.
2013 ވަނަ އަހަރު އަމީރު އަމީން ސްކޫލުގައި ތަޢުލީމު ހާސިލް ކުރުމަށް އެދޭ ކުދިން ގެ އަދަދު އަންދާޒާކުރުމަށް ކުދިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީގައި ހުންނަ އެންމެ ގިނަދުވަސްވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އައިޝަތު މުޙައްމަދު ވިދާޅުވީ، 2013 ވަނަ އަހަރު އެ ސްކޫލަށް ވަންނަން އެދޭ ފަރާތްތައް މިހާ އަވަހަށް ރަޖިސްޓްރީ ކުރަން ފަށާފައި ވަނީ، މިއަންނަ އަހަރު ސްކޫލަށް ކުދިން ވައްދާނެ އަދަދު އަންދާޒާ ކުރުމުގެ ގޮތުންނެވެ.
“މިއީ މިއަންނަ އަހަރަށް ކުރީ ބައިގައި ތައްޔާރު ވުމަށް ކުރާކަމެއް. ރަޖިސްޓްރީ ކުރުން ކުރިއަށް ދާނީ 1 ޖުލައި އިން 31 ޖުލައިގެ ނިޔަލަށް.މިގޮތަށް ރަޖިސްޓްރީ ކުރުމުން ވަގުތު އައިސް ޖެހުމުގެ ކުރިން ވަނުމަށް އެދޭ ކުދިންގެ އަދަދު އަންދާޒާކުރެވޭނެ.” އައިޝަތު މުޙައްމަދު ވިދާޅުވިއެވެ.
ރަޖިސްޓްރީ ކުރުމަށް މިއަދު ހުޅުވާލި ފުރުސަތުގައި 2013 ވަނަ އަހަރު އެ ސްކޫލަށް ވަނުމަށް މިއަދު ވެސް ވަނީ ގިނަ ކުދިންތަކެއްގެ ނަން ރަޖިސްޓްރީކޮށްފައެވެ. އެގޮތުން ނާސަރީ އަށް ވެއްދުމަށް 67 ކުދިންގެ ނަން ނޯޓްކޮށްފައިވާއިރު ބޭބީ ނާސަރީއަށް ވެއްދުމަށް 11 ކުއްޖެއްގެ ނަންވަނީ ރަޖިސްޓަރ ކޮށްފައެވެ.
އައިޝަތު މުޙައްމަދު އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަމީރު އަމީން ސްކޫލުގެ ޖާގަ މިއަހަރު ވެސް ވަނީ ފުލްވެފައި ކަމަށެވެ. އަދި ޕްރީ ސްކޫލުތަކާބެހޭ ގަވައިދު ވަރަށް އަވަހަށް ތަންފީޒު ކުރަން ފަށާނެ ކަމަށާއި، ގަވައިދު ތަންފީޒުކުރަން ފެށުމުން މިއަހަރު ކުދިން ވެއްދުމަށް ހުޅުވާލި ޖާގައަށް ވުރެ އަދަދު ގިނަ ކުރެވޭނެ ކަމަށް އުއްމީދު ނުކުރަށްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އައިޝަތު ވިދާޅުވީ، މިއީ އަދަދު އަންދާޒާކޮށް އިތުރަށް ތައްޔާރުވުމަށް ނަންތައް ރަޖިސްޓްރީ ކުރުން ކަމުގައި ވިޔަސް ބެލެނިވެރިން މިކަމަށް ސަމާލުކަން ދެއްވަވަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު ވެސް ބެލެނިވެރިން ގެ ފަރާތުން މިކަމަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.
އަމީރު އަމީން ސްކޫލުގައި މިއަހަރު ވެސް 497 ކުދިން ތަޢުލީމު ހާސިލް ކުރަމުން އެބަދެއެވެ.