.
މުޙައްމަދު އިސްމާޢީލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އޮކްސިޖަން ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަ އެހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
ހޮސްޕިޓަލުގައި ހުންނަންޖެހޭ ބައެއް އެމަޖެންސީ ބޭސްތަކާއި އޮކްސިޖަން ވެސް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކުޅުދުއްފުށި އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ވަހީދު އިއްޔެ ވިދާޅުވީ، އެހޮސްޕިޓަލުން އޮކްސިޖަން ހުސްވެފައި ނުވާނެ ކަމަށާއި އެހެންނަމަވެސް ހުސްވި ހަފުތާގެ ފަހުކޮޅު އޮކްސިޖަންގެ ސްޓޮކް މަދުވުމުން ހއ. ދިއްދޫ އަދި ށ. ފުނަދޫ އިން އޮކްސިޖަން ގެނެސްފައިވާނެ ކަމަށެވެ.
މެނޭޖަރ ވިދާޅުވީ، އޮކްސިޖަން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައުމުގައި ދަތިތަކެއް ދިމާވީ ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތުމުން ނޫންކަމަށެވެ. އޮކްސިޖަން ގެންނަނީ މާލެއިން ކަމަށްވެފައި އެންމެ ފަހުން ގެންނަން ހުރި އޮކްސިޖަން ސަޕްލައި ކުރުމުގައި ތާށިކަމެއް ދިމާވީ ކުޅުދުއްފުއްޓާއި މާލެއާއި ދޭތެރޭ ދަތުރުކުރާ އެއް ބޯޓު މިވަގުތު ދަތުރު ކުރަމުން ނުދާތީ ކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން 30 އޮކްސިޖަން ސިލިންޑަރު މާލެއިން ގެނެސްފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހުންނަންޖެހޭ ބައެއް ބޭސްތައް ހުސްވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކައާއި ގުޅިގެން ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވީ، ހޮސްޕިޓަލަށް ބޭސް ގަންނަމުން ދަނީ ބޭސްފިހާރަތަކުން ކަމަށާއި ހޮސްޕިޓަލަށް ގަންނަންޖެހޭ ބޭހެއް ނުގަނެވިގެން ހޮސްޕިޓަލުގެ އޮޕަރޭޝަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ. އަދި ހޮސްޕިޓަލުން ބޭހެއް ހުސްވެގެން އެކަމުގެ ޝަކުވާއެއް ލިބިފައިނުވާކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން މިދިޔަ ހަފްތާގެ ތެރޭގައި އޮކްސިޖަން ސްޓޮކް މުޅިން ހުސްވެފައިވާ ކަމުގެ ހަބަރު ރަށުތެރޭގައި ވަނީ ފެތުރިފައެވެ. އަދި ކޮންމެހެން ހޮސްޕިޓަލް އެއްގައި ހުންނަން ޖެހޭ ބޭސް ވެސް ހުސްވެފައިވާ ކަމަށް ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވާ ކަމަށް އެކިފަރާތްތަކުން ވަނީ ބުނެފައެވެ.