.
އަބްދުލް ވާޙިދު ޙަސަން
ހުސްވެފައިވާ ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އެކައުންސިލްގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ ކައުންސިލް މެމްބަރު ހުސެއިން ރަޝީދު ހޮވައި، އަދި ނައިބު ރައީސް ކަމުގެ މަގާމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ހޮވައިފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ މިއަހަރުގެ 36 ވަނަ ޖަލްސާގައި ހުސެއިން ރަޝީދު ރައީސް ކަމަށް ހޮވިފައިވަނީ ހާޒިރުވި 9 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓުންނެވެ. މިމަގާމަށް ދެން ކުރިމަތިލެއްވި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ނަޞްރުﷲ އިސްމާޢީލް އަށް ލިބިފައިވަނީ 3 ވޯޓެވެ. ދެ މެމްބަރެއް ދެއްވި ވޯޓު ވަނީ ބާތިލް ވޯޓުގެ ގޮތުގައި ނިންމާފައެވެ.
ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހުސެއިން އާއި ކުމުންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން އެވެ. ޒަކަރިއްޔާއަށް 5 ވޯޓު ލިބުނު އިރު ޢަލީ ހުސެއިން އަށް ލިބުނީ 3 ވޯޓެވެ. 1 މެމްބަރެއް ދެއްވި ވޯޓު ވަނީ ބާތިލް ވެފައެވެ.
ހދ. އަތޮޅު ކައުންސިލް އިދާރާގައި މިއަދު ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޤާސިމް އެވެ. މިއަދުގެ ވޯޓުލުން ފެށިގެން ފުރަތަމަ ރައީސްގެ މަގާމަށް ވޯޓުލަމުން ދަނިކޮށް ވޯޓު ކަރުދާހުގައި މައްސަލައެއް ހުރިކަން ފާހަގަ ކުރެވިގެން، އެބުރުގެ ވޯޓުލުން ބާތިލް ކުރުމަށް ރިޔާސަތުން ނިންމެވިއެވެ. އަދި އެމައްސަލަ އިސްލާހު ކުރުމަށްފަހު އަލުން ވޯޓުލުން ކުރިއަށް ގެންދިޔައެވެ.
އަތޮޅު ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ގެ މަގާމު އަލުން އިންތިހާބު މިކުރީ، ހދ. އަތޮޅު ކައުންސިލުގެ ހިންގާ ގަވާއިދުގައި ކޮންމެ އަހަރަކު އެއް ފަހަރު ރައީސް އާއި ނައިބު ރައީސް ބަދަލުވާ ގޮތަށް ވަނީ ހަމަޖައްސާފައި ވާތީއެވެ. ނަމަވެސް އެއީ ލާމަރުކަޒީ ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައިވާ ކަމެއް ނޫނެވެ. ލާމަރުކަޒީ ގާނޫނުގައި ރައީސާއި ނައިބު ރައީސްކަމުގެ މަގާމުގެ މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.