.
ސްޕެއިންގެ މަޝްހޫރު ބީއެމްއެކްސް ފްރީ ސްޓައިލާ ޖޯޖް ވިކީ ގޮމޭޒްގެ ހުނަރު މިއަދު ކުޅުދުއްފުށީގައި ދައްކާލައިފި އެވެ.
ރެޑް ބުލް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިންގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓްކޯޓުގައި ކުރިއަށްދިޔަ ޝޯގައި ބީއެމްއެކްސް ބައިސްކަލެއްގެ މަތީގައި އޭނާ ވަނީ ތަފާތު ހުނަރުތައް ދައްކާލާފައެވެ.
ކުޅުދުއްފުށީގައި ޝޯ ބޭއްވުމަށްޓަކައި ޔޫރޯ މާކެޓިންގ ގެ ޓީމަކާއެކު ވިކީ މިއަދު ކުޅުދުއްފުއްޓަށް އައީ މެންދުރު ފަހުގެ ވަގުތެއްގައި އެވެ. އޭނާއަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިއަދު ހަވީރު ބޭއްވި ޝޯ ބަލާލުމަށްޓަކައި ކުޅުދުއްފުށީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ބަޔަކު ސްޓޭޑިއަމްއަށް ދިޔައެވެ.
ވިކީގެ ޝޯ ކުރިއަށް ދިޔަ ވަގުތު ރެޑް ބުލް އެނާޖީ ޑްރިންކް ބަހާފައިވާއިރު ޝޯ އަށް ކުޅުދުއްފުށިން ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އުމުރުން 19 އަހަރުން ފެށިގެން ބީއެމްއެކް ފްރީ ސްޓައިލްގައި ވާދަކުރަމުންދާ ވިކީ ވަނީ ޔޫރަޕް ޗެމްޕިއަންޝިޕް ދެ ފަހަރު އަދި އޭޝިއަން ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ރެޑް ބުލްގެ މުބާރާތްތައް ވެސް ވިކީ ވަނީ ކާމިޔާބުކޮށްފަ އެވެ. ވިކީ ރާއްޖެ އަށް ކުރާ ޓުއާގައި ހދ. ކުޅުދުއްފުށީގެ އިތުރުން ހދ. ހަނިމާދޫ އާއި ހއ. ދިއްދޫ އާއި ގދ. ތިނަދޫ އާއި އައްޑޫ ސިޓީ އަދި ޏ. ފުވައްމުލަކާއި މީރު އައިލެންޑް ރިސޯޓާއި އދ. މާމިގިލި އަދި ސަން އައިލެންޑް ރިސޯޓުގައި ޝޯތަކެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޔޫރޯ މާކެޓިންގ އިން މަޢުލޫމާތު ދެއެވެ.
ރެޑް ބުލް ރާއްޖޭގައި މާކެޓް ކުރާ ޔޫރޯ މާކެޓިން އިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ރެޑް ބުލް ސްޓްރީޓް ސްޓައިލް ފުރަތަމަ މުބާރާތުގައި ވޯލްޑް ޗެމްޕިއަންކަން ހޯދި ސިއާން ގާނިއޭ ގެ ހުނަރު ދައްކާލުމުގެ ޝޯއެއް ކުޅުދުއްފުށީގައި ބާއްވާފައެވެ. އަދި އެނާގެ އިތުރުން ފްރާންސްގެ މަޝްހޫރު އަންހެން ފްރީ ސްޓައިލް ފުޓްބޯލާއެއް ކަމަށްވާ ސޭންޑީ ލަވީޓާސް (ބޭމްބީބޯލް) ގެ ހުނަރުތައް ވެސް އެދަތުރުގައި ދައްކާލިއެވެ.