.
އިބްރާހިމްހަމީދު
ދިވެހިރާއްޖޭގެ ސާޅީސް ހަތްވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެގޮތުން ކުޅުދުއްފުށީ ދެ އިދާރާއެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
ރޭ ކުޅުދުއްފުށީގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހދ. އަތޮޅުކައުންސިލް އިދާރާ އާއި ކުޅުދުއްފުށީ ކައުންސިލް އިދާރާގައެވެ. ހދ. އަތޮޅު ކައުންސިލްގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދިދަ ނަންގަވައި ދެއްވީ ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރުއެވެ. އަދި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ދިދަ ނަންގަވައި ދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ.
ހދ. އަތޮޅު ކައުންސިލް އިދާރާގައި އޮތް މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވުމަށްފަހު އެ ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރު ދެއްކެވި ވާހަކައިގައި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބިގެންދިޔަގޮތަށް އަލިއަޅުވާލެއްވި އެވެ..
ޝުކޫރު ވިދާޅުވީ، މި ފާހަގަ ކުރެވޭ މިނިވަން ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 47 އަހަރު ފުރި އަދި 48 ވަނަ އަހަރު ކަމަށްވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށާއި ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭ ލޮބުވެތި ރައްޔިތުންނަށާއި އަތޮޅުގެ އެންމެހައި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ދެންނެވިއެވެ.
މިރަސްމިއްޔާތުގައި ކައުންސިލްގެ މެމްބަރުންނާއި ކުޅުދުއްފުށީގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ވެރިންނާއި ސްކޫލު ކުދިން ބައިވެރިވިއެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާއަކުންނެވެ.
ކުޅުދުއްފުށީ ކައުންސިލް ކައުންސިލް އިދާރާ ގައި ދިދަ ނެގަމަށް ވެސް ކުޑަ ރަސްމިއްޔާތެއް ބޭއްވިއެވެ. ކުޅުދުއްފުށީގައި ހދ. އަތޮޅު ކައުންސިލް އިދާރާގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތް އިރު، އެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ކީއްވެތޯ ސުވާލު ކުރުމުން ކައުންސިލްގެ ރައީސް ރަމީޒު ވިދާޅުވީ، ރަށެއްގައި ހުންނަ ރަށު ކައުންސިލްގެ އިދާރާއަށްވުރެ އިސް އެހެން އިދާރާއެއް އެރަށެއްގައި ނުހުންނާނެ ކަމަށެވެ.