.
ބަދުރުއްދީން ޙަސަން
ކުޅުދުއްފުށީ ގައި ހުރި ޕްރީ ސްކޫލުތަކަށް ވަންނަ ކުދިންގެ އަދަދު ގިނަވެ ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޕްރީ ސްކޫލުގެ މައްސަލަ އަކީ މިދިޔަ އަހަރު ވެސް ދިމާވި މައްސަލައެއް ކަމަށާއި އެމައްސަލައަށް ހައްލެއް ހޯދިދާނެ ގޮތްތައް ހޯދާ، ބައެއް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރުމަށް ވިސްނަވާ ކަންތައްތަކުގައި ތެރޭގައި ކުޅުދުއްފުށީގައި އާ ޕްރީސްކޫލެއް އެޅުން ހިމެނޭކަމަަށް ރަމީޒު ވިދާޅުވި އެވެ.
“އާ ޕްރީސްކޫލެއް އެޅުމަށްޓަކައި ތައްޔާރީތައް ވަމުން މިހާރު މިދަނީ. ކޮންސެޕްޓް ޑްރޯވިންގ ވަނީ ނިމިފައި. މިހަފްތާތެރޭ ބީ.އޯ.ކިއު ތައްޔާރުކޮށް ނިންމާ ދާނެ ޚަރަދުތައް އަންދާޒާ ކުރެވޭނެ.” ރަމީޒު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އިރުމަތީގައި ހުންނަ ވަތަނިއްޔާ ސައިޓުގެ އުތުރުން އޮތް ބިމުގައި އިމާރާތްކުރަން ނިންމާފައިވާ ޕްރީސްކޫލު ގެ މަސައްކަތް ކުރެވެން އަންނަނީ ފަންޑް ލިބިގެންވެސް ރަމީޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ވެސް މިނިސްޓްރީއާ ވާހަކަ ދެކެވިފައި ވާނެ ކަމަށާއި އަދި މިއަހަރު މިހާރު ވެސް ވާނީ އެޑިއުކޭޝަން މިނިސްޓްރީ އަށް މިކަން އަންގާ އެހީތެރިކަމަށް އެދިފައި ކަމަށް ވެސް ރަމީޒު ވިދާޅުވިއެވެ.
ރަމީޒު އިތުރަށް ވިދާޅުވީ، ބީ.އޯ.ކިއު ޚަރަދުތައް އަންދާޒާ ކުރުމަށްފަހު ޕްރޮޕޯސަލް ހަދައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި އެހީއަށް އެދޭނެ އެވެ.
“މިކަން ކުރެވެން އޮތީ އެކި ފަރާތްތަކުގެ އެހީ ލިބިގެން. މިނިސްޓްރީން ބަޖެޓް ސަޕޯޓެއް ނުލިބިއްޖެ ނަމަ ކުންފުނިތަކުން ވެސް އެހީ ލިބޭތޯ މަސައްކަތް ކުރާނަން.” ރަމީޒު ވިދާޅުވި އެވެ.
އާސްކޫލެއް ހެދުމަށް ކޮންސެޕްޓް ތައްޔާރު ކުރުމުގެ އިތުރުން އިރުމަތީ އަވަށު ޕްރީ ސްކޫލަށް އިތުރު ތިން ކްލާސް ރޫމް އިތުރު ކުރުމަށް ވެސް ޕްލޭން ކުރެވެމުންދާކަން ރަމީޒު ފާހަގަ ކުރެއްވިއެވެ. ރަމީޒު ވިދާޅުވީ، އާސްކޫލެއް ނުހެދިއްޖެނަމަ، ތިން ކްލާސްރޫމް އިތުރުކޮށްގެން ވެސް ވަގުތީ ހައްލެއް ހޯދިދާނެއެވެ.
ކުޅުދުއްފުށީގައި ދެ ޕްރީ ސްކޫލު ހުންނައިރު އެންމެ ގިނަ ދުވަސްވީ އަމީރު އަމީން ސްކޫލުގައި 500 އެއްހައި ކުދިން އަންނަނީ ތަޢުލީމު ހާސިލް ކުރަމުންނެވެ. އަދި އިރުމަތީ އަވަށު ޕްރީސްކޫލުގައި 160 ހެއްހައި ކުދިން އަންނަނީ ތަޢުލީމު ހާސިލް ކުރަމުންނެވެ. މިއީ މި ދެ ސްކޫލުގެ ވެސް ކެޕޭސިޓީއަށް ވުރެ މާއިތުރު އަދަދު ތަކެކެވެ.
ގުޅޭލިޔުން
2013 ވަނަ އަހަރު އަމީރު އަމީން ސްކޫލަށް ވަންނަން އެދޭ ކުދިން ގެ އަދަދު އަންދާޒާކުރުމަށް ރަޖިސްޓްރީ ކުރަން ފަށައިފި (01/07/2012)
ކައުންސިލަށް ލިބުނު އާމްދަނީގެ 98 ޕަސެންޓް ހަރަދު ކުރީ ޕްރީ ސްކޫލުތަކަށް: ކުޅުދުއްފުށީ ކައުންސިލުގެ ރައީސް (03/02/2012)
ކުޅުދުއްފުށީ ޕްރީ ސްކޫލްތަކުގެ 2012 ވަނަ އަހަރުގެ ޖާގަތައް ފުލްވެއްޖެ (02/09/2011)