.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީހެއް ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ހުޅުވާގޮތައް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާއިން އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސް ދައްކާ ފަރާތްތަކާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށް މީރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނިގެން ކުޅުދުއްފުށި އަދި އައްޑޫ ގައި މީރާގެ އޮފީހެއް އަންނަ މަހުގެ ކުރީކޮޅު ހުޅުވަން ހަމަޖައްސާފައިވާ ކަމަށެވެ.
މީރާއިން ބުނީ ކުޅުދުއްފުށީގައި ހުންނަ މީރާގެ އޮފީސް އަންނަ މަހުގެ 2 ވަނަ ދުވަހު ހުޅުވޭ ވަރު ވާނެކަމަށެވެ. އެގޮތުން މިހާރު މީރާގެ ރީޖަނަލް އޮފީސްތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މީރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައްޑޫ އޮފީސް ހުޅުވުމުގެ މަސައްކަތް ލަސްވެފައިވަނީ މީރާ ގެ އޮފީސް ހުޅުވުމަށް ފިނޭންސް މިނިސްޓްރީ އިން އެއޮތޯރިޓީއަށް ދީފައިހުރި އިމާރާތް އައްޑޫ ސިޓީ ކައުންސިލުން ބޭނުން ކުރަމުން ގެންދާތީ ކަމަށާއި، އިމާރާތް ހުސްކުރުމަށްފަހު މީރާއާއި ޙަވާލުކުރުމަށް މުއްދަތެއް ދެވިފައިވާ ކަމަށެވެ. އަދި އެކަން ހަމަޖެހުމުން ކައިރި މުސްތަޤްބަލެއްގައި އެ އޮފީސްވެސް ހުޅުވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އެ އޮތޯރިޓީއިން ބުނެއެވެ.
މީރާ ގެ ދަފްތަރުގައި 12000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާއިރު އޭގެ ތެރެއިން 900 އަށްވުރެ ގިނަ ވިޔަފާރި އަކީ އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިތަކެވެ. އަދި 800 އަށްވުރެ ގިނަ ވިޔަފާރިއަކީ އައްޑޫ ސަރަޙައްދުގެ ވިޔަފާރިތައް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު ގެ ދަށުން 3700އަށްވުރެ ގިނަ ފަރާތް އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރެއިން 240އަށްވުރެ ގިނަ ފަރާތަކީ އައްޑޫ ސަރަޙައްދު ގެ ވިޔަފާރިވެރިންކަމަށާއި 130އަށް ވުރެ ގިނަ ވިޔަފާރިވެރިންނަކީ އުތުރު ގެ އަތޮޅުތަކުގެ ވިޔަފާރިވެރިން ކަމަށް އެ އޮތޯރިޓީއިން މަޢުލޫމާތު ދެއްވައެވެ.
ރާއްޖޭ ގެ އެކި ކަންކޮޅުގައި ޓެކްސްދައްކާ ފަރާތްތައް ހަރަކާތްތެރިވަމުންދާއިރު، ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން މީރާ ގެ މައިގަޑު މަޤްޞަދުތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމުގައި ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތް ކުރުމާއި ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން ހިމެނޭ ކަމަށް މީރާގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.