.
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ‘ލިވް އަންލިމިޓެޑް’ ގެ ނަމުގައި ކޮންމެ ނަންބަރަކަށް ވެސް ހިލޭ ގުޅޭ އަދި ހިލޭ އެސްއެމްއެސް ކުރެވޭ ޚިދުމަތެއް ތަޢާރަފް ކޮށްފި އެވެ.
ވަތަނިއްޔާގެ ޑަބްލިޔު ޕްރިޕެއިޑް އަދި ޑަބްލިޔު ޕޯސްޓްޕެއިޑަށް ބޭނުންކުރެވޭ މި ޚިދުމަތުގައި ހިމެނެނީ އަންލިމިޓެޑް ދެ ޕެކޭޖެވެ. އެގޮތުން އަންލިމިޓެޑް 299 ގެ ޕެކޭޖްގައި މަހުފީ 299 ރުފިޔާ ދެއްކުމުން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށްވެސް ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބޭނުންވަރަކަށް އިތުރު ޗާޖަކާ ނުލާ ގުޅެއެވެ. އަދި އަންލިމިޓެޑް 399 ގެ ޕެކޭޖްގައި މަހުފީ 399 ރުފިޔާ ދެއްކުމުން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ދުވަހުގެ ކޮންމެ ވަގުތެއްގައި ބޭނުންވަރަކަށް އިތުރު ޗާޖަކާ ނުލާ ގުޅުމުގެ އިތުރުން ބޭނުންވަރަކަށް އެސްއެމްއެސްވެސް ކުރެވޭނެއެވެ. އަދި މި ޕެކޭޖްގައި ރާއްޖޭގެ ދިރާގުގެ ނަންބަރު ތަކަށް ގުޅުމަށް ޗާޖްކުރާނީ މިނެޓަކަށް އެންމެ 55 ލާރިއެވެ.
މި ޚިދުމަތް ތަޢާރަފްކުރުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، ގިނަ ވަގުތު ގުޅަންޖެހޭ ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންނަކީ އެއް އަތުގެ ފަސް އިނގިލިން ގުނާލެވޭހާ މަދުބައެއް ނޫން ކަމަށާއި، މިއަދު ވަތަނިއްޔާއިން މި ތަޢާރަފް ކުރި ޚިދުމަތާއެކު ‘ހިލޭ’ ގުޅޭ ނަމްބަރުތަކަށް އޮތް ލިމިޓް އުވިގެންދާނެކަމަށެވެ. އަދި ކަސްޓަމަރުންގެ ފޯނު ބިލް އެތައް ގުނައެއް ކުޑަވެގެންދާނެކަމާއި މި ޚިދުމަތް ރާއްޖޭގެ ރައްޔިތުން އުފަލާއެކު ބަލައިގަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށެވެ.
“މި ޚިދުމަތާއެކު ކަސްޓަމަރުންނަށް ‘އަންލިމިޓެޑް’ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ. ކީއްކުރަންތޯ އެންމެ ގާތް ތިން ރައްޓެހިން ނުވަތަ ފަސް ރައްޓެހިން ނުވަތަ އެންމެ ރަޙްމަތްތެރިއެއް ގެންގުޅުއްވަންވީ؟ ކޮންމެ މީހަކީވެސް ހަމަ ވަރަށް ޙާއްސަ މީހެއް! އަޅުގަޑުމެން ދިރިއުޅެމުން މިދަނީ ވަރަށް ކުޑަ މުޖުތަމަޢެއްގަ، އެކުވެރިކަމާއިއެކު، އެއީ ޢާއިލާ، ރަޙްމަތްތެރިން ނުވަތަ ވިޔަފާރިކުރާ ފަރާތްތައް ކަމަށްވިޔަސް. މިފަދަ މުވާސަލާތީ ރޮގުން ކުރިއަރާފައިވާ ޒަމާނެއްގައި މުވާސަލާތީ ޙިދުމަތަކީ ކޮންމެ ފަރާތަކަށްވެސް ވަރަށް ލުއި ފަސޭހަކަމާއެކު ލިބެންވާނެ ޙިދުމަތެއް. އަޅުގަޑު ޤަބޫލުކުރާ ގޮތުގައި މި ޙިދުމަތުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ” ވަތަނިއްޔާގެ ސީއީއޯ ހާރޫން ހަމީދު ވިދާޅުވިއެވެ.
ވަތަނިއްޔާއިން މިއަދު މި ތަޢާރަފްކުރި ޚިދުމަތަށް ތިންގޮތަކަށް އެކްޓިވޭޓް ކުރެވެއެވެ. މިއަދު ވަތަނިއްޔާ އިން ވަނީ ލިވް އަންލިމިޓެޑް ފޯނު ކާޑެއް ތަޢާރަފު ކޮށްފައެވެ. ލިވް އަންލިމިޓެޑް ފޯނު ކާޑަކުން ރިޗާޖް ކުރުމުން މި ޕެކޭޖް އެކްޓިވޭޓް ވެގެން ދެއެވެ. މީގެ އިތުރުން ލިވް އަންލިމިޓެޑް ދެ ޕެކޭޖުން ކުރެ ޕެކޭޖެއްގެ އަދަދުން ރާސްޓަސް ކުރެއްވުމުން ވެސް މި ޕެކޭޖް އެކްޓިވޭޓް ކުރެވެއެވެ. ނުވަތަ އެކަށީގެންވާ ކްރެޑިޓް ބެލެންސްގައި ހުރިނަމަ، ޕެކޭޖްގެ ކީވޯޑް 1111 އަށް މެސެޖްކުރެއްވުމުން އެ ޕެކޭޖެއް އެކްޓިވޭޓް ކުރެއްވޭނެއެވެ. މިސާލަކަށް، ‘އަންލިމިޓެޑް 299’ އެކްޓިވޭޓް ކުރައްވަން ބޭނުންފުޅުވާނަމަ ‘299’ ޖައްސަވާފަ 1111 އަށް މެސެޖެއް ކުރެއްވުމުން ‘އަންލިމިޓެޑް 299’ ޕެކޭޖް އެކްޓިވޭޓް ވާނެއެވެ.