.
ރާއްޖޭގައި ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ދިނުމުގެ ޚިދުމަތްދޭ އަމިއްލަ އެންމެ ބޮޑު ކޮލެޖް، ވިލާ ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކުގައި އެ ކޮލެޖަށް ވަންނަ ކުދިންގެ އޮރިއެންޓޭޝަން ބާއްވައިފި އެވެ.
ވިލާ ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގައި އަލަށް ބައިވެރިވި ދަރިވަރުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރޭ އެކޮލެޖްގެ ކިޔޫ.އައި ކެމްޕަސްގައި ބޭއްވި ބައްދަލުވުމުގައި ދަރިވަރުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ އެކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ. މީގެ އިތުރުން ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ އިސްބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވިއެވެ.
ވިލާ ކޮލެޖްގެ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރޭގައި އުނގެނުމާއި އުނގަންނައި ދިނުމުގެ ޙަރަކާތްތައް ހިންގާގޮތުގެ މަޢުލޫމާތާއި، އިތުރު ހަރަކާތްތަކާއި އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވާ ލެކްޗަރާއިންގެ މަޢުލޫމާތާއި، ވިލާ ކޮލެޖްގެ ފެކަލްޓީތަކާއި އެހެނިހެން ޑިޕާރޓްމެންޓްތަކުގެ މަޢުލޫމާތާއި ދަރިވަރުންނާއި ގުޅޭގޮތުން ހިންގާ ޕޮލިސީތަކާއި ގަވައިދުތަކުގެ މަޢުލޫމާތު ދަރިވަރުންނާ ހިއްސާކުރެވުނެވެ.
ސެޕްޓެމްބަރު މަހު ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގެތެރޭގައި ބިޒްނަސްދާއިރާގެ ކޯސްތަކާއި އެކައުންޓިންގގެ ދާއިރާގެ ކޯސްތަކާއި ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގެ ކޯސްތަކާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކާއި އެޑިޔުކޭޝަން ދާއިރާގެ އެޑްމިނިސްޓްރޭޝަންގެ ކޯސްތަކާއި ޓީޗިންގެ ކޯސްތަކާއި ޝަރީއާގެ ދާއިރާގެ ކޯސްތައް ހިމެނެއެވެ.
ވިލާ ކޮލެޖުން މަޢުލޫމާތު ދިންގޮތުގައި ހަތަރުސަތޭކައަށްވުރެ ގިނަދަރިވަރުން މިސެމެސްޓަރގެ ކޯސްތަކުގައި އަލަށްބައިވެރިވާނެއެވެ.
ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި ބޭރުގެ ޑިގްރީތަކުގެ ކޯސްތައް އެންމެފުރަތަމަ ހިންގަންފެށި ދިވެހިރާއްޖޭގެ އަމިއްލަ އެންމެބޮޑު ކޮލެޖެވެ. މިހާރުވެސް ވިލާ ކޮލެޖްގައި ތަފާތު ދާއިރާތަކުގެ ތަފާތު ލެވެލްތަކުގެ ކޯސްތަކުގައި ދެހާސް ފައްސަތޭކައަށްވުރެ ގިނަދަރިވަރުން މަތީތަޢުލިމު ހާޞިލްކުރަމުންގެންދެއެވެ.