.
އިބްރާހީމް ހަމީދު
ކުޅުދުއްފުށީ ކައުންސިލުން ބޮޑު ހަރަދެއްކޮށްގެން، ކުޅުދުއްފުށީގެ ވަށައިގެން ހެދި މަގުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭކަމަށް ބައެއް ރައްޔިތުން ބުނެފި އެވެ.
ކުޅުދުއްފުށި އޮންލައިން އާއެކު މައުލޫމާތު ހިއްސާކުރި ބައެއް ރައްޔިތުން ބުނެފައިވަނީ، ރަމަޟާން މަސް ފެށެން ވާއިރަށް ހެދި މަގުގެ ބައެއް ސަރަހައްދުތައް ވެހިކަލް ދުއްވަން ބޭނުން ނުކުރެވޭ ކަމަށެވެ. އެގޮތުން މަގު ހެދިއިރު މަގުގެ މެދަށް ވެޅި އަޅާފައިހުރި ނަމަވެސް ދެފަރާތް ބޭނުން ނުކުރެވޭ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. އަދި ރަށުގެ ވަށައިގެން ހެދި މަގުގެ ފުޅާމިން ކުޑަ ކަމުގެ ޝަކުވާވެސް ކުރެއެވެ.
“ކައުންސިލުން ބޮޑު ހަރަދު ކޮށްގެން މަގު ހެދިއިރު މަގުގެ ދެކޮޅު ބޭނުމެއް ނުހިފޭ. މަގުގެ މެދަށް ރީތިވެޅި އަޅާ ހަރުކޮށްފައި ހުއްޓަސް ދެފަރާތް އޮތްގޮތުން މަގުގެ ބޭނުމެއް ނުހިފޭނެ އެންމެ ރަނގަޅަކަށް.” މިނޫހާއެކު މައުލޫމާތު ހިއްސާކުރި އެކަކު ބުންޏެވެ. “ދެން އާބާދީ ބޮޑު ދުއްވާ އެއްޗެހި ގިނަ ރަށަކަށް ބަލާއިރު މަގު ހަނިކަންވެސް ފާހަގަކޮށްލަން”
ކުޅުދުއްފުށީގެ ވަށައިގެން ދަތުރުކުރެވޭ ގޮތަށް ހެދި މަގާ ބެހޭގޮތުން ކުޅުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ، ކައުންސިލުން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހެދި މަގުގެ 50 ފޫޓުގެ ސަރަހައްދެއް ފަސްމަޑުކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އެމަގުން ހަތަރު ފުރޮޅުލީ ވެހިކަލް ތަކަށް ދުއްވޭނެ ކަމަށެވެ.
ރަމީޒް ވިދާޅުވީ އެސަރަހައްދު ހަރުނުކޮށް މަޑުކުރީ އަޑީގައި ހުރި ގަސްބުޑުތަކާއި ޗަކަ ހުރުމުން އެސަރަހައްދު ވެލިއަޅާ ހިއްލާލަން ޖެހޭތީ ކަމަށެވެ. އަދި މަގުގެ ދެވަނަ ފޭސްގެ މަސައްކަތް ފެށުމުން އެމަސައްކަތް ކުރިއަށް ދާނެ ކަމަށް ރަމީޒް ވިދާޅުވި އެވެ.
ރަށުގެ ވަށައިގެން ހެދި މަގުގެ ފުރަތަމަ ފޭހުގެ މަސައްކަތް ރަމަޟާން މަހަށް ނިންމާލާފައިވާއިރު އެމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަމަޟާން މަސް ނިމުމުން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެއެވެ. ދެވަނަ ފިޔަވަހީގައި ނިންމާފައިވަނީ ރަށުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ކުނިކޮށްޓާއި އެމްޑަބްލިޔުއެސްސީ ސަރަހައްދުގެ މަގު ހެދުން ކަމަށް ކައުންސިލުން ބުނެއެވެ.