.
މުހައްމަދު އިސްމާއީލް
ކުރީގެ މަތިއުތުރު ސަރަހައްދުގެ ޕުރޮވިންސް އޮފީހުން މާލިއްޔަތު ގާނޫނާ ގަވާއިދާ ހިލާފަށް ހަރަދުތަކެއް ކޮށްފައިވާކަން އެއޮފީހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހޯމް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ކުޅުދުއްފުށީގައި ކުރިން ހުރި ޕުރޮވިންސް އޮފީހުގެ ބަޖެޓުން މާލިއްޔަތު ގާނޫނާ ގަވާއިދާ ހިލާފަށް ކޮށްފައިވާ ހަރަދުތަކާއި އަދި ގައުމީ އިދާރާގައި ހުރި އިތުރު އެހެން މައްސަލަތަކެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އިއްޔެ ނެރުނު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މަތިއުތުރު ޕްރޮވިންސް އޮފީހުގައި މަސައްކަތް ކުރާ، ސަރުކާރުން ލިވިން އެލަވަންސް ދޭ ބައެއް މުއައްޒަފުން އެއްވެސް އަގަކާނުލައި އެތަނުގެ އެކޮމޮޑޭޝަން ބުލޮކް ބޭނުން ކުރާ ކަން ފާހަގަކޮށްފައި ވެއެވެ. އަދި އޭގެ އިތުރުން ސްޓޭޓް މިނިސްޓަރުގެ ފަރިއްކޮޅު ތައްޔާރުކުރުމަށާއި ދޮވެ އިސްތިރި ކުރުމުގެ މަސައްކަތަށް ހާއްސަކޮށްގެން އޮފީހުގެ މުވައްޒަފެއް ގެންގުޅެމުންދާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން މަތިއުތުރު ޕުރޮވިންސް އޮފީހުގެ އެކޮމޮޑޭޝަން ބްލޮކް ބޭނުންކުރަމުން ދިއުމުގެ ސަބަބުން 2010 ވަނަ އަހަރު އެތަނުގެ ކަރަންޓު ބިލަށް 105,812.76 ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 126,022.66 ރުފިޔާ ހަމައެކަނި ކަރަންޓްބިލަށް ހަރަދު ކޮށްފައި ވެއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުން ލިވިންގ އެލަވަންސް ދޭ ފަރާތެއްނަމަ އެފަދަ ފަރާތްތަކަށް ދައުލަތުގެ އިމާރާތަކުން އަދި ދައުލަތުން އިތުރު ހަރަދުކޮށްގެން އެކޮމަޑޭޝަން ފޯރުކޮށް ނުދިނުމަށެވެ. އަދި އެކޮމަޑޭޝަން ހަމަޖައްސައިދޭނަމަ އެރަށަކުން އާންމުކޮށް ލިބެން ހުންނަ އަގެއްގައި ހޯދުމަށެވެ.
ގަވާއިދާ ހިލާފަށް ގައުމީ އިދާރާގެ އެކޮމަޑޭޝަން ބްލޮކް ބޭނުންކުރަމުންދާ މައްސަލައިގައި އޮޑިޓް އޮފީހުން ހޯމް މިނިސްޓްރީއާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލުވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ. އަދި އެއްވެސް އަގަކާނުލައި ދައުލަތުގެ އެކަމަޑޭޝަން ބޭނުންކުރައްވާފައިވާ ސްޓޭޓް މިނިސްޓަރާއި ސިޔާސީ މުވައްޒަފުންގެ އަތުން އެކަމަޑޭޝަން ބޭނުންކުރެއްވި ދުވަސްތަކަށްވާ ފައިސާ ހޯއްދަވައި ދައުލަތުގެ އާމްދަނީ އަށް ޖަމާކުރުމަށްވެސް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވެއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު ހުނައިފްގެ އިތުރުން އެއިދާރާގެ ޕްރޮވިންސް ކޯޑިނޭޓަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް އެކޮމޮޑޭޝަން ބޭނުންކޮށްފައިވެއެވެ.
ގައުމީ އިދާރާގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މަތިއުތުރު ސަރަހައްދުގެ ސްޓޭޓް މިނިސްޓަރ، ރޭގަނޑުގެ ވަގުތެއްގައި ވި އެކްސިޑެންޓެއްގެ ސަބަބުން އެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއެކު އެމަޖެންސީކޮށް މާލެ ގޮސްފައިވާ އިރު އެއީ އިމަޖެންސީކޮށް މާލެ ދާންޖެހޭވަރުގެ ކަމެއްކަން އެނގޭފަދަ އެއްވެސް ލިޔުމެއް ޕުރޮވިންސް އޮފީހަށް ލިބިފައިނުވާކަން ފާހަގަ ކޮށްފައި ވެއެވެ.
ސްޓޭޓް މިނިސްޓަރުގެ އެހީތެރިޔަކަށް މާލެ ދިޔަ މުވައްޒަފު މާލޭގައި ހުރި 28 ދުވަހަށް ދަތުރު އެލަވަންސްގެ ގޮތުގައި 10430 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެކްސިޑެންޓްވެގެން މާލެ ދިޔަ ސްޓޭޓް މިނިސްޓަރު އެމުއްދަތުގައި މާލޭގައި ހުރީ ސަލާމުގައި ނޫންކަމަށާއި އޮފީހުގެ ބޭނުމެއްގައި ކަމަށް ދަތުރު ނޯޓުކުރާގައި ލިޔެ 54 ދުވަހަށް ދަތުރު އެލަވަންސާއި ކޮއްތު ފައިސާ އަދި ހުރުމުގެ ހަރަދުގެ ގޮތުގައި 21,570 ރުފިޔާ ނަގާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެކަމުގައި އެއް ބޭނުމެއްގައި މާލެ ދިޔަ ދެމީހުން ދެގޮތަކަށް ދަތުރު ނޯޓުކުރާގައި ލިޔެ ފައިސާ ނަގާފައިވާ ވާތީ އެ އެކްސިޑެންޓާއި ގުޅުވައިގެން ކޮށްފައިވާ ހަރަދުތަކުގެ ލިޔުންތަކަށް ބަލާއިރު އެއީ އޮޅުވާލައިގެން ނަގާފައި ހުރި ފައިސާ ކަމަށް ބެލެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ޕުރޮވިންސް އޮފީހުގެ ޕުރޮޖެކްޓް ކޮންސަލްޓަންޓުގެ މަގާމު ވަކިފަރާތަކަށް ދީފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. އެރިޕޯޓުގައި ބުނެފައިވަނީ ޕުރޮވިންސް އޮފީހަށް ޕުރޮޖެކްޓް ކޮންސަލްޓަންޓް ކަމުގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން 5 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރޭގައި މަތީ ތައުލީމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ވެސް ކުރިމަތިލާފައި ވަނިކޮށް ތައުލީމީ ސެޓްފިކެޓް ހުށަނާޅާ އޮތް ފަރާތަކަށް މަގާމު ހަމަޖައްސާފައިވާކަމަށެވެ. އެފަރާތުން ހުށަހަޅާފައިވަނީ ހަމައެކަނި އެފަރާތުގެ ވަނަވަރު ކަމަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެމަގާމަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް ޕޮއިންޓް ދިނުން ފަދަ ކަމެއް ކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
އެފަރާތަށް މަގާމު ދީފައިވަނީ އިންޓަވިއުއަށް އެހެން ފަރާތްތައް ހާޒިރު ނުވުމުން ކަމަށް ޕުރޮވިންސް އޮފީހުން ބުނެފައިވައި ވީނަމަވެސް، އެމަގާމަށް ކުރިމަތިލީ އެހެން މީހަކު އިންޓަވިއުއަށް ޕުރޮވިންސް އޮފީހުން ގުޅައިގެން ދިއަކަމަށާއި އެހެންނަމަވެސް އޭގެ ފަހުން އެއްވެސް ހަބަރެއް ލިބިފައި ނުވާކަމަށް އޮޑިޓަރުންގާތު ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އަދި ކޮންސަލްޓަންޓުގެ މަގާމު ދެވުނު މުވައްޒަފުގެ މަގާމުގެ އެއްބަސްވުމުގެ މުއްދަތު ކަމުގައި ޑިސެމްބަރ 2010 ގެ ކުރިން އެއަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމު އެމުވައްޒަފަށް ދީފައިވާކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އެކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު ކޮންސަލްޓަންޓުގެ މަގާމަކީ ސީދާ އެފަރާތަށް ދިނުމަށް އިއުލާނުކޮށްފައިވާ މަގާމެއްކަމުގައި ބެލެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮޖެކްޓް ކޮންސަލްޓަންޓެއްގެ މަގާމަށް ނަގާފައިވާ ކަމަށް އޯޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި އެވަނީ އޭރު ޕްރޮޖެކްޓް ކޮންސަލްޓަންޓް އަކަށް ހުރި، އަދި ފަހުން ސްޓޭޓް މިނިސްޓަރުގެ ނައިބަކަށް ބަދަލު ކުރި ޙަސަން ޒިޔާދެވެ. ސްޓޭޓް މިނިސްޓަރުންގެ ނައިބުގެ ނަން ފަހުން ވަނީ ސްޓޭޓް ސެކްރެޓަރީގެ ނަމަށް ބަދަލުކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު ސިޔާސީ މަގާމުގައި ތިއްބަވާ މުވައްޒަފުން ގިނަ ދުވަސްތަކުގައި އޮފީހުގެ މަސައްކަތުގެ ގޮތުގައި ރަށުން ބޭރުގައި ހޭދަކޮށްފައިވާކަން 2010 ވަނަ އަހަރުގެ ހާޒިރީ އާއި ހާޒިރީ ރިޕޯޓުން ދެއްކިނަމަވެސް، އެދުވަސްތަކުގައި ރަސްމީ ބޭނުމުގައި ހޭދަކުރެވުނު ދުވަސްތަކެއްކަން އޮފީހުގެ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށެވެ. މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން އެދަތުރެއްގެ ބޭނުމާއި ދަތުރު ކުރެވުނު ތަން އަދި ދަތުރުން ހާސިލްކުރުވެނު ކަންތައްތައް ހިމަނައިގެން ތައްޔާރުކުރަން ޖެހޭ ރިޕޯޓު ހުށަހަޅާފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޕުރޮވިންސް އޮފީހަށް ލިބޭ ފައިސާގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ހިސާބު ބެލެހެއްޓުމުގައި މާލިއްޔަތު ގަވާއިދުގެ 1 ވަނަ ބާބުގައި ވާގޮތުގެ މަތިން، ލިބޭ ފައިސާގެ ރަޖިސްޓްރީއެއް ބަލަހައްޓާފައި ނުވުމާއި، ދުވަހު ފޮތް ހަދާފައި ނުވުމާއި ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާކުރަމުން ގޮސްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެ އޮފީހަށް ލިބޭ ފައިސާގެ ހިސާބު ރިކޮންސައިލްކޮށް ލިބޭފައިސާގެ ރިޕޯޓްތައް ތައްޔާރުކުރަމުން ގޮސްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
ކުރީގެ ޕުރޮވިންސް އޮފީހުގައި ހުރި ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާއިރު މަތިއުތުރު ސަރަހައްދުގެ ސްޓޭޓް މިނިސްޓަރާއި ހއ އަތޮޅު ކޯޑިނޭޓަރުގެ ކޮރަޕްޝަން މައްސަލައެއްގައި ދައުވާކުރުމަށް އޭސީސީ އިން ވަނީ ޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އެވެ.