ވިލާ ކޮލެޖުގައި ހުރި މަތީ ތައުލީމުގެ ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް އެކޮލެޖުން ފާހަގަ ކުރަމުން އަންނަ އޯޕަން ޑޭ މިއަދު ފަށައިފި އެވެ.
ވިލާ ކޮލެޖުގައި މިއަދު ފާހަގަ ކުރަމުން އަންނަ އޯޕަން ޑޭ ހުޅުވައިދެއްވީ އެކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރު އެވެ. މިއަދު ހަވީރުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އޯޕަންޑޭގައި ތައްޔާރުކޮށްފައިވާ އެކި ސްޓޯލްތައް ރެކްޓަރ އަންވަރު މިއަދު ބައްލަވާލެއްވި އެވެ. އަދި، ދަރިވަރުންނަށް އެ ސްޓޯލްތަކުން ދޭނެ މައުލޫމާތުތައް އޮޅުންފިލުއްވާ އެކި ފެކަލްޓީތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލެއްވި އެވެ.
ވިލާ ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި އެ ކޮލެޖުގެ އޯޕަން ޑޭގެ އެންމެ މުހިއްމު ބޭނުމަކީ ވިލާ ކޮލެޖްގައި ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ ފުރިހަމަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމެވެ. އަދި އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައިތިބި ކުދިންނަށް އިތުރަށް ކުރިއަށްދެވިދާނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައިދިނުމާއި، އެ ކޮލެޖުންެ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަންކަން ވަގުތުން ކުރެވޭނެގޮތް ތަނަވަސްކޮށްދީ އެހީތެރިވުމެވެ.
އެ ކޮލެޖުން ބުނީ އޯޕަން ޑޭ އަށް ޒިޔާރަތްކޮށް އެޕްލިކޭޝަން ހުށަހަޅާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ 5 ފަރާތަކަށް ޓިއުޝަން ފްރީ ސްކޮލަރޝިޕެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އޯޕަން ޑޭ އަށް ޒިޔާރަތްކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ސެޓްފިކެޓް ހިލޭ އެޓެސްޓްކޮށްދިނުމާއި އެކަޑެމިކް ކައުންސިލިންގ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.