.
އިބްރާހިމް ހަމީދު
ރަށެއްގައި ހުންނަ ރަށު ކައުންސިލްގެ އިދާރާއަށްވުރެ އިސް އެހެން އިދާރާއެއް އެރަށެއްގައި ނުހުންނާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ކައުންސިލުގައި އަދި ރަށު ކައުންސިލުގެ އިދާރާގައި ވެސް މިނިވަން ދުވަހުގެ ދިދަ ނަގާފައިވާތީ ކުޅުދުއްފުށި އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ، މިހާރު އަމަލުކުރެވެމުން އަންނަ ލާމަރުކަޒީ ގާނޫނުގެ ދަށުން އެރަށެއްގައި ހުންނަ އެންމެ އިސް އިދާރާއަކީ ރަށު ކައުންސިލުގެ އިދާރާކަމަށާއި މިނިވަން ދުވަހުގެ ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ރަށު ކައުންސިލުގެ އިދާރާގައި ވެސް ކުރިއަށް ގެންދިޔައީ އެހެންވެގެން ކަމަށެވެ.
“ކައުންސިލްގެ ބެލެނިވެރިފަރާތް ކަމަށްވާ އެލްޖީއޭ އިން ވަނީ މި އިދާރާގައި ވެސް މިނިވަންދުވަހުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި.” ރަމީޒް ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހާ ގުޅިގެން ކަންތައްތަކެއް ރޭވިފައި ނެތް ކަމަށް ވިޔަސް އަންނަ އަހަރު ރަށުގައި ހުރި ސްކޫލުތަކާއި ގުޅިގެން މިއަށްވުރެ ކުލަގަދަކޮށް ކުރިއަށް ގެންދެވުމަށް ވިސްނާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާގައި މިރޭ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް އެވެ.