އިބްރާހިމް ހަމީދު
ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ ނިންމި ދަރިވަރުންނަށް އެޗީވްމަންޓް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
މިމަހުގެ 24 ވީ އާދީއްތަ ދުވަހު އެ ސްކޫލުގެ ހޯލްގައި ބޭއްވި ޖަލްސާގައި، 50 ދަރިވަރަކު ވަނީ ސާނަވީ ތައުލީމު ނިންމާ އެޗީވްމަންޓް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީއޮފް އެޑިޔުކޭޝަންގެ ސްޕްރިންޓެންޑެންޓް އިބްރާހިމް ރަޝީދުއެވެ.
ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ ނިންމި ދަރިވަރުންނަށް އެޗީވްމަންޓް ސެޓްފިކެޓްދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި މިއަދު އެސްކޫލުން މަތީ ސާނަވީ ތައުލީމު ނިންމާ ސްކޫލުން ނިކުމެގެންދާ ދަރިވަރުންގެ ފަރާތުން ސްކޫލަށާއި ކުޅުދުއްފުއްޓަށާއި މުޅިގައުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ އެ ދަރިވަރުންނަށް އިތުރަށް ކިޔެވުމަށް ހިތްވަރު ދެއްވިއެވެ.
އަދި އެ ދަރިވަރުންގެ ކިޔެވުން މަތީ ސާނަވީ ނިމުމުން ނިންމާނުލައްވާ ފަސްޓް ޑިގްރީ އަށް ކިޔަވައި ދިނުމަށް ބާރުއަޅާ އެހީތެރިކަން ދެއްވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަތެވެ. މަތީ ސާނަވީ ނިމުމަކީ އަދި ކިރިޔާ އެ ދަރިވަރުންގެ ކިޔެވުން ފެށުން ކަމަށް ޝަރަފުވެރި މެހެމާން ވިދާޅުވިއެވެ.
އެރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ސަޢިދު އަހްމަދު ދެއްކެވި ވާހަކަފުޅުގައި 2012 ވަނަ އަހަރަކީ ޖަލާލުއްދީން ސްކޫލު އުފެދިގެން މިހާތަނަށް މަތީ ސާނާވީން ހުރިހާ ދަރިވަރުން ގުރެޖުއޭޓްވެ އެޗީވްމަންޓް ސެޓްފިކެޓް ހާސިލްކުރި ފުރަތަމަ އަހަރު ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސްކޫލުގެ އިސްމަގާމުތަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދު އެވެ. އަލަށް ސްކޫލު ކެޕްޓަނަކަށް ހޮވިފައިވަނީ އަފްސަލް އަހްމަދު އަބޫބަކުރުއެވެ. އަދި ޑެޕިއުޓީ ސްކޫލް ކެޕްޓަނަކަށް ޒާހިރާ ހަސަން އާއި ހުމެއިދު އަލީ އެވެ.
ސްކޫލް ނިންމި ދަރިވަރުންނަށް އެޗީވްމަންޓް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕްރިޓެންޑެންޓް އިބްރާހިމް ރަޝީދު އެވެ.
މިރަސްމިއްޔާތު ތައާރަފް ކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލް އެވެ. ޝުކުރު ދެއްނެވުމުގެ ގޮތުން ވާހަކަ ދެއްކީ 2012 ވަނަ އަހަރުގެ ސްކޫލް ކެޕްޓަން ސާޖިދާ ޖިބްރީލުއެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ސްކޫލުގެ ލަވައިންނެވެ.