އިބްރާހިމް ހަމީދު
ކުޅުދުއްފުށީ “ހިރަފުސް ދަނޑު” ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނިގެން އެދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ފަށައިފި އެވެ.
ކުޅުދުއްފުށީ އިރުމަތި އަވަށުގައި އޮންނަ “ހިރަފުސް ދަނޑު” ތަރައްޤީ ކުރުމުގެ މަސައްކަތް ރާވާ ހިންގުމަށް އުފައްދާފައިވާ ކޮމެޓީގެ ރައީސް މުހައްމަދު ހަސަން ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަށާފާރު ރޭނުމަށް ބޭނުންވާ 8000 ގައު ލިބުމާގުޅިގެން ފާރު ރޭނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.
މުޅި ދަނޑުގެ ވަށާ ފާރުގެ ފައުންޑޭޝަން އަޅާ ނިމިފައިވާ ކަމަށާއި އަދި ފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާއިރު ދަނޑު ދިއްލުމަށްޓަކައި ޖަހާ ލައިޓުތަކުގެ ބުޑު ވެސް އަޅާފައިވާ ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.
ކުރީގެ ގައުމީ އިދާރާއިން ތަކެތި ފޯރުކޮށްދެމުން އައިސް ވަކި ހިސާބަކުން ބަޖެޓްގެ ތާށިވެގެން ކަމަށް ބުނެ ތަކެތި ދެވެން ނެތްކަމަށް އެނގުމާއި ގުޅިގެން ހިރަފުސް ދަނޑުގެ މަސައްކަތް މަޑުޖައްސާލާފައި އޮތުމަށްފަހު، މިހާރު އަލުން އެ މަސައްކަތްތައް ފެށިފައިވާ ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވި އެވެ.
” ފުރަތަމަ އެންގީ އެކަމަށް ކިހާ ހަރަދެއް ހިގާނެތޯ އާއި ދާނެ ހަރަދު އެގޭނެހެން އަގު ހުށަހެޅުމަށް. (އެގޮތަށް އެންގުމުން) ހުށަހެޅި އަގަކީ 398،000 ރުފިޔާ. އެ އަގު ހުށައެޅުމުން ތަކެއްޗަށް ނުޖެހި މަސައްކަތް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނުމުން ދަނޑުގެ އެ މަސައްކަތް ފެށީ. ވަކި ހިސާބަކަށް މަސައްކަތް ދިޔަތަނުން ބަޖެޓް ނެތްކަން އެންގީ” ކޮމެޓީގެ ރައީސް މުހައްމަދު ހަސަން ވިދާޅުވިއެވެ.
ކުޅުދުއްފުށީ އިރުމަތީ އަވަށުގައި ޒަމާންތަކެއް ވަންދެން ފުޓްބޯޅަ ކުޅެމުން އައި ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގައި އެދަނޑުގެ ފަސްގަނޑު އެއްވަރުކޮށްފައި ވަނީ ކުޅުދުއްފުށީ މަގުހަދާ ޔުނިޓްގެ ވެހިކަލްތަކާއި އެމްޑަބްލިޔުއެސްސީގެ ވެހިކަލް ބޭނުން ކޮށްގެން ކަމަށާއި އަދި އެދަނޑު ދިއްލުމަށް ބޭނުންވާ ލައިޓިންގ ސިސްޓަމް ހަދިޔާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުން ކަމަށް ކޮމެޓީގެ ރައީސް ކުރިން ވަނީ ވިދާޅުވެފައި އެވެ. އަދި ދަނޑަށް ފެންޖެހުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައިވަނީ ކުޅުދުއްފުށީ ވައްތީނިގެ އަހްމަދު އާދަމް ކަމަށާއި އޭގެ އިތުރުންވެސް ވަރަށް ގިނަ ފަރާތްތަކުން އެދަނޑު ހެދުމަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑު ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ 30 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ދަނޑު ތަރައްޤީކުރާ ކޮމެޓީން ބުންޏެވެ.