.
ކޮންމެ އަހަރަކުވެސް ދިރާގުން ބާއްވަމުން އަންނަ ދިރާގު ބްރޯޑްބޭންޑް ރޭހުގެ މިއަހަރުގެ އިވެންޓްގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ 5 ޓީމެއް މިއަދު މާލެއަށް ފުރައިފިއެވެ.
މާދަމާ ހަވީރު ރާޅުގަނޑު ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ ރޯޑްރޭހުގައި ބައިވެރިވާ ޓީމުތައް ކުޅުދުއްފުށިން މިއަދު ފުރާފައިވަނީ ބަހާދަރު ބޯޓުގައެވެ. މިބޯޓު މާލެއަށް ފޯރާނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. މިއަހަރުގެ ރޯޑްރޭހުގައި ކުޅުދުއްފުށިން ބައިވެރިވެފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ޓީމާއި އެ ސްކޫލުގެ ފިރިހެން ޓީމާއި ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބްގެ އަންހެން ޓީމާއި ފިރިހެން ޓީމް އަދި ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގެ ޓީމެވެ.
މިދިޔަ އަހަރުގެ ރޭހުގައި ސްކޫލު ތަކުގެ ބައިން ޖަލާލުއްދީން ސްކޫލުގެ ޓީމު ވަނީ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާފައެވެ. އެއްވަނަ ހޯދުމުން އެޓީމަށް ވަނީ ޓްރޮފީއަކާއި އެކު ދިހަ ހާސް ރުފިޔާގެ އިނާމެއް ލިބިފައެވެ. ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، މިއަހަރު ވެސް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިޖްތިމާޢީ ކޮންމެ ވެސް ޝިއާރެއްގެ ދަށުން ރާއްޖޭގައި ބާއްވާ އެންމެ ދިގު ދުވުމަށް މިއަހަރު ދީފައިވާ ޝިއާރަކީ، “ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ގެވެށި އަނިޔާ ހުއްޓުވު”މެވެ. ދުވުން ކުރިއަށް ދާއިރު، މި މައުލޫ އާބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވާ މަޢުލޫމާތު ދޭނެއެވެ. މި އިވެންޓްގެ ޕާޓްނަރުންގެ ގޮތުގައި ދިރާގާއެކު ހެޕީ މާކެޓާއި ސޮނީ ސްޕޯޓްސް އަދި އެތުލެޓިކްސް އެސޯސިއޭޝަނުން ހަރަކާތްތެރި ވާނެއެވެ. ދިރާގުން މަޢުލޫމާތު ދިން ގޮތުގައި މިދިޔަ އަހަރުގެ ދުވުމުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.