.
އިބްރާހިމް ހަމީދު
ކުޅުދުއްފުށީގެ އެންމެ ދުވަސްވީ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ، އެކައުންސިލުގެ މުނިސިޕަލް ހިދުމަތްތަކާބެހޭ ބައިގެ ވެހިކަލްތައް ބޭނުންކޮށްގެން ކުރިއަށްދާ އެމަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އެ ވެހިކަލްތަކަށް އަޅަން ބޭނުންކުރާ ތެލަށް އެކަނިވެސް ގާތްގަނޑަކަށް 12000 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ރަމީޒް ވިދާޅުވީ އެމަސައްކަތަކީ، ޒިގްޒެގް ފޮރ ޔޫތް ލިންކޭޖް ޖަމިއްޔާއިންނާއި އެ ދަނޑަށް ކުޅެންދާ ބައެއް ކުދިން ކައުންސިލުގައި އެދުމުން އެކައުންސިލުގެ ހަރަދުގައި އަދި އެއިދާރާގެ ވެހިކަލްތައް ބޭނުންކޮށްގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
“ދަނޑަކީ ވަރަށް އަޑި ތަނަކަށްވާތީ ފެންގަނޑު ހެދޭތީ ދަނޑުގެ ގޯތިތެރެއަށް ވުރެން ދަނޑު ސަރަހައްދު މެދަށް ހިއްލާލާފައި ފެން ނުހެދޭނެ ގޮތަކަށް ދެފަރާތަށް ސުލޯޕްލާފައި ފަސްގަނޑު ލެވެލް ކުރެވިގެންދާނީ” މަސައްކަތް ކުރިއަށްދާ ގޮތާބެހޭގޮތުން ރަމީޒް ވިދާޅުވި އެވެ.
މިހާރު މަސައްކަތް ނިމިފައިވާ ވަރަށް ބަލާފައި ދަނޑުގެ ފަސްގަނޑު ޖަހައި ބިންގަނޑު ހަރުކުރުމުގެ މަސައްކަތް މިހަފްތާ ނިމެންވާއިރަށް ނިމޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ރަމީޒް ވިދާޅުވި އެވެ. އަދި މިވަގުތު ވިސްނާފައިވަނީ ދަނޑުގެ ގޯތި ތެރެއަށްވުރެ އުސްކޮށްލާ ފެންނުހެދޭ ވަރުކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރަސްމީ ބޯޅަ ދަނޑުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކުޅުދުއްފުށީ ޒިގްޒެގް ޖަމްއިއްޔާގެ އޮފިޝަލެއް ކަމަށްވާ އަހުމަދު އަބްދުﷲ ވިދާޅުވީ އެޖަމިއްޔާއިން އިސްނަގައިގެން ކައުންސިލުގެ މެޝިނަރީ ބޭނުންކޮށްގެން ކުރިއަށްދާ އެމަސައްކަތުގައި ޖަމިއްޔާގެ މެމްބަރުންނާއި އެދަނޑަށް ކުޅެންދާ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.