.
ބަދުރުއްދީން ޙަސަން
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު 14 އަހަރަށްފަހު އެސްކޫލާއި ވަކިވާން އުޅޭކަން އިއުލާން ކޮށްފިއެވެ.
ނޮދަން ރީޖަނަލް ސެކަންޑަރީ ސްކޫލު (މިހާރުގެ ޖަލާލުއްދީން ސްކޫލު) 1998 ވަނަ އަހަރު ކުޅުދުއްފުށީގައި ހުޅުވުނީއްސުރެ ހިންގުމުގެ ދާއިރާގައި އިސް ރޯލުތަކެއް ފުރުއްވެވި ސައީދު އަހުމަދު ސްކޫލާއި ވަކިވާން އުޅޭކަން ޓްވިޓަރ ގައި ވަނީ ހާމަކޮށްފައެވެ. އަދި އިއްޔެ އޮތް އެސެމްބްލީގައި ވެސް އެތައް ދަރިވަރުން ތަކެއްގެ ލޯބި ލިބިފައިވާ ސައީދު އަހުމަދު ވަނީ އެވާހަކަ ހިއްސާ ކުރައްވާފައެވެ.
ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސައީދު އަހުމަދު ވިދާޅުވީ، ޖަލާލުއްދީން ސްކޫލާއި މިވަގުތު ވަކިވި ކަމުގައި ވިޔަސް މުސްތަޤްބަލުގައި ވެސް ފުރުސަތު ލިބިއްޖެނަމަ ޖަލާލުއްދީން ސްކޫލަށް އެނބުރި އަންނާނެއެވެ.
“ޖަލާލުއްދީން ސްކޫލާ މިވަގުތަށް ވަކިވި ކަމުގައި ވިޔަސް އަހަރެއް ދެއަހަރެއް ފަހުން އަނެއްކާވެސް ސްކޫލަށް އެނބުރި އައުން އެކަށީގެންވޭ. މިހާރު މިވަކިވެލަނީ ތަފާތު ތަޖުރިބާއެއް ކޮށްލަން.” ސައީދު ވިދާޅުވިއެވެ.
ސައީދު އަހުމަދު ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުން ވަކިވަނީ، ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ ޕްރިންސިޕަލް ކަމާއި ހަވާލުވުމަށެވެ. ނަމަވެސް ސައީދު ވިދާޅުވީ، މިއީ މާލެއަށް ހިޖުރަ ކުރުން ނޫންކަމަށާއި ދުރުނޫން މުސްތަޤްބަލެއްގައި ކުޅުދުއްފުއްޓަށް އެނބުރި އައިސް ޚިދުމަތް ކުރާނެކަމަށެވެ.
ސައީދު އަހުމަދަކީ ކުޅުދުއްފުށީ ގައި ތައުލީމީ ދާއިރާގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. 1987 ވަނަ އަހަރު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރައްވަން ފެއްޓެވިގޮޮތަށް 1995 ވަނަ އަހަރާއި ޖެހެން ދެން ހެޑްމާސްޓަރުގެ މަގާމު އަދާކުރެއްވިއެވެ. އޭގެ ފަހުން އަހަރެއްހައި ދުވަހު ސިންގަޕޫރުގައި އިތުރަށް ތަޢުލީމު ހާސިލް ކުރުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އައްޑު އަތޮޅުގައި ހުންނަ ސަދަން ސެކަންޑަރީ ސްކޫލުގައި ހެޑްމާސްޓަރުކަން ކުރެއްވިއެވެ. އޭގެ އަހަރެއް ފަހުން އޮސްޓްރޭލިއާއަށް ވަޑައިގެން މާސްޓާސް ހެއްދެވުމަށްފަހު ކުޅުދުއްފުއްޓަށް ވަޑައިގެން ނޮދަން ސެކަންޑަރީ ސްކޫލާއި ގުޅިވަޑައިގަތެވެ.
ނޮދަން ސެކަންޑަރީ ސްކޫލު (ޖަލާލުއްދީން ސްކޫލު) ގައި ސައީދު އަހުމަދު ވަނީ، އެސިސްޓެންޓް ޕްރިންސިޕަލްކަން، ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލްކަން، ޑެޕިއުޓީ ޕްރިންސިޕަލްކަން، އަދި ޕްރިންސިޕަލްކަން އަދާކުރައްވާފައެވެ. ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމާއި ސައީދު ހަވާލުވެލެއްވީ 2006 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް އެކިފަހަރު މަތިން ސްކޫލު ހިންގެވުމުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވީ ސައީދު އެވެ.
ސްކޫލު ހުޅެވި ފުރަތަމަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލުން އަންނަނީ ތަފާތު ރަނގަޅު ނަތީޖާތައް ނެރެމުންނެވެ. ސްކޫލުން ބައިވެރިވި ފުރަތަމަ ޖީސީއީ އޯލެވެލް އިމްތިހާނުގައި ލިބުނު އެއް “އޭ” އިން ފެށިގެން، މިއަދު ޖަލާލުއްދީން ސްކޫލު ވަނީ އެތައް ބައިވަރު “އޭ” ތަކެއް ހޯދާ ދަރިވަރުންނާއި ދުނިޔޭގެ އެއްވަނަ މަގާމުތައް ހޯދާ ދަރިވަރުން މުޖުތަމައުގެ ތެރެއަށް ނެރެދީފައެވެ.
ގިނަ އަހަރު ތަކަކަށްފަހު ސްކޫލުން ވަކިވި ކަމުގައި ވިޔަސް ގިނަ ދުވަހު އެކުގައި އުޅުނު ސްޓާފުންނާއި ސްކޫލު ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
“ހުރިހާ ދުވަހު އެކުގައި މަސައްކަތް ކުރެއްވި ސްޓާފުންނާއި މިތަން ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން.” ސައީދު ވިދާޅުވި އެވެ. “އަދި ދަރިވަރުންނަށް ބުނެލަން އޮތީ ޖަލާލުއްދީން ސްކޫލުގެ މޮޓޯ، (ޑިސިޕްލިންޑް އެންޑް ޑިޓާމައިންޑް) ގައި ބުނާފަދައިން އަހުލާގު ރަނގަޅު ހުލްގުހެޔޮ އަދި އަޒުމް ވަރުގަދަ ކުދިން ތަކެއްގެ ގޮތުގައި ތިބޭށޭ. އޭރުން ކިޔެވުމުގައި ވެސް އަދި ދިރިއުޅުމުގައި ވެސް ކާމިޔާބު ކުދިންތަކަކަށް ވާނޭ.”