.
ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނީގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ އެމައްސަލަ ވަކި ގޮތަކަށް ނިމެންދެން އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑް އުވާނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން އިއްޔެ ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ޕަވަރ އިންޖިނިއަރިން ޕުރައިވެޓް ލިމިޓެޑުން އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑް ހޯދާފައިވާ ހިދުމަތްތަކާއި ނަގާފައިވާ ތަކެތީގެ އަގަށް މިހާތަނަށް ދައްކަންޖެހި ނުދައްކަވާ ފައިސާއާއި ދައްކަންޖެހޭ ޖޫރިމަނާއަށްވާ ފައިސާ ހޯދުމަށް އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑްގެ މައްޗަށް ޕަވަރ އިންޖިނިއަރިން އިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ހުށަހެޅި ޕަވަރ އިންޖިނިއަރިން އިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ، އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑްގެ މުދަލާއި ތަކެތި އެހެންފަރާތަކަށް ބަދަލުކޮށް އެކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުންދާތީ، އެފަދައިން ޔުޓިލިޓީސް ކުންފުނި އުވާލައިފިނަމަ އެކުންފުނީގެ ފަރާތުން ޕަވަރ އިންޖިނިއަރިން އަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގާބިލުކަމުން ޔުޓިލިޓީސް ލިމިޓެޑް މަހުރޫމްވެގެންދާނެ ކަމަށާއި އެކަމަކީ ޕަވަރ އިންޖިނިއަރިން އަށް އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ބުނެ އެވެ.
މިމައްސަލާގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ ޕަވަރ އިންޖިނިއަރިންގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަކީ ޝަރީއަތުގެ ފަރާތުން ނެރެދޭންޖެހޭ އަމުރެއްތޯ ބެލިބެލުމުގައި އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑްގެ ފަރާތުން ޕަވަރ އިންޖިނިއަރިން ޕުރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދެއްކިވާ ގިނަ އަދަދެއްގެ ފައިސާވާކަމަށް ފުރަތަމަ ބަލާލުމުން އަންގައިދޭ ހެކިތަކެއް ދައުވާއާއި ގުޅިގެން ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕަވަރ އިންޖިނިއަރިންގެ ފަރާތުން ބުނެފައިވާ ފަދައިން ޔުޓިލިޓީސް ކުންފުނީގެ މުދަލާއި ތަކެތި އެހެން ފަރާތަކަށް ބަދަލުކޮށް އެކުންފުނި އުވާލުމަށް ނިންމާފައިވާކަން ޔުޓިލިޓީ ކުންފުނީގެ ބަހުން އެނގެން އޮތްކަމަށެވެ.
އަދި ޕަވަރ އިންޖިނިއަރިން އިން ޔުޓިލިޓީ ކުންފުނީގެ މައްޗަށް ފައިސާ ހޯދުމަށް ދައުވާ ކުރާ މައްސަލައެއް ޝަރީއަތަށް ހުށަހެޅި، އެކަމުގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އަޕަރ ނޯތް ޔުޓިލިޓީގެ ގާނޫނީ ހައިސިއްޔަތު ބަދަލުވުމަކީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަށް އެކަމުގެ ސަބަބުން އަސަރުކުރާނެކަމެއް ކަމުގައި ވެގެންދާނެ ކަމެއް ކަމަށް އެ އަމުރުގައި ބުނެފައި ވެއެވެ.
“ސިވިލް ކޯޓުގެ ނަންބަރު ގަޟިއްޔާގައި ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކިގޮތަކަށް އަންގަންދެން އަޕަރ ނޯތު ޔުޓިލިޓީސް ލިމިޓެޑް އުވާލުމުގެ އެއްވެސް ކަމެއް ނުކުރުމަށް އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑަށާއި، އަޕަރ ނޯތް ޔުޓިލިޓީސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އަދި ހިއްސާދާރުންނަށާއި، ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ” ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ވެއެވެ.
އަޕަރ ނޯތް ޔުޓިލިޓީސް ކުންފުންޏާއި ދެކޮޅަށް އަމިއްލަ ފަރާތަކުން ދައުވާކުރާއިރު، އެ ކުންފުންޏަށް ކުޅުދުއްފުއްޓާއި މަތިއުތުރު ސަރަހައްދުގައި އެކުންފުނިން ދޭން ހިދުމަތްތަކަށް ސަރުކާރުގެ ގިނަ އޮފީސްތަކުން ފައިސާ ދައްކާފައިނުވާކަން އެނގިފައިވެއެވެ. އެގޮތުން ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޔުޓިލިޓީ ކުންފުނިން ކުޅުދުއްފުށީގައި ހުރި އޮފީސްތަކަށް ކޮށްފައިވާ، ބޮޑެތި އަދަދުތަކުގެ ބިލްތަކަށް ފައިސާ ދައްކާފައިނުވާކަން މިނޫހަށް ވަނީ އެނގިފައި އެވެ.