.
ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ރަށްވެހިގެ ކުއްޔަށްހިފާފައިވާ ފަރާތުގެ އަތުން އެތަން ހޯދުމަށްއެދި ހދ އަތޮޅު ކައުންސިލުން ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ބާއްވައިފި އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ހދ އަތޮޅު ކައުންސިލުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ހދ އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފާފައިވާ ސޭލަރ ގުރޫޕުން އެތަން ކުއްޔަށް ހިފުމަށްޓަކައި ހދ އަތޮޅު ކައުންސިލާއި ސޭލަރ ގުރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފުވުމާއި ގުޅިގެން ރަށްވެހިގެ ހުސްކުރުމަށް ދެވިފައިވާ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް ކުއްޔަށް ހިފި ފަރާތުން އެތަނުން ނުކުމެފައި ނުވާތީ ރަށްވެހިގެއިން ސޭލަރ ގުރޫޕު ނެރެދިނުމަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.
ފުރަތަމަ އަޑުއެހުމުގައި ހދ އަތޮޅު ކައުންސިލުން ވަނީ ރަށްވެހިގެއިން ސޭލަރ ގުރޫޕު ނެރެދިނުމަށް ވަގުތީ އަމުރަކަށް ވެސް އެދިފައި އެވެ. އެހެންނަމަވެސް އެ އަޑުއެހުމުގައި ވަގުތީ އަމުރު ނުނެރެއްވުމަށް މައްސަލަބެއްލެވި މެޖިސްޓްރޭޓް ވަނީ ނިންމަވާފައި އެވެ. އެނގިފައިވާ ގޮތުގައި އެއަމުރު ނެރެދެއްވާފައި ނުވަނީ މައްސަލައިގެ އަސްލު ހުކުމާ ހަމައަށް އަވަހަށް ދެވެން އޮތް މައްސަލައަކަށްވެފައި ވަގުތީ އަމުރުގައި އެދިފައިވާ ކަންކަމަކީ ދައުވާގެ ނަތީޖާއާއިވެސް ސީދާ ގުޅުންހުރި ކަމަކަށް ވާތީ ކަމަށް ބުނެއެވެ.
އެދުވަހުގެ އަޑުއެހުމާ ބެހޭގޮތުން ކައުންސިލް މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ، ކައުންސިލުން ދައުވާ ކޮށްފައިވަނީ ރަށްވެހިގެ ކުއްޔަށް ހިފުމަށްޓަކައި ހުށަހަޅާފައިވާ ޕުރޮޕޯސަލް އަކީ އެގްރީމެންޓްގެ ބަޔަކަށް ވެފައި އެ ޕުރޮޕޯސަލްގައިވާ އެއްވެސް ކަމެއް ކޮށްފައި ނުވާތީ އެއްބަސްވުމާއި ހިލާފުވީކަމަށް ކައުންސިލުގެ މެމްބަރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން ޝަރުއީ މަރުހަލާއަށް ދިއުމުގެ ކުރިން މަޝްވަރާގެ އުޞޫލުން ކަންކަން ނިންމުމަށް ކައުންސިލުން ބާރުއަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝަރީއަތަށް ދާންޖެހުނީ ރަށްވެހިގެ ހުސްކުރުމަށް ދިން ނޯޓިސްގައިވާ މުއްދަތު ހަމަވިއިރުވެސް އެތަނުން ނުކުމެފައި ނުވާތީ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުވާ ލިބޭ ސޭލަރ ގުރޫޕުގެ ފަރާތުން ބުނެފައިވަނީ ރަށްވެހިގެ ކުއްޔަށް ހިފުމަށްޓަކައި ކައުންސިލަށް އެޑްވާންސްކޮށް ދީފައިވާ ފައިސާ އެއްފަހަރާ ދެއްކުމުން ރަށްވެހިގެ ދޫކޮށްލުމަށް އެއްބަސްވާ ކަމަށެވެ. އަދި އޭގެ އިތުރުންވެސް ކައުންސިލާއެކު ކުރެވިފައިވާ އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ސޭލަރ ގުރޫޕުގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވެއެވެ.
ހދ އަތޮޅު ކައުންސިލުން ކޮށްފައިވާ ދައުވާގައި ސޭލަރ ގުރޫޕުން އެއްބަސްވުމާއި ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައި ނުވާނެ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް މިމައްސަލަ ނިމުމާއެކު ކައުންސިލަށް ލިބުނު ގެއްލުން ދިރާސާކުރުމަށްފަހު ގެއްލުމުގެ ބަދަލު ހޯދުމަށްވެސް ދައުވާ ކުރާނެ ކަމަށް ކައުންސިލުގެ މީޑިޔާ ކޯޑިނޭޓަރ ޒަކަރިއްޔާ ހަސަން ވިދާޅުވިއެވެ.
އެދުވަހުގެ އަޑުއެހުމުގައި މިފެށޭ ހަފުތާގައި މައްސަލައާއި މެދުގޮތެއް ނިންމޭނެ ކަމަށް ޝަރީއަތުގެ ފަރާތުން ބުނެފައި ވެއެވެ.
ސޭލަރ ގުރޫޕުގެ ވެރިޔާ ހުސެން އާދަމް މިމައްސަލާގައި ކުރިން ވިދާޅުވެފައިވަނީ، ސޭލާރ ގްރޫޕަށް ރަށްވެހިގެ ދީފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި އެތަން ކުއްޔަށް ހިފި ފަހުން އަދި މިވީ އެންމެ 2 އަހަރުގެ ތެރޭގައި އަބަދުވެސް އެތަން އަތުލުމުގެ މަަސައްކަތް ކައުންސިލުން ކުރަމުން އަންނަކަމަށެވެ. އެހެންވުމުގެ ސަބަބުން ރަށްވެހިގޭގައި އިންވެސްޓް ކުރުމަށް ދަތިތަކެއް ދިމާވިކަމަށް އޭނާ ވިދާޅުވި އެވެ.
“އެތަން ލިބުނު ދުވަހުން ފެށިގެން އެތަނުން ނެރެން ކައުންސިލުން މަސައްކަތް ކުރޭ. އެކަމުގެ ސަބަބުން އެތަނުގައި އެއްވެސް ކަހަލަ އިންވެސްޓެއްވެސް ނުކުރެވިފައި އެހުރީ. ތަފާތު ފަހަރު މަތިން އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކާއި މާލޭގެ ފަރާތްތަކާއިއެކު ވާހަކަ ދައްކާ (އިންވެސްޓަރުން) ކުޅުދުއްފުއްޓަށް ގެނެސްފައި ވާނީ” ހުސެން ވިދާޅުވި އެވެ.
ކުޅުދުއްފުށި އޮންލައިން އަށް ކުރިން ދިން އިންޓަވިއުއެއްގައި ހުސެން ވިދާޅުވެފައިވަނީ ދަށު ކޯޓުން މައްސަލަ ނިމޭގޮތަކުން އިސްތިއުނާފަށް ވެސް ދާނެ ކަމަށާއި 2 އަހަރު ދުވަސްތެރޭ ސޭލާރ ގުރޫޕަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯދާނެ ކަމަށެވެ.