twitterviber whatsapp telegramfacebookyoutube instagram
22nd October 2019

ކުރުވާހަކަ – މިހާރު ވިސްނިއްޖެއެވެ.

Aug 19, 2012

.

ފާތިމަތު ޒަހިއްޔާ

މިއަދު އަހަރެންނަކީ ކޮންފަދަ ނަސީބުވެރި މީހެއް ހެއްޔެވެ؟ އަހަރެން މިއަދު މިވަނީ އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައެވެ. އަހަރެންނަށް ވުރެ ނަސީބު ގަދަ މީހެއް މިދުނިޔޭގައި ހުންނާނެ ކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރެއެވެ. އަހަރެންނަށް މިއަދު މި އުފާވެރިކަން ހޯދައިދިނީ އަހަރެންގެ ލޯބިވާ މަންމަ އެވެ. މައިވަންތަކަމުގެ ލޯތްބަކީ ދުވަހަކު ފަނޑުވުމެއްނެތް އަލިގަދަ ވޮހެއްކަން މިއަދު އަހަރެންނަށް ޤަބޫލުކުރެވެއެވެ. އެކަން ޤަބޫލު ނުކުރެވުނު ދުވަސްތަކުގައި އަހަރެން ގުނަމުން ދިޔައީ ހަޔާތުގެ ކަޅު ސަފްހާތަކެވެ.

އަހަރެންގެ ބައްޕަ ނިޔާވިއިރު އަހަރެންނަށް އެންމެ 3 އަހަރެވެ. ބައްޕަ ނިޔާވުމަށްފަހު އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ އަހަރެންގެ މަންމަ އެވެ. މަންމަގެ ލޯބީގެ އިތުރަށް ބައްޕައެއްގެ ލޯބިވެސް ދީގެންނެވެ. އަހަރެން މޮޅުމީހަކަށް ހަދައިދިނުމަށްޓަކައި މަންމަ ނުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ފަންގިވިނދެ، ރޯނުވަށާ އަދިވެސް އެހެނިހެން މަސައްކަތްތައް ކޮށްގެން މަންމަ ހޯދާ ފައިސާކޮޅު ހޭދަކުރީ އަހަރެންގެ ކިޔެވުމަށެވެ. މަންމަ އެކޮށްދިން ބުރަ މަސައްކަތް އޭރު އަހަރެންނަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން އަހަރެންވެސް މަންމަ އަށް އެހީތެރިވެދިނީމެވެ.

މަންމަގެ އަބަދުވެސް އުންމީދަކީ އަހަރެން މޮޅުމީހަކަށް ވުން ކަމަށްވާތީ މަންމަގެ އެ އުއްމީދުތައް ހާސިލް ކޮށްދެވޭތޯ އަހަރެން ގަދައަޅާ މަސައްކަތް ކުރީމެވެ. ކަންދިމާކުރި ގޮތުން ޖީސީއީ އޯލެވެލް އިމްތިހާނުން އަހަރެންނަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނެވެ. އެހެންކަމުން މަންމަ ބޭނުންވީ އަހަރެން މާލެ ފޮނުވާށެވެ. އިތުރަށް ކިޔެވުމަށެވެ. އަހަރެން ވަރަށް އުފާވިއެވެ. އެހެން ނަމަވެސް އުފަލަށްވުރެ ބޮޑަށްވީ ދެރައެވެ. އެއީ އަހަރެންގެ ޙަޔާތުގައި މަންމައާ ދުރަށް ދާންޖެހުނު ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސްފަހުން އަހަރެން މާލެ ދިޔައީމެވެ. މަންމަގެ ހިތް ރޮއްވާލާފައެވެ. އަހަރެންގެ ހިތްވެސް ރޮއިރޮއި އޮށްވައެވެ. އެހެން ނަމަވެސް މުސްތަޤްބަލަށްޓަކައެވެ. މޮޅު މީހަކަށް ވުމަށެވެ. އެންމެ ކުޑައިރުއްސުރެ ބިޒްނަސްގެ ދާއިރާއަށް ޝަޢުޤުވެރިކަން ހުރުމުން އަހަރެން ޚިޔާރުކުރީ އެދާއިރާއެވެ. އަހަރެން މާލެ ދިއުމަށްފަހު ބަރާބަރަށް މަންމަގެ ހާލު ބަލަމުން ގެންދިޔައީމެވެ. ކިޔެވުންވެސް ވަރަށް ރަނގަޅަށް ކުރިއަށްދިޔައެވެ.

އެގޮތުގައި މާލޭގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައީމެވެ. އެހެން އުޅުމުގެ ތެރެއިން އަހަރެންނަށް ލޯތްބޭ މިކިޔާ އިޝްޤީ ކުޅިގަނޑުގައި ޖެހެވުނެވެ. އަހަރެންނަކީ ކުލަ އަލި ރީތި “ސްމާޓް” ކުއްޖެއް ކަމުން އަހަރެންނަށް ހިތް ކިޔަމުންއައި އަންހެން ކުދިން ގުނާ އަދަދު ނުކުރެވެއެވެ. އަހަރެންގެ ހިތް ދެވުނީ އެތަނުން އެންމެ ސަޅި ކުއްޖާއަށެވެ. އެއީ އަހަރެން ކަހަލަ ރީތި ކުއްޖެކެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އެހާމެ ފެޝަން ކުއްޖެކެވެ. ނަމަކީ ޝީނީޒްއެވެ. ލޯބިން ކިޔަނީ ޝީން އެވެ. އަހަރެންނަށް ޝީން ދެކެ ވެވުނީ ފުން ލޯތްބެކެވެ. ކިޔެވުން ނިމޭހާ އަވަހަކަށް ކައިވެނި ކުރަން އަހަރެން ބޭނުންވިއެވެ. ޝީން ވެސް ބޭނުންވީ އެގޮތެވެ.

އަހަރެންގެ ކޯސް ނިމޭ ދުވަސް ކައިރިވަމުން އައިވަރަކަށް އަހަރެންގެ މަންމަގެ އުފާވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެއީ އަހަރެން ރަށަށް ދާނެތީއެވެ. އެހެން ނަމަވެސް އޭރު އަހަރެންގެ ޚިޔާލު ހުރީ މުޅިން ބަދަލުވެފައެވެ. މާލޭގެ ދިރިއުޅުމަށް ދެވިހިފާފައެވެ. މާލޭގެ ފެންބޮވިފައެވެ. އަހަރެން މާލެ ކުއްޖަކާ އިންނަން އުޅޭ ޚަބަރު މަންމަ އަށް ދިނުމުން މަންމަ ވަރަށް ދެރަވެ ރުޔެވެ. އެނބުރި ރަށަށް ދިޔުމަށްއެދި އާދޭސް ކުރިއެވެ. އެހެން ނަމަވެސް އެދުވަހު އަހަރެންގެ ކަންފަތް ބީރުވެފައި ހުރި ކަހަލައެވެ. އެންމެ ފަހުން އަހަރެންގެ އުފަލަށްޓަކައި މަންމަގެ އުފާލައް ޤުރުބާންކުރި އެވެ. ހަމަ އަހަރެންނަށްޓަކައެވެ.

އަހަރެންގެ ކޯސް ނިމުމަށްފަހު ނަތީޖާ ލިބުނެވެ. އެއީ އަހަރެންގެ މަންމަ އަދި އަހަރެންވެސް އުންމީދު ކުރިކަހަލަ ނަތީޖާއެކެވެ. އެހެންކަމުން ވަރަށް ފަސޭހައިން މަތީ ވަޒީފާއެއް ލިބުނެވެ. އެއަށްފަހު އަހަރެން ޝީން އާ ކައިވެނި ކުރީމެވެ. އެއަށްފަހު އަހަރެން އުޅެމުން ދިޔައީ މާލޭގައެވެ. މަންމަ ގުޅާ ކޮންމެ ފަހަރަކު ރަށަށް އައުމަށްއެދި އާދޭސް ކުރެއެވެ. އެހެން ނަމަވެސް އެއާދޭސް ތަކަކުން އަހަރެންގެ ހިތަށް އަސަރެއް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އިސްކަންދިނީ ޝީންގެ އެދުންތަކަށެވެ. މާލެ ދޫކޮށް ރަށަށް ދާން ޝީން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ. އަދި މަންމަ މާލެ ގެންނާކަށް ވެސް އެއްބަހެއް ނުވިއެވެ. އެދުވަހު އަހަރެންނަށް މުހިއްމުވީ ޝީން އެވެ. ލޯބިވާ މަންމަ އަހަރެންނަށްޓަކައި ވީ ޤުރުބާނީ ހަނދާނެއް ނުވިއެވެ.

ކައިވެންޏަށް އަހަރުވީއިރު އަހަރެންނަށް ލޯބި ލޯބި ކުޑަކުއްޖެއް ލިބުނެވެ. އެހެން އުޅުމުގެ ތެރެއިން އެއީ އެއްދުވަހަކު އަހަރެން ގޭގައި އުޅުނު ވަގުތެކެވެ. އަހަރެން އިނީ އޮފީސް މަސައްކަތެއް ކުރާށެވެ. އިރުކޮޅަކުން ގޭގެ ބެލް ރިންގުވާއަޑު އިވުނެވެ. ދެން އިވުނީ ޝީން ކޮންމެ ވެސް އެއްޗެކޭ ވަރަށް ބާރަށް ގޮވާ އަޑެވެ. ވެގެން އުޅޭ ގޮތެއް ބަލާލުމަށް އަހަރެން ބޭރަށް ނުކުތްވަގުތު ޝީން ދޮރުލައްޕާފައި އެތެރެއަށް ވަންނަނީ އެވެ. ކާކުތޯ އައީ އަހަރެން އަހާލީމެވެ. ގެއަށްއައީ އަހަރެންގެ މަންމަ ކަމުގައި ޝީން ބުންޏެވެ. އަދި އެއީ އަހަރެންގެ މަންމައެއްކަމަކު ކޮންމެ ކޮންމެ ގަޑިއަކު ގެޔަށް ނުވެއްދޭނޭ ކަމުގައި އޭނާ ބުންޏެވެ. އެވަގުތު ވެސް އަހަރެން ގަބޫލު ކުރީ ޝީންގެ ވާހަކައެވެ. މަންމަ މުސްކުޅިވީ ދުވަހު އަހަރެން އަދި މަންމަގެ މާމަ ދަރިފުޅުގެ މޫނު ދެކިލުމަށް އައިދުވަހު އަހަރެންގެ އަންހެނުން މަންމަ ގެއިން ނެރެލުމުންވެސް އަހަރެންނަށް ރަނގަޅުވީ އޭނާއެވެ.

އެހެން ނަމަވެސް އެދުވަހަށްފަހު އަހަރެންނަށް ޖެހުނީ މާބޮޑު ކަމަކާއެވެ. އެދުވަސްވަރު މާލޭގައި ފެތުރެމުންދިޔަ ހުންގަނޑުގައި އަހަރެން ލައްވާލިއެވެ. ބަލިއެނދުގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. އެގޮތުގައި އެތައް ދުވަހަކު އޮންނަން ޖެހުނެވެ. އެހެންކަމުން ވަޒީފާ ދޫކޮށްލަން މަޖުބޫރުވިއެވެ. އަދި ފައިސާ ވަންނަ ދޮރު ބަންދުވިއެވެ. އެއަށްފަހު ފައިސާގެ ދަތިކަން ދިޔައީ އިންތިހާ ދަރަޖައަށެވެ. އަހަރެންގެ އަންހެނުންވެސް އަހަރެން މަތިން ފޫހިވާހެން ހީވާން ފެށިއެވެ. އެހީވުން ވީހަމަ ހަގީގަތަކަށެވެ. އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމިއެވެ.

“މިހާރު އަހަރެން ބޭނުމެއްނޫން އިޔާޒުއާއެކު އުޅޭކަށް. މިހާރުތީ މުސްކުޅިއެއް. ބަލިމީހެއް. އަހަރެން ވަރިކުރޭ.” އޭނާ ބުންޏެވެ.

އަހަރެންނަށް ޝީން ގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އޭނަ ބުނީ މިހެންނެވެ. އެހެން ނަމަވެސް ޝީންގެ އެދުމުގެ މަތިން އަހަރެން ޝީން ވަރިކުރީމެވެ.

އަހަރެންނަށް އަޅާލާނެ މީހަކު ނެތް ދުވަހު މި އޮންނަން ޖެހުނީ ބަލި އެނދުގައެވެ. މިއަދު އަހަރެން އަހަރެންގެ މަންމަގެ މަތިން ވަރަށް ހަނދާންވެއެވެ. ބަލިވީމާ ފިރުމާ ފިރުމުންތަކާއި އަޅާލާ އަޅާލުން ހަނދާން ވުމުން އަހަރެންގެ ލޯ ކަރުނައިން ތެމުނެވެ. އެމަންމަގެ ހިތުގައި ޖެއްސުނުކަމަށްޓަކައި ހިތާމަ ކުރާ ހާލު އަހަރެން މަންމަ ހޯދުމަށް ރަށަށް ދިޔައީމެވެ. އަހަރެންނަށް މަންމަ ފެނުނެވެ. އެހެން ނަމަވެސް އަހަރެންގެ ހިތް ހަލާކުކޮށްލާފަދަ ގޮތަކަށެވެ. އަހަރެންގެ ސަބަބުން އެލޯބިލޯބި މަންމަ އެވަނީ ނިކަމެތި ވެފައެވެ. އަހަރެން ފެނުމާއެކު މަންމަ އުފަލުން ރޮއި ގަތެވެ. އަދި އަހަރެންގެ ހިތުގައި ހިތުގެ އެންމެ ފުންމިނުން އަހަރެންގެ އެ ބޮޑުކުށަށް މަޢާފަށް އެދުނީމެވެ.

އޭގެ ފަހުން އަހަރެން ގުނަމުން މިދަނީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ނުހާއާ ކައިވެނިކޮށްގެން 3 ކުދިންގެ ބައްޕައެއް ފުރިހަމަ ވާޖިބު އަދާކުރަމުންނެވެ. އާއެކެވެ. މީހުން ބުނަނީ ތެދެކެވެ. އެންމެ ފުރަތަމަ އެންމެ ލޯބިވާ މީހާގެ ލިސްޓަށް އަރާނީ މަންމަ އެވެ. ކައިވެނި ކުރުމަށްފަހު ލިސްޓުގެ އެންމެ ކުރީގައި އިންނާނީ ލޯބިވާ އަންހެނުންނެވެ. އެއަށްފަހު ދަރިންނެވެ. ދެން ކާފަ ދަރިންނެވެ. އެންމެ ފަހުން ލިސްޓުގެ އެންމެ ފަހަތުގައ އިންނާނީ ލޯބިވާ މަންމަ އެވެ. އަހަރެންނަށް ވެސް ވީހަމަ އެހެންނެވެ. އެހެން ނަމަވެސް ދެން އެހެނެއް ނުވާނެއެވެ. އަބަދުވެސް ލިސްޓުގެ ކުރީގައި އިންނާނީ ލޯބިވާ މަންމައެވެ.

ނިމުނީ

ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ފާތިމަތު ޒަހިއްޔާ، ގްރޭޑް 12 އޭ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355