޭއްވި މި ވޯކްޝޮޕަކީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލް އެއްގައި ވެސް އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށް ނަރުހުންނަށް ތަމްރީން ދިނުމަށް ބޭއްވުނު ވޯކްޝޮޕެއް ކަމުގައި، މިވޯކްޝޮޕްގައި ކިޔަވާދެއްވި ފަރާތެއް ކަމުގައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ ސަލްމާ ޙަސަން މަޢުލޫމާތު ދެއްވިއެވެ.
“މި ވޯކްޝޮޕްގައި ކިޔަވާ ދެވުނީ ބަލިވެއިނުމާއި ވިހެއުން އަދި ވިހެއުމަށްފަހު ދެވޭ ފަރުވާތަކާއި ބެހޭގޮތުން. އަދި މައިންނާއި ޅަދަރިންނަށް ނަރުހުން ފަރުވާދޭއިރު ހިފަހައްޓަންޖެހޭ މިންގަނޑުތައް ނަރުހުންނަށް ކިޔަވާދެވުން.” ސަލްމާ ޙަސަން ވިދާޅުވިއެވެ.
ސަލްމާ އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ނަރުހުން ހޭލުންތެރިކުރުމަށް މާލެ އާއި އައްޑޫގައި މިހާތަނަށް ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށެވެ.
މިއަދު ނިމުނު މިވޯކްޝޮޕްގައި ކިޔަވައިދެއްވީ ސަލްމާ ހަސަންގެ އިތުރުން އައިޖީއެމްއެޗްގެ އަންހެނުންގެ ޑޮކްޓަރު ޑރ. ތަސްނީމް ފާރޫގާއި ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ލެކްޗަރަރ އައިމިނަތު ނަހޫދާ އެވެ.
ޖުމްލަ 18 ނަރުހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންގެ އިތުރުން މަތިއުތުރު އެހެން ރަށްރަށުގެ ނަރުހުން ބައިވެރިވިއެވެ. އަދި ކުޅުދުއްފުށީގައި ހުންނަ ނެޝަނަލް ޔުނިވާސިޓީގެ ދެލެކްޗަރަރ އިން ވެސް ބައިވެރިވިއެވެ.