.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކި ފަރާތްތަކުން ފައިސާ ދެއްކުމަށް ހުށަހަޅާ ޗެކުތަކަށް ފައިސާނުލިބި އެ ޗެކުތައް ބައުންސްވާ މައްސަލައިގައި އެފަދަ ފަރާތްތަކާމެދު އަމަލުކުރާނެ އުޞޫލެއް މީރާއިން އާންމުކޮށްފި އެވެ.
މީރާއިން ބުނީ އެ އޮތޯރިޓީ އިން ބަލައިގަންނަމުން ގެންދާ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާ ދެއްކުމަށް ޗެކް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޗެކުގެ އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން މީރާއަށް ގިނަ އަދަދެއްގެ ފައިސާ ލިބެންޖެހި ނުލިބިވާ ކަމަށެވެ. އެގޮތުން އެފަދަ ޗެކުތަކާ ގުޅިގެން 3.7 މިލިއަން ރުފިޔާ މީރާ އަށް ނުލިބިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޗެކު ބައުންސްވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ އެ ޗެކެއް މީރާއަށް އަނބުރައި ލިބޭ ހާލަތްތަކުގައި އަމަލުކުރާނެ އުޞޫލަކީ، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ މައްސަލަ ފުލުހުން މެދުވެރިކޮށް ދައުވާ ކުރުމަށްޓަކައި ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މީރާއިން އާންމުކޮށްފައިވާ އުޞޫލުގައި ވެއެވެ.
“…އަދި މި އުސޫލަށް ޢަމަލުކުރަން ފަށާއިރު ފައިސާ ނުލިބުމުގެ ސަބަބުން އަނބުރައި ލިބިފައިވާ ޗެކްތަކާ ގުޅިގެން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުން އެ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ 15 ޖުލައި 2012 ގެ ނިޔަލަށް ދައްކައި ޚަލާޞްނުކޮށްފިނަމަ އެ ފަރާތްތަކުގެ މައްސަލަ، އިތުރު އެންގުމަކާނުލައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާނެ” މީރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.
ޗެކަށް ފައިސާ ނުލިބޭ މައްސަލައިގައި އަމަލުކުރާނެ އުޞޫލެއް ކަނޑައެޅީ އެބާވަތުގެ ގިނަ އަދަދެއްގެ މައްސަލަތައް ދިމާވަމުން އަންނާތީކަމަށް މީރާއިން ބުނެއެވެ. މީގެ ކުރިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރާނެ ގޮތުގެ އުޞޫލެއް ކަނޑައަޅައި މިހާރު އެފަދަ ފަރާތްތަކުގެ ނަންތައް ވެސް އަންނަނީ އާންމު ކުރަމުން ނެވެ. އަދި މީރާ އަށް ނުލިބި ހުރި ފައިސާތައް ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އެ އޮތޯރިޓީ އިން އަންނަނީ ކުރަމުން ނެވެ.