.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ސާފު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަށް 40 މިލިޔަން ރުފިޔާ ލިބިފައިވާ ކަމުގައި އެ ބޭންކުން ހާމަކޮށްފިއެވެ.
ދިވެހި ރައްޔިތުން ސަރުކާރާއި ދިވެހި ރައްޔިތުން ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް އަށް 6 މަސް ދުވަހުގެ ސާފުފައިދާގެ ގޮތުގައި 40 މިލިޔަން ހިސާބުތަކުން ދައްކާފައި މިވަނީ, ހިންގުމުގެ ފައިދާގެ ގޮތުގައި 116.6 މިލިޔަން ރުފިޔާ ލިބި، އެއިން 76.5 މިލިޔަން ރުފިޔާ ޕްރޮވިޝަން އަށް ކެނޑުމަށްމަހުއެވެ. ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ޕްރޮވިޝަންގެ ގޮތުގައި 224 މިލިޔަން ރުފިޔާވަނީ ބަހައްޓާފައެވެ.
މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ބޭންކުގެ ހިންގުމުގެ ފައިދާއަކީ 263 މިލިޔަން ރުފިޔާ އެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އިންޓަރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 223 މިލިޔަން ރުފިޔާއިން 247 މިލިޔަން ރުފިޔާއަށް މައްޗަށް ގޮސްފައި ކަމަށް ބޭންކުން ހާމަކޮށްފައިވާ ބަޔާނުގައި ވެއެވެ.
މިކާމިޔާބީ އާއި ގުޅުގެން ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ ޕީޓަރ ހޯޓަން ވިދާޅުވީ، ބީއެމްއެލް އަށް އަލުން ފައިދާވާން ފެށިކަން ޙިއްސާދާރުންނަށް ދެންނެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“ޚަރަދުތައް ކޮންޓްރޯލްކޮށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކްގެ ހިންގުމުގެ ފައިދާ ވަރަށް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓޭތާ ދުވަސްތަކެއް ވެއްޖެ. މިއަދު އިއުލާނު ކުރެވުނު ސާފު ފައިދާއަކީ އޭގެ ފޮނި ނަތީޖާ.” މިދިޔަ އަހަރުގެ ފެބްރުއަރީގައި ބެންކްގެ ސީއީއޯ ކަމާއި ހަވާލުވިފަހުން ހެޔޮބަލުތަކެއް ގެންނަމުންދާ ޕީޓަރ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި 2011 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުންއިރު ބޭންކުގެ ފައިދާ ރިކޯޑް މިންވަރަކަށް އިތުރު ވެފައިވާ ކަމަށް ވަނީ ދައްކާފައެވެ. 2011 ވަނަ އަހަރު ބޭންކް ގެ އާމްދަނީ ވަނީ އެއް ބިލިޔަނަށް އަރާފައެވެ.