twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަތިއުތުރު ސަރަހައްދުގެ ކުރީގެ ސްޓޭޓް މިނިސްޓަރ ހުނައިފުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވައިފި

Jul 30, 2012

.

ހއ. އިހަވަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ހަވާލުކޮށްފައިވާކަން ފަޅާއަރައި، މަތިއުތުރު ސަރަހައްދުގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ހއ. އަތޮޅުގެ އިސްމަގާމުތަކުގައި ތިއްބެވި ތިން ވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕުރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ދައުވާކުރުމަށް ޕީޖީ އަށް ހުށަހަޅާފައިވަނީ، މަތިއުތުރު ސަރަހައްދުގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފްގެ އިތުރުން ހއ. އަތޮޅުވެރިޔާގެ ކުރީގެ މުއާވިން މުހައްމަދު ނަސީރާއި ގައުމީ އިދާރާގެ ހއ އަތޮޅު ކޯޑިނޭޓަރގެ މަގާމުގައި ކުރިން ހުންނެވި އަލީ ނަސީރު އާދަމާއި ހއ އަތޮޅު މޮޅަދޫ އޮފީހުގެ ކުރީގެ ކަތީބު މުހައްމަދު ސަމީރުގެ މައްޗަށެވެ.

އޭސީސީން ބުނީ އިހަވަންދޫ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ތަފާތު އަގުތަކެއް ހުށަހަޅާފައިވާ ފަރާތްތަކަށް އެއްވަރަކަށް ޕޮއިންޓްދީފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރިއިރު، އެ ބިޑްތަކަށް ޕޮއިންޓްދީފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި އިއުލާނާއި ގުޅިގެން މައުލޫމާތު ދިނީ ކަނޑައަޅާ ހާމަކޮށްފައި އޮތް މިންގަނޑަކަށް ނޫން ކަމަށާއި މާކްސް ދިން މިންގަނޑަކީ ޢިޢުލާނާއި ގުޅިގެން ބިޑްތައް ހުށަހެޅިފަހުން ތައްޔާރުކޮށްފައިވާ މިންގަނޑެއް ކަމަށެވެ.

އޭސީސީން ބުނީ ބިޑްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދީފައި ވަނީ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށާއި ބިޑް ހުށަހެޅި ވަކި ފަރާތަކަށް ޕޮއިންޓް އިތުރަށް ދީފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގެން ނެތް އިރު، މާކްސް ދިނުމުގައި އެއް ބަޔަކަށް އިސްކަންދީފައިވާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އިހަވަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މަސައްކަތް ހަވާލުކުރި މައްސަލައިގައެވެ. އެއީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށްވާތީ، ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355