.
ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ހިންގަމުން އައި މަޝްރޫއު މިވަގުތަށް މަޑުޖެހިފައިވީނަމަވެސް އެމަޝްރޫއުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. ވަހީދު މިހެން ވިދާޅުވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ ޖަލްސާއަކަށް ސައޫދީ އަރަބިއްޔާއަށް ފުރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޑރ. ވަހީދު ވިދާޅުވީ މަގުހެދުމަށް ހުރި ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން އައްޑޫ ސިޓީގަ އާއި ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އެމަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ފެށުމަށް ނިންމާފައިވާ ބޮޑެތި ބައެއް މަޝްރޫއުތަކުގެ މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީގެ މަގުތަށް ހެދުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް ވިދާޅުވެފައި ވާއިރު އެންމެ ފަހުން އެމަޝްރޫއުގެ މަސައްކަތް ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަމީނީމަގު ހެދުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އޭރު ބުނެފައިވަނީ އަމީނީމަގުގައި ކުރިއަށް އޮތީ ގައު އެތުރުމުގެ މަސައްކަތް ކަމަށާއި ގައު އެތުރުން ލަސްވަނީ އެކަމަށް ބޭނުންވާ ގައު ލިބިފައިނުވާތީ ކަމަށެވެ. އަދި ގައު ހޯދުމަށް ދެފަހަރެއްގެ މަތިން ބިޑަށް ލާފައިވެއެވެ.
ރައީސް ޑރ ވަހީދު މިއަހަރުގެ މެއި މަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައިވެސް އަމީނީމަގުގެ މަސައްކަތް ހުއްޓާނުލައްވާ ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައި ވެއެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން އަމީނީމަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޑރ. ވަހީދު އެދުވަހު ވިދާޅުވެފައި ވެއެވެ.