.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސް އާއި އެހެނިހެން ފީތައް ދެއްކުމަށް ޗެކު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެކައުންޓުގައި ފައިސާނެތި ޗެކު ހުށަހަޅާ ފަރާތްތަކާއި ޗެކުގައިވާ އަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ އޮތޯރިޓީ އިން ނިންމައިފި އެވެ.
މީރާއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީރާއިން ބަލައިގަންނަމުން އަންނަ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާ ދެއްކުމަށް ޗެކު ހުށަހަޅާ ފަރާތްތަކުން، އެކައުންޓުގައި ފައިސާ ނެތި ޗެކު ހުށަހަޅާ ފަރާތްތަކާއި ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވާ ފަރާތްތަކާމެދު ޢަމަލުކުރުމަށް މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު މީރާއިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
“އެފަދަ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެފަރާތްތަކުން އެފައިސާ ދެއްކުމަށްޓަކައި ދެވިފައިވާ 20 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދު މަދަނީ އަދި ޖިނާއީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް” މީރާގެ ބަޔާނުގައި ވެއެވެ.
މީރާއިން ބުނީ އެކައުންޓުގައި ފައިސާނެތި ޗެކު ދޫކުރާ ފަރާތްތަކާމެދު ޖިނާއީ ދައުވާ ކުރުމަށް ފުލުހުން މެދުވެރިކޮށް ޕުރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަރާތްތަކާމެދު މަދަނީ ދައުވާ ކުރުމަށް ސިވިލް ކޯޓަށް އެމަސައްލަތައް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ އޮތޯރިޓީއިން ބުނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި އެކައުންޓުގައި ފައިސާނެތި ޗެކު ދޫކުރާ ފަރާތްތަކާމެދު އަމަލުކުރާނެ އުޞޫލެއް އާންމުކުރިއިރު ބައުންސްވެފައިވާ ޗެކުތަކާއި ގުޅިގެން 3.8 މިލިއަން ރުފިޔާ މީރާއަށް ލިބެންޖެހި ނުލިބިފައި ވެއެވެ. ނަމަވެސް އެ އުޞޫލަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް 1 މިލިއަން އެގާރަހާސް ރުފިޔާއަށްވުރެ ގިނައިން ލިބިފައިވާ ކަމަށް އެއޮތޯރިޓީ އިން މައުލޫމާތު ދެއެވެ.