.
ކުޅުދުއްފުށީ ބެނިސަންގެ އިން ވައްކަންކޮށް އަށް ހާހަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ.
މިއަދު ހަވީރު ގާތްގަނޑަކަށް 5:30 ހާއިރު ހިނގި ކަމަށްބެލެވޭ މި ވައްކަމުގައި ގެއްލިފައިވަނީ ހަމައެކަނި ފައިސާ ކަމަށް ބެނިސަން ގެއިން ވާހަކަ ދެއްކި އަހުމަދު އަބްދުއްރަހްމާން (ބެނޭ) ކުޅުދުއްފުށި އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
2011 ވަނަ އަހަރު ވެސް ވަގުންވަދެ ގިނަ ސާމާނުތަކެއް ވަގަށް ގެންދިޔަ ބެނިސަން ގެ އަށް މިއަދު ހަވީރު ވަގުން ވަދެފައިވަނީ އެގޭގައި ހަދަން ފަށާފައި ހުރި ފާހާނާއެއްގެ ފެންލައިޓު ތެރެއިން ކަމަށް ވެއެވެ. އަދި ފާހާނާއަކީ އަދި ބޭނުން ކުރަން ނުފަށާ ފާހާނާއެއް ކަމުން ކޮޓަރިއަށް ހުންނަ ފާހާނާގެ ދޮރުގައި ފިލާގަނޑެއް ޖަހާފައި ހުރި ކަމަށާއި ވަގުން ވަދެފައިވަނީ އެ ފިލާގަނޑު ފަޅާލައިގެން ކަމަށް އަހުމަދު މަޢުލޫމާތު ދިނެވެ.
ފައިސާ ނަގާފައިވަނީ ކޮޓަރިތެރޭގައި ހުރި އަލަމާރިއެއްގެ ވަތްގަނޑުންނެވެ. ވަތްގަނޑު ތަޅުލާފައި ހުރިކަމުގައި ވިޔަސް ކަށިގަނޑަކުން ތަޅު ވަނީ ހަލާކު ކޮށްލާފައެވެ. އެ ވަތްގަނޑުގައި ހަތްހާހާއި އަށްހާހާއި ދެމެދުގެ އަދަދަކަށް ފައިސާ ހުންނާނެކަމަށް އަހުމަދު އަބްދުއްރަހީމް މަޢުލޫމާތު ދިނެވެ.
މިވައްކަމާއި ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހަވީރު މިވައްކަން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެތަނަށް ގޮސް ހެކި ހޯދާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. މި ވައްކަމާއި ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރެއް ނުކުރެއެވެ.