.
މުޙައްމަދު އިސްމާޢީލް
މާލޭ މެޑިކަލްސްގެ ފަރާތުން ކުޅުދުއްފުށީގައި ސިއްހީ ފަރުވާދޭ ކޭމްޕެއް މިމަހުގެ ތެރޭގައި ފެށުމަށް ނިންމައިފި އެވެ.
ކުޅުދުއްފުށީ މަތިވަރު ގޭގައި ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕްގައި ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ފަރުވާދޭނެ ކަމަށް މާލޭ މެޑިކަލްސްގެ ޓީމުން މައުލޫމާތު ދެއެވެ.
ދަތުގެ ބަލިތަކަށް ހާއްސަ ޑރ. ޖޯރޖީ ސެލްވަރާޖް، ކުޅުދުއްފުށީގައި މިމަހުގެ 10 ން 15 އަށް ދަތުގެ ބަލި މީހުން ބަލަމުން ހަމަޖެހިފައިވާއިރު، މިމަހުގެ 8 ން 9 ށް ލޮލުގެ ބަލިތަކަށް ފަރުވާ ދެއްވާނީ ޑރ. އަސްގަރު އައްބާސް އެވެ.
މީގެ ތެރެއިން އިންޑިޔާގެ ޓްރިވެންޑްރަމްގެ އޮމެގާ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށް ޑރ. ޖޯރޖީ ސެލްވަރާޖް މީގެ ކުރިންވެސް 3 ފަހަރެއްގެ މަތިން މެޑިކަލް ކޭމްޕްތަކުގައި ކުޅުދުއްފުއްޓަށް އައިސްފައި ވެއެވެ. އަދި ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ އަސްގަރު އައްބާސް އަކީ ދުނިޔޭގެ މަޝްހޫރު ލޮލުގެ ފަރުވާދޭ ނެޓްވޯކެއް ކަމަށްވާ ވާސަން އައިކެއަރ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށް މާލޭ މެޑިކަލްސް އިން ބުނެއެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ހަމުގެ ހާއްސަ ޑޮކްޓަރ މުހައްމަދު ހައިކަލް މިމަހުގެ 14 އަދި 15 ވަނަ ދުވަހު ކުޅުދުއްފުށީގައި ހަރަކާތްތެރި ވާއިރު އެ ދެދުވަހު އެތެރެ ހަށީގެ ބަލިތަކަށް އިންޑީއާގެ އެޕޯލޯ ހޮސްޕިޓަލުގެ ޑޮކްޓަރ އޭވީ ހުސައިން ސިރާޖް ބަލި މީހުން ބަލަމުން ގެންދާނެ އެވެ.
މާލޭ މެޑިކަލްސްގެ މި މެޑިކަލް ކޭމްޕްގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ އިންޑިއާގެ ބެންގަލޫރުގެ ވިމްސް ހޮސްޕިޓަލުގެ ޑޮކްޓަރު ދިމާލީ މޯހޭން ޕޯހޭން ބައިވެރިވާއިރު ރޭޑިއޮޑައިގްނޯސިސް އަށް ހާއްސަ ޑޮކްޓަރ ޕްރަވީން ކުމާރުވެސް މިމަހުގެ 14 އަދި 15 މި ދެ ދުވަހު ފަރުވާދެމުން ގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގައި މިމަހުގެ ތެރޭގައި މި ކޭމްޕް ކުރިއަށްދާއިރު މީގެތެރެއިން ބައެއް ޑޮކްޓަރުން ހއ ދިއްދޫގައި ވެސް ބަލި މީހުން ބަލަމުން ގެންދާނެ ކަމަށް މާލޭ މެޑިކަލްސް އިން މައުލޫމާތު ދެއެވެ. މެޑިކަލް ކޭމްޕާއި ބެހޭ މައުލޫމާތު ހޯދުމަށް 7544430 އަށް ގުޅުމަށް މެޑިކަލް ކޭމްޕް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.
މި މެޑިކަލް ކޭމްޕްގައި ސްކޭން ޑޮކްޓަރަށް ދެއްކުމަށް ފީއެއް ނުނަގާއިރު ޑެންޓަލް ޑޮކްޓަރަށް ދެއްކުމަށް 150 ރުފިޔާގެ ފީއެއް ނަގާނެއެވެ. އަދި އެނޫން ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް 300 ރިފޔާ ނަގާނެ ކަމަށް މާލޭ މެޑިކަލްސް އިން މައުލޫމާތު ދެއެވެ.
ފަހަކަށް އައިސް އެކި ފަރާތްތަކުން މިފަދަ ކޭމްޕްތައް ކުޅުދުއްފުށީގައި ބާއްވަމުން އަންނައިރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެފަދަ ކޭމްޕްތަކުގައި ފަރުވާ ހޯދަމުން ދެއެވެ.