.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށްގެން ކުޅުދުއްފުށި އޮންލައިން އާއި ކުޅުދުއްފުށީ ގައި ކޮމްޕިއުޓަރާއި ކޮމްޕިއުޓާ އެސެސަރީސްގެ ވިޔަފާރި ކުރަމުން އަންނަ ފިހާރައެއް ކަމުގައިވާ ކުއަންޓަމް އާއި ގުޅިގެން ބޭއްވި “ޕްރެޑިކްޓް އެންޑް ވިން އެސްއެމްއެސް ޗެލެންޖް” މުބާރާތުގެ ވަނަތައް ހޯދިފަރާތްތަކަށް އިނާމު ހަވާލު ކޮށްފި އެވެ.
ކުޅުދުއްފުށީ އޮންލައިންގެ އޮފީހުގައި ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމުތައް ދެއްވީ ކުޅުދުއްފުށީ ގައި ފާހަގަ ކުރެވިގެން ދިޔަ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކުއަންޓަމް ފިހާރައިގެ އެއް ޕާޓްނަރު އަހުމަދު މޫސަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ސްކޯ ލަފާކޮށް އެސްއެމްއެސް ކުރާގޮތަށް ބޭއްވި މި މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ކުޅުދުއްފުށީ ހިމާލިއާގެ، އަހުމަދު ސައީދު އެވެ. އޭނާ އަށް އެއްވަނަ ލިބިފައިވަނީ އެސްއެމްއެސް ކުރި ހުރިހާ ފަރާތްތަކެއްގެ ތެރެއިން އެންމެ ގިނަ މެޗުގެ ސްކޯ ދިމާކޮށްގެންނެވެ. އެއްވަނަ ހޯދި އަހުމަދު ސައީދަށް ވަނީ 1000 ރުފިޔާގެ ފައިސާގެ އިނާމަކާއި 500 ޖީބީގެ ޑަބްލިޔުޑީ އެކްސްޓާނަލް ހާޑްޑިސްކެއް ދީފައެވެ.
މުބާރާތުގައި ދެވަނަ އަށް އެންމެ ގިނަ މެޗުގެ ނަތީޖާ ދެ ފަރާތަކުން ދިމާކޮށްފައި ވުމުން، މުބާރާތުގެ ދެވަނަ އަދި ތިންވަނަ ހޮވާފައިވަނީ ގުރުއަތުންނެވެ. އެގޮތުން މުބާރާތުގެ ދެވަނަ ލިބިފައިވަނީ ކުޅުދުއްފުށީ ޕެޓޫނިއާ، މުނާ މޫސާ އަށެވެ. އަދި މުބާރާތުގެ ތިންވަނަ ލިބިފައިވަނީ ކުޅުދުއްފުށީ އޯޒޯން، އަހުމީމު އަލީ އަށެވެ. ދެވަނަ އަށް ދިޔަ ފަރާތައް 650 ރުފިޔާ އާއި 32 ޖީބީގެ ޕެންޑްރައިވް އެއް ވަނީ ދީފައެވެ. އަދި ތިންވަނަ ހޯދި ފަރާތަށް 350 ރުފިޔާ އާއި 8 ޖީބީގެ ޕެންޑްރައިވް އަކާއި ކެސްޕާސްކީ އިންޓަނެޓް ސެކިއުރިޓީ 2012 އެއް ވަނީ ދީފައެވެ.
މިމުބާރާތަށް ފައިސާގެ އިނާމު ކުޅުދުއްފުށީ އޮންލައިން އިން ހުށަހެޅިއިރު އެހެން ތަކެތި ހުށަހަޅާފައި ވަނީ ކުއަންޓަމް ފިހާރަ އިންނެވެ.