.
މާލެއިން ފުރައިގެން ހދ ނޭކުރަންދޫއަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުގަދަވެ ދިޔަވަމުންދިޔަ ދޯންޏަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި އެހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 5:40 ހާއިރު އެވެ. އެމައުލޫމާތު ލިބުމާއެކު މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހާބަރ ކްރާފްޓް ލޯންޗެއްގައި ދިޔަހިއްކާނެ އާލާތްތަކާއެކު އެސަރަހައްދަށް ދެވިފައިވަނީ މިރޭ 20:05 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ޖުމްލަ 25 މީހުންނާއެކު ހދ ނޭކުރަންދޫއަށް ދިއުމަށް ދަތުރު ފެށި ދޯނި، މާލެ އަތޮޅު މާހަލު ކައިރީގައި ވަނިކޮށް ކޯސްޓްގާޑު ހާބަރ ކްރާފްޓް ލޯންޗް އަދި ކާނި ލޯންޗް ގޮސް ބެލިއިރު ދޯންޏަށް ދިޔަވަމުން ދިޔައީ ކަނޑު ގަދަވެ ދޯނިތެރެއަށް ރާޅު ޖެހުމުގެ ސަބަބުންކަމަށް ކޯސްޓްގާޑުން މައުލޫމާތު ދީފައި ވެއެވެ.
އެދޯނިން އެވަގުތު ދަތުރުކުރި މީހުންގެ ތެރެއިން 10 މީހަކު މާލެއައުމަށް ބޭނުންވާތީ ކޯސްޓްގާޑުން އެމީހުން ވަނީ މާލެ ގެނެސްދީފައި އެވެ. އަދި ބާކީ ތިބި މީހުންނާއެކު ކަނޑު މަޑުވުމުން އަލުން ދަތުރު ފަށާނެ ކަމަށް އެދޯނީގެ ކެޕްޓަން ބުނެފައިވާ ކަމަށް އެމްއެންޑީއެފް އިން މިރޭ އާންމުކުރި ހަބަރު ގައި ބުނެފައި ވެއެވެ.
މި ހާދިސާގައި ދޯންޏަށް ވެސް އަދި އެއިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ސިފައިންނާއި ފުލުހުންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އަންގަވާފައި އެވެ.
އެގޮތުން ރޭގަނޑު ދަތުރުކުރާނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ. އަދި ދަތުރުކުރާ ޕަސިންޖަރުންނަށް، ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ތެލާއި ފެން އަދި ކާބޯތަކެތީގެ އިތުރުން ހުރިހާ އުޅަނދެއްގައިވެސް ދިޔަ ހިއްކާނެ ޕަންޕުފަދަ ނިޒާމެއް ބެހެއްޓުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައި އެވެ.