.
އިބްރާހީމް ހަމީދު
ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީސްކޫލް (އައިޕީއެސް) އިން ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތްނިމި ނަތީޖާ ފާޅުކޮށްފި އެވެ.
އައިޕީއެސްގެ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ޖަލާލުއްދީން ސްކޫލް ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ކުޅުދުއްފުށީ ކައުންސިލް މެމްބަރު ޖަމްޝީދު މުހައްމަދު އެވެ.
ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލުގެ މިއަހަރުގެ ގުރުއާން މުބާރާތުގައި ނާސަރީ އާއި ޔޫކޭޖީ އަދި އެލްކޭޖީގެ ކުލާސްތަކުން ތިން އުމުރުފުރައިން 117 ދަރިވަރުން ވަނީ ބައިވެރިވެފައި އެވެ. މިއަހަރުގެ މުބާރާތުގައި ވަނަ ހޮވާފައިވަނީ ޔޫކޭޖީ އަދި އެލްކޭޖީ އުމުރުފުރައިގެ ބައިންނެވެ.
ގުރުއާން މުބާރާތުގައި މުޅި މުބާރާތުން 1 ވަނައަށް ހޮވިފައިވަނީ މުހައްމަދު ލަހްފާން ލުތުފީ މަލްމަލްގެ، 2 ވަނައަށް ހޮވިފައިވަނީ ލަޔާލް އަބްދުﷲ ކާޕެންޓްރީ، އަދި 3 ވަނައަށް ހޮވިފައިވަނީ އަލާ މުހައްމަދު ގަދަގެ އެވެ. މުބާރާތުން ވަނީ ގަދަ ދިހައެއް ހޮވާ އެ ދަރިވަރުންނަށްވެސް އިނާމު ދީފައި އެވެ.
އައިޕީއެސް ހިންގެވުމާއި ހަވާލުވެހުންނެވި ޝަމީމާ ހުސެއިން ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތުއްތުކުދީން ހިތްތަކުގަައި ގުރުއާނަށް ލޯބިޖައްސާ ގުރުއާން ކިޔަވަންދަސްކޮށްދީ އަދި ޕްރީ ސްކޫލު ނިމި ގުރޭޑް ތަކަށްދާއިރު އެކުދީންނަކީ އެފަދަ މުބާރާތްތަކުގައި ގުރުއާން ކިޔަވަން އެގޭނެ ކުދިންތަކަކަށް ހެދުން ކަމަށެވެ.
މިއަހަރުގެ އައިޕީއެސް ސްކޫލުގެ ގުރުއާން މުބާރާތް ކުރިއަށްދިޔައީ މިޖުލައިމަހުގެ 26 އިން 27 އަށް ދެދުވަހުގެ މުއްދަތަށް ޖަލާލުއްދީން ސްކޫލު ހޯލްގައެވެ.