.
އަބްދުލް ވާހިދު ޙަސަން
ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލުގެ ދިވެހި ކްލަބާ ގުޅިގެން ބާއްވާ ކުރުވާހަކަ ލިޔުމުގެ މިއަހަރުގެ މުބާރާތް އަންނަ މަހު 7 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތް މިއަހަރު ބާއްވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއެކު ކަމަށް ކުޅުދުއްފުށި އޮންލައިންގެ މެނޭޖްމަންޓުން ބުނެއެވެ. އެގޮތުން މިއަހަރުގެ މުބާރާތް އަމާޒު ކުރެވިފައި ވަނީ ސީނިއަރ ގުރޫޕަށެވެ.
އަންނަ މަހު ބާއްވާ މުބާރާތާބެހޭ ގޮތުން ކުޅުދުއްފުށީ އޮންލައިންގެ މެނޭޖިންގ އެޑިޓަރ މުހައްމަދު އިސްމާއީލް ވިދާޅުވީ، ޖަލާލުއްދީން ސްކޫލުގެ ދިވެހި ކްލަބާ ގުޅިގެން ބާއްވާ މި މުބާރާތަކީ ދިވެހި ބަސް ކުރިއަރުވާ ވާހަކަ ލިޔުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ގަވާއިދުން ކޮންމެ އަހަރަކުވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ވާހަކަ “ކުޅުދުއްފުށި އޮންލައިން” ގައި ޝާއިއު ކުރާނެއެވެ.
ކުރު ވާހަކަ ލިޔުމުގެ މުބާރާތް ބޭއްވުމަށްޓަކައި ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލުގެ މެނޭޖްމަންޓުން އެއްބަސްވުމަކަށް އައިސް މުބާރާތުގެ ގަވާއިދު މިހާރު ވަނީ އެކުލަވާލާފައެވެ.
މިދިޔަ އަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖަލާލުއްދީން ސްކޫލުގެ 90 ދަރިވަރަކު ވަނީ ވާހަކަ ލިޔެފައި އެވެ. އެ މުބާރާތުގެ ސީނިއަރ ގުރޫޕުން އެއްވަނަ ގްރޭޑް 11 ބީ ގެ ދަރިވަރު ޝާމިލް އިބްރާހީމް އަށް ލިބުނު އިރު ޖޫނިއަރ ގްރޫޕުން އެއްވަނަ ލިބިފައިވަނީ ގްރޭޑް 9 ޖީގެ ދަރިވަރު އިނާޔަތު އަލީ އެވެ.