twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ: ރައީސް ވަހީދު

Jul 26, 2012

.

އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން މިރޭ ބޭއްވި ރަސްމީ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ކުރިން ވަރަށް އަމާން ސުލްހަވެރި އެކުވެރި ތަނެއް ކަމުގައި ވިދާޅުވި އެވެ. އަދި މިއަދުވެސް އެދިވަޑައިގަންނަވަނީ އެފަދަ އެކުވެރިކަމާއި ސުލްހަވެރިކަމާއެކީ މަގުތަކުގައި އުޅުމުގެ ފުރުޞަތު އޮތުންކަމުގައި ވިދާޅުވި އެވެ.

“ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި، ދުނިޔޭގައި އޮތް އެންމެ ރީތި އެއް ޤައުމު ކަމުގައި ދެކޭ ޤައުމެއް. އަދި ދިވެހިރާއްޖެއަކީ ތަނަވަސް، ފާގަތި، އޮމާން، އަމާން، ޞުލްޙަވެރި، އެކުވެރި ތަނެއް. އަޅުގަނޑުމެން ބޮޑުވަމުން އައިއިރުގައި، ދިވެހިރާއްޖެއަކީ ވަރަށް ޞުލްޙަވެރި، ވަރަށް އެކުވެރި ތަނެއް. އަޅުގަނޑު ހަނދާން އެބަހުރި، މި ޗާނދަނީ މަގުގައި އަޅުގަނޑުމެން ނުކުމެ، އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންނާ އެކީގައި ފުޓްބޯޅަ ކުޅެން އުޅޭ ހަނދާން. އާދެ! ޒަމާން މިއޮތީ ބަދަލުވެފައި. ރާއްޖޭގެ ރަށްތައް މިވަނީ ބަދަލުވެފައި. އަދި އަޅުގަނޑުމެންވެސް މިތިބީ ވަރަށް ބޮޑަށް ބަދަލުވެފައި. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދުވެސް ކުރާ އުންމީދަކީ، ޞުލްޙަވެރިކަމާ އެކީގައި، އަޅުގަނޑުމެންގެ ރަށްތަކުގައި، މަގުމަތީގައި އުޅުމުގެ ފުރުޞަތު އޮތުން. އަޅުގަނޑުމެންގެ ދަރިންނާ އެކުގައި، އަޅުގަނޑުމެންގެ ކާފަ ދަރިންނާ އެކުގައި މަގުމަތީގައި ހިނގާލުމުގެ އުންމީދު. އަދި ހަމައެހެން، މަގުމަތިން އަޅުގަނޑުމެންގެ ރަޙްމަތްތެރިންނާ ދިމާވެ، ސަލާމް ކޮށްލައި، ޙާލު އަޙުވާލު އަހާލުމުގެ ފުރުޞަތު.” ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އަމާން ސުލްހަވެރި އަދި އެކުވެރި ވެއްޓެއް ގާއިމުކުރުމަށްޓަކައި އެކަކު އަނެކެއްގެ ޝަކުވާ އަޑުއެހުން މުހިއްމު ކަމުގައި ވިދާޅުވި އެވެ. އަދި އެކަކު އަނެކަކަށް އަޅާލާ މިހާރަށްވުރެ ބޮޑަށް އެކަކު އަނެކަކަށް ހެޔޮކޮށް ހިތަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިދެންނެވި އުންމީދުތަކަކީ، މިއީ ޙަޤީޤަތަކަށް ހެދިދާނެ. މި ހުވަފެންތަކަކީ އަޅުގަނޑުމެންނަށް ހޯދިދާނެ ހުވަފެންތަކެއް. އެހެން ނަމަވެސް، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އެގޮތުން، މިއަދު އަޅުގަނޑުމެން އެންމެންވެސް އެބަޖެހޭ، މިހާރަށްވުރެ ބޮޑަށް އެކަކު އަނެކަކާ އަޅާލަން. އެކަކު އަނެކަކަށް ހެޔޮކޮށްހިތަން. ދޫކުރަން. އަދި އެއްބަޔަކު އަނެއް ބައެއްގެ ޝަކުވާ އަޑުއަހަން. ހަމައެހެން، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތަށްވުރެ އިސްކުރަން.” ރައީސް ޑރ ވަހީދު ވިދާޅުވި އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ދާރުލްއާސާރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ބޭރުގައުމުތަކުގެ ޑިޕްލޮމެޓުންވެސް ބައިވެރިވެވަޑައިގަތެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށްއުޅުއްވާ ގިނަ ބަޔަކު އެބައްދަލުވުމުގައި ބައިވެރިވެޑައިގެންފައި ވެއެވެ.

މިނިވަން ދުވަހުގެ ހާއްސަ ރަސްމިޔާތު މާދަމާ ރޭ ބާއްވާއިރު މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ސްކޫލު ކުދިންގެ އައިޓަމްތައް ވަނީ ފަސްކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355