.
ގައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެންމެ މުހިއްމު ކަމަކީ މާތްވެގެންވާ އިސްލާމްދީން ހިމާޔަތް ކުރުން ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 47 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ ވަހީދު ވިދާޅުވީ، މިނިވަންކަން ރައްކާތެރިކުރުމުގެ މަސައްކަތް ކުރާއިރު އިސްލާމްދީނާއި ގައުމުގެ ދީފާއީ ބާރުގެ ސަފުތައް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ދިވެހިންގެ އެއްބައިވަންތަ ކަމުގެ ސަފުތައް އިތުރަށް ބަދަހި ކުރަންޖެހޭ ކަމަށެވެ.
“ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެންމެ މުހިންމު ކަމަކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރުން. ޤައުމުގެ ދިފާޢީ ބާރުގެ ސަފުތައް ވަރުގަދަ ކުރުން. ހަމައެއާއެކު، އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ ސަފުތައްވެސް އިތުރަށް ބަދަހިކުރުން.” ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ތާރީހުގެ މައްޗަށް އަލިއަޅުއްވާ ލެއްވި އެވެ. އެގޮތުން މިނިވަންކަން ހޯއްދަވައި ދެއްވި ފަރާތްތަކަށާއި ގައުމަށް ދިމާވި މުހިއްމު ހާދިސާތަކުން ގައުމު ސަލާމަތްކޮށްދެއްވި ބޭފުޅުންގެ ހިދުމަތްތައް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.
“މިއަދު ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިން ހޯދާފައިވާ ޤައުމީ، ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަމަކީ، މި ޤައުމުގެ ތާރީޚުގެ އެކި ދުވަސްވަރު، ދިވެހިން ވަރަށްބޮޑު ހިތްވަރަކާއި ޤުރްބާނީތަކެއްވެގެން ހޯދާފައިވާ މިނިވަންކަމެއްކަން ހަނދާންކުރަންޖެހޭ. އަދި އެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ޤައުމީ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން ހަނދާންކޮށް، އެބޭފުޅުން ޤައުމަށްޓަކައި ކުރެއްވި ޖިހާދުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ.” ރައީސް ވިދާޅުވި އެވެ. “ހަމައެއާއެކު، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ވެވަޑައިގެންނެވި ޤުރްބާނީގެ ހަނދާންތައްވެސް އަޅުގަނޑުމެން އާކުރަންޖެހޭ. އެ މަސައްކަތްޕުޅުތަކަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކު ފަޚުރުވެރިވާނެ އަދި ހެޔޮ ހިތުން ބަލައިގަންނާނެ މަސައްކަތްޕުޅުތަކެއް. އަދި ހަމައެހެން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، ޙިމާޔަތް ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީއާއި، ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭ.”
ރައީސް ޑރ. ވަހީދު ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބިފައިވާ ޑިމޮކްރެޓިކް ވެއްޓަކީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ލިބުނު ވެއްޓެއްކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ވުރެ ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ހައްގުތައް ކަށަވަރުކޮށްދީފައި އޮތް ދުސްތޫރެއް އޮތް އެހެން ގައުމެއް ނެތްކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެޓިކް ވެށްޓަކީ، މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަރަށް ހަލުވި ބާރުމިނެއްގައި ޤާއިމުވެފައިވާ ވެށްޓެއް. އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ މިނިވަންކަމުގެ ކުރިއެރުމާ އެއްވަރަށް އިޖްތިމާޢީ އަދި ސިޔާސީ ޙާލަތަކީ މިވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި” ރައީސް ވިދާޅުވި އެވެ.
“އެހެން ނަމަވެސް، ފަރުދުންނަށް ޤާނޫނު ލިބިދޭ ރައްކާތެރިކަން ހޯދައިދީ، ހަމަޖެހޭ މުޖްތަމަޢެއް ޤާއިމު ކުރެވޭނީ، އަލަށް ބިނާކުރެވެމުންދާ ޑިމޮކްރެޓިކް ނިޒާމުގައި ހުރި އަޑިގުޑަންތަކާއި، ތޫނު ކަންތައްތައް އޮމާން ކުރެވިގެން. ހެޔޮވެރިކަމެއް ޤާއިމް ކުރެވޭނީ، މިދެންނެވި ތޫނުކަމާއި، އަޑިގުޑަންތައް ފިލުވާލައިގެން. އޮމާން އަމާން ޑިމޮކްރަސީއެއްގެ ފުރިހަމަ ހިޔާ އަޅުގަނޑުމެންނަށް ލިބެންދެންވެސް އިޚްލާޞްތެރިކަމާއެކު، ހެޔޮވެރިކަމެއް ކޮށްދެވިގެން. ނިޒާމުގައި ހުރި އުނިކަންތައްތަކުގެ ބޭނުން، ނަހަމަގޮތުގައި ނުކޮށް، ނިޒާމުގެ ބޭރަށް ނުގޮސް، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެވިގެން. އަދި ހެދިފައިވާ ޤާނޫނުތަކަށާއި، ގަވާއިދުތަކަށް ބޯލަނބައި، ޤާނޫނުގެ ވެރިކަން ދަމަހައްޓައިގެން.”
މިނިވަންކަމުގެ ވާހަކަ ދައްކާއިރު ގައުމުގެ ހާލަތު އޮތްގޮތާމެދު ވިސްނާލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އިޖުތިމާއީ ފޭރާން ދަށްވެ ކުށްކުރުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ކުށްތަށް ކުރަމުންދާއިރު ބަލަން ތިބެވެން ނެތްކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ ކުރިމަތީގައި، މީހުން މަރަމުން، އެހެން މީހުންގެ އަބުރަށް އަރައިގަންނަމުން، ވައްކަން ކުރަމުން، ފޭރެމުންދާއިރު، އެ މަންޒަރުތައް ބަލަން މިއަދު އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. މީހެއްގެ ފުރާނައަކީ، އޭގެ ޙައްޤު ބަދަލު ދެވޭނެ އެއްޗެއްތޯ؟ މީހުންގެ މުދަލަށާއި ތަންތަނަށް ގެއްލުންދީ، މާރާމާރީ ހިންގުމަށް، އެކަންކުރާ ބަޔަކަށް ފުރްޞަތުދީގެން ތިބެން ވެއްޖެނަމަ، ޤައުމުގެ ޙާލަތު އޮންނާނީ ކިހިނެއްތޯ؟ ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދަމަހައްޓާނީ ކިހިނެއްތޯ؟ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބިދޭ މިނިވަންކަން ހޯދައިދޭނީ ކިހިނެއްތޯ؟”
ރާއްޖެއަކީ ޒަމާނުއްސުރެ އަމާން ސުލްހަވެރި ގައުމެއްގެ ގޮތުގައި ބޭރުގައުމުތަކުގައި މަޝްހޫރުވެފައިވާ ގައުމެއްކަމަށް ވިދާޅުވެ ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ވިދާޅުވި އެވެ. އަދި އެކަމަކީ އަންނަން އޮތް ޖީލުތަކަށާއި މުޅި ގައުމުގެ އިގްތިޞާދަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ނުރައްކަލެއްކަމަށް ވިދާޅުވި އެވެ.
“ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް، ރާއްޖޭގެ އަގު ވައްޓާލުމަކީ، އެބަޔަކަށް ލިބޭ ޝަރަފެއް ކަމަށް ދެކޭ މަދު ބަޔަކު، ދިވެހިންގެ ތެރޭގައި ތިބިކަމީ، ވަރަށް ހިތާމަހުރި ކަމެއް. މިއީ ދިވެހި ކޮންމެ ރައްޔިތަކު، އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލަންޖެހޭ ކަމެއް. ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާއިރު، ތިމާގެ ޤައުމަށްޓަކައި ތިމާގެ ހިތުގައި އޮތް ލޯތްބާއި، ޤައުމަށްޓަކައި ދެވިފައިވާ ޤަދަރު އޮތީ ކޮން ތަނެއްގައިކަމާމެދު ސުވާލު އުފެދޭ. އެހެންކަމުން، މުޅި ޤައުމަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް، ޤައުމުގެ މުސްތަޤްބަލުގެ ޖީލުތަކަށް އަސަރު ފޯރުވަނިވި އެއްވެސް ކަމެއް، އަޅުގަނޑުމެން ކޮށްގެން ނުވާނެ. އެކަމުގެ ގެއްލުން އާޚިރުގައި ލިބޭނީ، ހަމައެކަނި އެންމެ ފަރުދަކަށް ނޫން. އެ ގެއްލުން ލިބޭނީ މުޅި ރާއްޖެއަށް. ރާއްޖޭގެ ރައްޔިތުންނަށް. ރާއްޖޭގެ އިޤްތިޞާދަށް. އަދި މިއީ، ރާއްޖޭގެ މިނިވަންކަމަށާއި، ޤައުމުގެ އިސްތިޤްލާލަށް އޮތް ވަރަށްބޮޑު ނުރައްކަލެއް.”
ރާއްޖޭގެ މިއަދުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ރައީސް ޑރ ވަހީދު ވިދާޅުވީ، މިއަދު ޤައުމަށް ދިމާވެފައިވާ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަނުޖެހުމުގެ ތެރެއިން ސަލާމަތްވުމަށް، ރައްޔިތުންގެ އެއްބާރުލުން ބޭނުންވެލައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން، ދުސްތޫރީ އަދި ގާނޫނީ ވެރިކަން ފުރިހަމަ ކުރުމަށްޓަކައި ހުންނަންޖެހޭ ގާނޫނުތައް ނިންމަވައި ދެއްވުމަށް އިލްތިމާސްކުރެއްވި އެވެ.
“ތިޔަ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް، ޤައުމު މިއަދު ވަނީ ބޭނުންވެފައި. ސިޔާސީގޮތުން އެއް މިޞްރާބަކަށް ދިޔުމަށްޓަކައި ބޭނުންވަނީ ޤައުމުގެ މަޞްލަޙަތު އިސްކުރުން. ޤައުމުގެ ތަރައްޤީގެ އަމާޒުތަކަށް އެންމެންގެ ސަމާލުކަން ސީދާކުރުން.” ރައީސް ވިދާޅުވި އެވެ. “މިގޮތުން، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ދުސްތޫރީ އަދި ޤާނޫނީ ވެރިކަން ފުރިހަމަ ކުރުމަށްޓަކައި ޤާނޫނުތައް ފާސްކުރައްވައި ނިންމެވުމަށް އަވަސް މަސައްކަތްތަކެއް ކޮށްދެއްވުމަށް. އަޅުގަނޑުމެންގެ ޒަމާނީ ދުސްތޫރާ އެކަށީގެންވާ ޤާނޫނުލްޢުޤޫބާތެއް ނުވަތަ ޕީނަލް ކޯޑެއް އަވަހަށް ފާސްކޮށްދެއްވުމަށް. ހަމައެހެން، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ހިންގުމަށް ބޭނުންވާ ސިޔާސީ ޕާޓީތަކާއި، ކޯލިޝަން ސަރުކާރާބެހޭ ޤާނޫނެއްވެސް ފާސްކޮށްދެއްވުމަށް. ޤައުމުގައި ޖިނާއީ ޢަދުލުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި، ޖިނާއީ އިޖުރާޢަތުގެ ބިލް ފާސްކޮށްދެއްވުމަށް. މިދެންނެވި ޤާނޫނުތައް ފުރިހަމަކުރުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށާއި، ކުށްތައް މަދުކުރުމަށާއި، މުޅި ޤައުމުގެ ސަލާމަތާއި އަމަންއަމާން ކަމަށްޓަކައި ކުރަން ޖެހިފައިވާ މުހިންމު މަސައްކަތްތަކެއްކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ.”
ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ އެކިއެކި ބޭނުންތަކަށްޓަކައި ގައުމުގެ އާމްދަނީ އަށްވުރެ ބޮޑުކޮށް ހަރަދުކުރުމުގެ ސަބަބުން ވޭތުވެދިޔަ އަށެއްކަ އަހަރު ބަޖެޓަށް ލިބެމުން އައި ހީނަރުކަން މިއަދު މިވަނީ ގައުމީ ނާޒުކު ހާލަތަކަށް ގޮސްފައެވެ. ސިޔާސީ ގޮތުން ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި ވަގުތީ ފައިދާއަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި ގައުމަށް ދިމާވެފައިވާ ސިޔާސީ އަދި އިގްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ރައްޔިތުން އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
“އިޤްތިޞާދީ ގޮތުން މިއަދު ޤައުމު މިވަނީ ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައި. އެކިއެކި ސިޔާސީ ބޭނުމަށްޓަކައި، ޤައުމަށް އާމްދަނީ ލިބޭވަރަށްވުރެ ޚަރަދުތައް ބޮޑުކޮށް، މިވޭތުވެދިޔަ އަށެއްކަ އަހަރު ބަޖެޓަށް ލިބެމުން އައި ހީނަރުކަން، މިއަދު މިވަނީ ޤައުމީ ނާޒުކު ޙާލަތަކަށް ގޮސްފައި. ސިޔާސީ ގޮތުން ރައްޔިތުންގެ ރުހުން ހޯދުމަށްޓަކައި، މުސްތަޤްބަލަށް ވިސްނުމެއްނެތި، ވަގުތީ ފައިދާއަށްޓަކައި ޚަރަދުތައް ބޮޑުކުރަމުން ގޮސް، އަތްނުފޯރާ ހިސާބަށް ޚަރަދުތައް މިވަނީ ބޮޑުވެފައި. ޤައުމަށް ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުކޮށް، ޚަރަދުތައް ކުޑަކޮށްގެން މެނުވީ، އިޤްތިޞާދީ ހަމަޖެހުމެއް ގެނެވޭކަށް ނޯންނާނެ.
އެހެންކަމުން، ޤައުމަށް ދިމާވެފައިމިވާ ސިޔާސީ އަދި އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުން އަޅުގަނޑު އެދެން. އެގޮތުން، ސަރުކާރުން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށްޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަން މިހާރު މިވަނީ މަޖުބޫރުވެފައި. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުންދޭ ސަބްސިޑީތަކުގެ ޚަރަދުތައް ހަމަޖެހިފައިވަނީ، އޭގެތެރެއިން ބޮޑު ބައެއް، ރާއްޖޭގައި ދިރިއުޅޭ އެއްލައްކައަށްވުރެ ގިނަ ބިދޭސީންނާއި އަދި އެއަށްވުރެ ގިނަ ފަތުރުވެރިންނަށްވެސް ހޭދަކުރެވޭ ގޮތަކަށް. ކަން މިހެން ހުރުމާއެކު، މިފަދަ ބޮޑެތި ޚަރަދުތައް ކުރުމަށްޓަކައި މިދެންނެވި ގިންތިތަކުންވެސް މިހާރަށްވުރެ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބެން އެބަޖެހޭ.”
ރައީސް ވިދާޅުވި ގޮތުގައި ގައުމު ފަށާފައިވާ ޑިމޮކްރަސީގެ ދަތުރު ކުރިއަށް ގެންދަވާނެ ކަމަށާއި މިދުވަސްވަރު ޤައުމުގެ ނައު ދަތުރުކުރަމުން ދަނީ، ކިތަންމެ ގަދަ ކަނޑެއްގައި ކަމުގައިވިޔަސް، މޫސުމުގެ ވިއްސާރަ ނިމުމާއެކު، ޤައުމުގެ ދުވެލި އަވަސްވެ، ﷲގެ ރަޙްމަތްފުޅާއެކު، ނަލަ ދަތުރަކަށް އަނެއްކާވެސް ނުކުންނާނެކަމާމެދަކު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވި ގޮތުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
“މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ އިޚްތިޔާރުގައި މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު، އޭރު އިންތިޚާބު ކުރެވިފައިހުރި ނައިބު ރައީސަކީ އަޅުގަނޑު ކަމަށްވުމާއެކު، ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ)ގެ ދަށުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވީ، މި ޤައުމު ނުރައްކާތެރި ހަތަރު އަނގޮޅިއެއްގައި ވަނިކޮށް. ތަފާތު ސިޔާސީ ފިކުރުގެ ޕާޓީތަކާއެކު ސަރުކާރެއް އެކުލަވާލައި، މިވޭތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި، ޤައުމަށް ވަނީ ފަސޭހަ ނޫނަސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެވިފައި. ޤައުމުގެ ނައު ފަރަކަށް އެރިޔަނުދީ އަދި އަޑިޔަށްދިޔަނުދީ، ސިޔާސީ ކޮޅިގަނޑެއްގެ ތެރޭގައި ދަތުރު ކުރަމުން މިދަނީ، ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުރިހަމަކުރެވިފައިވާ މިއަށްވުރެ ހަމަހިމޭން ބަނދަރެއްގެ އިންތިޒާރުގައި.”
ޖުމުހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމިއްޔާތު ނިންމާލާފައިވަނީ ހާއްސަ ދުއާއެއް ކުރުމަށްފަހު އެވެ.