.
ނަބީލް
މުހިންމު ކޮންމެ އެއްޗަކީ ބޭނުންވާ ވަރަށް ވުރެ ކުޑައެއްޗެކެވެ. ބައެއް އެއްޗެހި މުހިންމުވަނީ ކުޑަވީމައެވެ. އަނެއްބައި އެއްޗެހި ކުޑަވަނީ މުހިންމުވީމައެވެ. އެހެންވީމާ އުފާވެރި އަހަރުތަކަކަށް ނިސްބަތްކޮށް ބުންޏަސް އަހަރެމެން ބުނަނީ އުފާވެރި ދުވަސްތަކެއް ކަމުގައެވެ. އުފާވެރިކަމުގެ މުހިންމު ކަމަށްޓަކައި ދިގުލައިގެން ދިޔަ އުފާވެރިކަން ދުވަސްތަކަކަށް ކުރުވަނީ އެވެ. ވަގުތުކޮޅެއްގެ ހިތާމަވެސް ހިތާމަވެރި އަހަރުތަކެއް ގޮތުގައި ސިފަ ކުރަން އޮންނަނީ ޖެހިފައެވެ. ހިތާމަޔާއި މެދު އޮންނަ ދެކޮޅުވެރިކަމަށްޓަކައި އޭގެ ހިނދުކޮޅެއްވެސް އިހުސާސުގައި ވަނީ ލައްކަ ގިނަ ވަގުތަށެވެ.
ކުރިމަތިވެގެން މި އަންނަނީ އެވަގުތެއްގެ ހަޤީޤަތް އެނގިއްޖެ ނަމަ އަހަރުގައި އަންނަ އެންމެ މުހިންމު ހިނދުކޮޅެވެ. އޭގެ ޙަޤީޤަތް ނޭނގޭ ނަމަ ފޫހިކަމާއި ވަރުބަލިކަމުގެ ދިގުވެގެންވާ މޫސުމެކެވެ.
މާތްރަސްކަލާނގެ އިރާދަފުޅާއެކު ދިރިދުނިޔޭގައި ތިބެވުނިއްޔާ މާލަސްތަކެއް ނުކޮށް މިދެންނެވި މަތިވެރިވެގެންވާ ހިނދުކޮޅު ކަމުގައިވީ މާތް ވެގެންވާ ރޯދަމަހާއި އަހަރެމެން ބައްދަލުކުރާނަމެވެ. އެމަހުގެ ބަރަކާތާއި ރަޙްމަތް، ފުއްސެވުމާއި ރުއްސެވުން، ހާސިލުވުމުގެ މަގުމައްޗަށް ނުކުންނާނަމަވެ.
ރޯދައަކީ އިސްލާމްދީން އެމައްޗަށް ބިނާވި ފަސް ރުކުނުން އެއް ރުކުނެވެ. ރޯދަ ފަރުޟުކުރެއްވުމުގެ މުހިންމު މައިގަނޑު ބޭނުމަކީ ތަޤްވާވެރިވުމަށް ހިތްވަރު ލިބިގަތުމެވެ. ތަޤްވާއަކީ ﷲ އަށް ބިރުވެތި ވުމާއި އެކަލާނގެއަށް ލޯބިވުމާއެކު އެކަލާނގެ މަތިވެރިކުރުމުގެ ގޮތުން އަމުރުފުޅުތައް ގެނެސްގަތުމާއެކު ނަހީތަކުން ދުރުވެގަތުމެވެ.
ރޯދައަށް ތިބޭއިރު އަހަރެމެން މިތިބެނީ އަހަރެމެންގެ އެންމެ މުހިންމު އަސާސީ އެންމެހާ ދަހިވެތިވުމަކުން ދުރުހެލިވެގެންނެވެ. އެއްވެސް ފަރާތަކަށްޓަކައި މިފަދައިން ތިމާގެ އެންމެ މުހިންމު ޟަރޫރީ އެދުންތަކުން ދުރުވެގަތުމީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ނިކަމެތިވެގަތުމުގެ ނިހާޔަތެވެ. ބިރުގަތުމާއި ލޯބީގެ ކުރިބޯއްޓެވެ. އަމިއްލަ ނަފުސަށްވުރެ އެ ފަރާތެއް ތިމާގެ ގާތުގައި މަތިވެރިކަން އިޢުލާނުކުރެވޭ އެންމެ މުހިންމު އެއް ވަސީލަތެވެ.
ރޯދައިގެ ސަބަބުން އަހަރެމެންނަށް ދަސްވެގެން ދަނީ ނަފުސުގެ ދަހިވެތިކަން ހަމަ މިނަށް މީޒާންކުރުމުގެ ފިލާވަޅުތަކެވެ. ބޭނުންތަކާއި އިޙްސާސްތައް ކޮންޓުރޯލުކުރުމުގެ ތަމްރީނުތަކެވެ. ވަގުތާއި ވަގުތުގެ މުހިންމު ކަމެވެ. ކަމަކަށް ކަނޑައެޅޭ ވަގުތަކަށް އެކަމެއް ޚާއްސަކުރުމުގެ ބޭނުންތެރިކަމެވެ.
ރޯދަ އަހަރެމެންނަށް އުފުލައިދެމުން އެދަނީ ފަޤީރުންގެ އިހުސާސްތަކެވެ. ދުނިޔޭގެ އެކި ތާނގައި ހައިހޫނުކަމުން މަރުވަމުންދާ އިންސާނުންގެ ޝަކުވާތަކެވެ. އިންސާނުން އެކަންޏެއް ނޫނެވެ. ހަނަފަސްވަމުންދާ ދަނޑުބިންތަކާއި ފެނަށްތެޅި މަރުވަމުންދާ ޖަނަވާރުތަކުގެ ޝުޢޫރުތައްމެއެވެ. ރޯދަ ބުނާ ފަދައެވެ. އިޙްސާސްކުރާށެވެ. އަހަރެމެންގެ އިޙްސާސްތައް ދަނެ އަހަރެމެންގެ ޝަކުވާތަކަށް އިޖާބަދީ، ކަލޭމެންނަށް ލިބިފައިވީ ނިޢުމަތްތަކުން ކޮންމެވެސް މިންވަރެއް ވެވުނު ގޮތަކުން ޞަދަޤާތް ކޮށްލަދޭށެވެ.
މިފަދަ އަގުހުރި ފުރުސަތައިގެން އަންނަ ހިނދުކޮޅަށްޓަކައި ކަމަރުބަނުމުގެ ވަގުތުއައިސް ޖެހިއްޖެއެވެ. އަޅުކަމުގައި ހީވާގިވެލާ، މާތްރަސްކަލާނގެ ފޮތުގައި ހުރި މާތް އިރުޝާދުތަކަށް ނަޒަރު ހިންގާލާ، ވާޖިބުތަކާއި އެކު ބައެއް ސުންނަތްތައް އަދާކުރުމަށް އަތުކުރި އޮޅާލަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. ބަދަލުކުރެވުންދާ ރޯދައަށް މަރުހަބާ ކިޔުމުގެ މެސެޖްތަކާއި އެކު ތިމާގެ އުޅުންތަކާއި ޢަމަލުތައް ވެސް ބަދަލުކުރެވެމުން ދިއުމުގެ ސާޢަތް ލައިގަނެއްޖެއެވެ.