.
މަރިޔަމް ޔަސްމާ
އޯގަސްޓް 28 ވަނަ ދުވަހުގެ ބަޔާ ގުޅޭ
ރާކިންއަށް އޮފީހަށް ވަދެލެވުނުއިރު މެންދުރުފަސް ވެއްޖެއެވެ. އޭނާގެ ހަމައެކަނި މަޤްސަދަކަށް ވީ އާރިއާ ކޮބައިތޯ ބެލުމެވެ. ހެނދުނު ބޭރަށް ދިޔަގޮތަށް އާރިއާގެ ޚަބަރެއް ނުވާކަމުގައި އޭނާގެ ޕީއޭ ބުންޏެވެ. ފޯނަށްގުޅާލިއިރު ނިއްވާލައިފައެވެ. ހަޤީޤަތް ސާފުކޮށްދޭން ކިތަންމެ ބޭނުންވެފައި ހުރިނަމަވެސް ގެއަށްދާކަށް ރާކިންއަކަށް ނުފެނުނެވެ. އާރިއާ ހުންނާނީ މިވަގުތު ނުހަނު ރުޅިގަދަވެފައެވެ. ދައްކާވާހަކަ އަޑުއަހާނެ ކަމެއްވެސް ނޭނގެއެވެ. އަނެއްކޮޅުން އެހާ ގޮތްދޫނުކުރާނެއެވެ. އޭގެ ބަދަލުގައި އާރިއާ ރުޅިމަޑުވާންދެން ބައްދަލުނުކުރިއްޔާ މައްސަލަ ހައްލުކުރަންވެސް ފަސޭހަވާނެއެވެ.
އަނެއްކާވެސް ހަފްތާއެއް ފާއިތުވެގެން ދިޔައެވެ. ރާކިންއަށް އާރިއާ ފެންނަގޮތެއް ނުވިއެވެ. އޭނާ އޮފީހަކަށް ނާދެއެވެ. ފޯން އޮންނަނީ ނިއްވައިލާފައެވެ. އަނެއްކޮޅުން މިސްކު އާއި ޒާނައެވެ. ހަނީފާ ފާރަނުލާނެ ކަމަށް ޒާނައަށް ފިޔަވަޅެއްވެސް ނޭޅެއެވެ. މަންމަދެކެ ބިރުން ޒާނަ ގިނަފަހަރު ކޮޓަރިންވެސް ނުނިކުމެއެވެ. މިސްކުގެ ދުރުކަން އަދި އިހުނަށްވުރެވެސް ބޮޑެވެ. އެދޮގު ޚަބަރު ލިބުނުފަހުން މިސްކު ޒާނައަށް ބަލައިލާންވެސް ބޭނުންނުވާ ކަހަލައެވެ. މިސްކުގެ އެފަރުވާ ކުޑަކަމުން ޒާނަގެ ހިތަށް ތަދުވެއެވެ. އެކަމަކު އޭނާއަށް އެނޫންގޮތެއް ނެތެވެ. މަންމަ ރުޅިއައިސްގެން މިސްކުގެ ވާހަކަ ބުނެފިއްޔާ ރާކިން ކަންތައްކުރާނީ ކިހިނެތްކަމެއް ނޭނގެއެވެ. އޭނާގެ ސަބަބުން މިސްކުގެ ހިޔާވަހިކަން ގެއްލި ކިޔެވުން ހުއްޓިއްޖެނަމަ އަމިއްލަ ނަފްސަށް މާފެއްނެތެވެ.
އާދުވަހެކެވެ. އާދައިގެމަތިން ރާކިން ތައްޔާރުވެގެން އައިސް ސައިމޭޒު ދޮށުގައި އިށީންދެއްޖެއެވެ. އެއަށްފަހު ޒާނަގެ ފަހަތުން ހަނީފާއެވެ. ރޫބީ ތަށިތައް ކައިރިކޮށްދީފައި ދުރުގައި ހުއްޓިލިއެވެ.
“ކޮބާ މިސްކު؟ އޭނަ ކޮލެޖަށް ނުދާދުވަހަކީތަ؟” ރާކިން ދޮރާއި ދިމާއަށް ކަޅިއެއް އެއްލިއެވެ. ޒާނަވެސް މެއެވެ. އެވަގުތު ދޮރުމައްޗަށް އައިސް ހުއްޓިލި މިސްކު ދެކެފައި އެންމެން ސިހުނެވެ. މިސްކުގެ ކޮނޑުގައި އޮތް ދަބަހަށް ބަލާލުމުން އޭނާ ދާންއެއުޅެނީ ކޮލެޖަށް ހެނެއް ހިއެއްނުވެއެވެ.
“ރާކިން. އަހަރެން އެހެން ގެއަކަށް ބަދަލުވަނީ.” މިސްކު ވަދެގެން އައިސް މޭޒުމަތީ ތަޅުދަނޑި ބާއްވާލިއެވެ.
ރާކިން އަނގަޔަށް ލާންވެގެން ނެގި ސަމުސާ ތަށިތެރެއަށް ދޫކޮށްލާފައި ފުންމައިގެން ތެދުވެއްޖެއެވެ. ޒާނައާއި ރޫބީވެސް ދެލޯބޮޑުކޮށްގެން މިސްކުއަށް ބަލަންފެށިއެވެ. ހަމަޖެހިގެން އިނީ ހަމައެކަނި ހަނީފާއެވެ. އޭނާގެ މޫނުން ކަމެއްވާހެންވެސް ހީނުވެއެވެ.
“ކީއްވެގެން އެހެން ގެއަކަށް ބަދަލުވަނީ؟” ހިތްހަމަނުޖެހޭ ކަމެއްވަންޏާ އަހަރެން ކައިރީ ބުނޭ. އަހަރެން އެކަމެއް ރަނގަޅުކޮށްދޭނަން.” ރާކިން އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
“ނޫނޭ. އެކަހަލަ ކަމެއްވެގެނެއް ނޫން. ގާތްއެކުވެރިޔަކު ކޮޓަރިއެއް ކުއްޔަށް ނަގަންވެގެން އަހަރެން ކައިރީ އެދުނީ އޭނައާއި ބައިވެރިވާން. ކުލިވެސް މާބޮޑެއް ނޫން. ދެން ދެމީހުންވެގެން ދައްކަންޏާ އެނުވާނެ މާބޮޑު އެއްޗަކަށް.” މިސްކު ކިޔައިދިނެވެ.
“ކުލި ބޮޑުނޫނަކަސް ކެއުންބުއިމާއި އެހެން ހުރިހާ ޚަރަދެއް އަތުން ކުރަންޖެހުނީމަ އޮންނާނީ ނުވެފަ. މާލޭގައި ދިރިއުޅުމަކީ ފަސޭހަކަމެއް ނޫން. ކިހިނެތް އެހެންނޫނަސް މަންމަމެނަށް ލިބޭ މަދު ރުފިޔާކޮޅު މިސްކުއަށް ފޮނުވައިގެން އުޅޭނީ؟” ރާކިން ކަންބޮޑުވެފައި މިސްކުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ރަށުން ފޮނުވާކަށް ނުޖައްސާނަން. އަހަރެން ވަޒީފާއަކަށް ދާން ފަށާނީ. މިބުނާތަން ކޮލެޖާއިވެސް އެހާކައިރި. ސޮރީ ރާކިން. އަހަރެން ގަސްތުކޮށްފިން އެގޮތަށް. މަންމަވެސް ޤަބޫލު.” މިސްކުގެ އަޒުމް ވަރުގަދައެވެ. އެނިންމުން ބަދަލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.
“އަހަރެން މަޖުބޫރެއް ނުކުރާނަން. އެކަމަކު އަހަރެންގެ އެދުމެއް އެބައޮތް. މިސްކު ވަޒީފާ އަދާކުރަން އަންނާނީ އަހަރެންގެ އޮފީހަށް. އަހަރެން ރަނގަޅު ވަޒީފާއެއް ހަމަޖައްސައިދޭނަން.” ރާކިން ބުނެލިއެވެ.
މިސްކު ހުރީ ފުރަތަމަ ވިސްނަންވެގެންނެވެ. އޭނާ އެއްބަސްވީ ކުޑައިރުކޮޅެއް ފަހުންނެވެ. “އެންމެ ރަނގަޅު.” ރާކިން އަނެއްކާ އިށީންދެފައި ރޫބީ ކައިރީ މިސްކުގެ ފޮށިތައް ކާރާއި ހަމައަށް ގެންގޮސްދޭން އަންގާލިއެވެ.
“އަހަރެން އެބަ އަންނަން.” މިސްކުގެ ފަހަތުން ރޫބީ ގޮސް އެތަނުން ނިކުތްތަނާ ޒާނަ ތެދުވެގެން ދިޔައެވެ. އެދިމާއަށް ބަލާލާފައިވެސް ހަނީފާ އަނެއްކާ ހަމަޖެހިގެން ސައިބޯންފެށިއެވެ.
ދޮރުން ނިކުމެފައި ޒާނަ ދުއްވައިގަތެވެ. ގޭގެ ދޮރުން ނިކުމެވުނުއިރު މިސްކު އާއި ރޫބީ ކާރާއި ދިމާއަށް ދަނީއެވެ. ޒާނަ ކުރިއަށްވުރެވެސް ދުވެލި ބާރުކޮށްލާފައި ގޮސް މިސްކުގެ ފަހަތުގައި ހުއްޓިއްޖެއެވެ. އޭރު ރޫބީ ޑިކީ ހުޅުވައިގެން ފޮށްޓާއި ދަބަސް އެތެރެއަށް ލަނީއެވެ.
“ހޭ! ވަކިވެގެންދަމުން ސަލާމެއްވެސް ނުކުރާނަންތަ؟” ރޫބީއަށް ބަލަންހުރެގެން ޒާނަ ސަލާމަށް އަތްދިއްކޮށްލިއެވެ. އެއަޑު އިވިގެން އެނބުރި ބަލާލި މިސްކުގެ މޫނުމަތީގައި އެއްވެސް އަސަރެއްނެތެވެ. ޒާނަ އިންތިޒާރުކުރީ ރޫބީ ދާންދެންނެވެ. މިސްކު ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް އޭނާގެ އަތުގައި ދެއަތުންހިފާ ބާރުކޮށްލާފައި ޒާނަ އާދޭސްކުރަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
“މިސްކު ޕްލީޒް. ނުދޭ. އައި ވިލް މިސް ޔޫ. އަހަރެން މިހާރުވެސް ނުކުރަމެއްނު އުދަނގުލެއް. ދެންވެސް ނުކުރާނަން. ނުދާނަން ތިކޮޓަރިއަކަށް. ވާހަކަ ދައްކާކަށްވެސް މަސައްކަތެއް ނުކުރާނަން. އެކަމަކު ހެޔޮނުވާނެ ތިގޮތަށް މިގެއިން ނިކުމެގެން ނުދޭކޮންމެ ދުވަހަކު މިގޭތެރެއިން މިސްކު ދެކިލަން ލިބުންވެސް އެއީ އަހަރެންނަށް ލިބޭ ނަސީބެއް..” ޒާނަގެ ދެލޮލަށް ކަރުނަތައް ޖަމާވާންފެށުމުން އިސްޖެހިއެވެ. މިސްކު ހުރީ އަދިވެސް ބަލަހައްޓައިގެންނެވެ. ޒާނަގެ އެކަރުނަތަކުން މިސްކުގެ ހިތަށް އެއްވެސް އަސަރެއްނުކުރާ ކަހަލައެވެ.
“އެހެންވެގެން އަހަރެން މިދަނީ. އަހަރެން މިގޭގައި ޒާނަގެ ކުރިމަތީގައި އުޅޭހާ ދުވަހަކު ތިހިތް ބަދަލެއްނުވާނެ. އެއީ އަހަރެން ބޭނުންވާގޮތެއް ނޫން. އަހަރެން ބޭނުންވަނީ އަހަރެން ދިއުމަށްފަހު ޒާނަ ރާކިންއާއި ގުޅެން. އަހަރެން ބޭނުމީ ޒާނަ އަހަރެންގެ މަތިން ހަނދާންނައްތާލަން.” ޒާނަގެ އަތް ފޮޅުވާލާފައި މިސްކު ކާރަށް އަރައި ދޮރުޖަހާލިއެވެ. ދާދި މަދުސިކުންތު ކޮޅެއްގެތެރޭގައި އެކާރު ދުވެ ގޮސް ލޯމަތިން ގެއްލުނެވެ.
މާޔޫސްވެފައިވާ ޒާނައަށް ޖެހުނީ ހުސްއަތައި ގެއަށް ވަންނާށެވެ. އޮޅިގަނޑުން އެތެރެއަށް އެއްފިޔަވަޅު އަޅަން އުޅެފައި އިސްއުފުލާލުމާއެކު އެގެ މިއަދު އޭނާއަށް ސިފަކޮށްލެވުނީ މުޅިން ތަފާތުތަނެއްގެ ގޮތުގައެވެ. ކައިވެނިކޮށްގެން އެއޮޅިގަނޑު އޭނާ ހުރަސްކުރީ އޭގެ ފަހަތުގައިވާ މުއްސަދި ކަމާއި އަރާމު ދިރިއުޅުމަށް ފެންބޮވައިގެންފައި ހުރެ ނުހަނު އުފަލުންނެވެ. އެކަމަކު މިއަދު އެ މުއްސަދިކަމާއި އަރާމު އެއީ ޒާނަގެ ހަމަޖެހުމާއި އުފާވެރިކަމަށް އެޅިގެން ދިޔަ ހުރަހަކަށް ވެނިމިއްޖެއެވެ.
އެތައް އިރަކު ވިސްނާފައި ރާކިން ގޮތެއް ނިންމިއެވެ. އޭނާ އާރިއާގެ ގެއަށް ދާން ގަސްތުކޮށްގެން ގެއިން ނިކުތްއިރު ރޭގަނޑު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ. އާދައިގެމަތިން ދޮރުހުޅުވީ ގޭގައި ގެންގުޅޭމީހާއެވެ. އިއްތިފާޤުން އާރިއާވެސް އެވަގުތު ކޮޓަރިން ނިކުންނަނީއެވެ. ރާކިން ފެނިފައި އާރިއާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ވަށައިގެން ހޯދާލިގޮތުން އެގޭގައި އިތުރުމީހަކު އުޅެނީކަހަލައެވެ.
“އާރިއާ!” ރާކިން ގޮވާލިއެވެ. އެވަގުތު އާރިއާ ކުއްލިއަކަށް އަމިއްލައަށް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި ހިމޭންވުމަށް އަންގާލިއެވެ.
“އަޑުއަހާބަލަ. އަހަރެން މިއައީ އެއްޗެއް އޮޅުންފިލުވައި ދޭން.” ރާކިން އެކަމަށް އިޖާބައެއްނުދިނެވެ. ވާހަކަދައްކަމުން ކައިރިއަށް އަންނަން ފެށުމާއެކު އާރިއާ އަނެއްކާ ވަށައިގެން ހޯދާލިއެވެ.
“ކާކަށް ފެނިދާނެތީތަ ބިރުން ތިއުޅެނީ؟” ރާކިންއަށް އާރިއާގެ ހަރަކާތްތަކުން އެއްޗެއް ވިސްނުނެވެ.
“މަންމަ އާއި…”އާރިއާ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. ކަންބޮޑުގެން އޭނާ ބަލަންފެށިގޮތުން ފަހަތުގައި މީހަކު ހުރީކަން ރާކިންއަށް އެނގިއްޖެއެވެ. ލަސްލަހުން އެނބުރި ބަލާލިއިރު އެއީ އާރިއާގެ ބައްޕަ ތައުފީޤެވެ. ރާކިންގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. ވާހަކަދައްކަން ވެގެން އޭނާ ތުންތަޅުވާލިތަނާ ތައުފީޤް އަތްއުފުލާލާފައި އެކަން މަނާކޮށްފިއެވެ.
ބޮލުގައި ހުދު އިސްތަށި ގިނައަދަދަކަށް ފެންނަން ހުއްޓަސް ތައުފީޤްގެ ޝަހުސިއްޔަތު ވަރުގަދަކަމުން ފެންނަމީހުން ޖެހިލުންވެއެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑު ބޮޑުމީކެވެ. ތައުފީޤްގެ ސީރިއަސް މިޒާޖުގެ ސަބަބުން މޫނުމަތިން ހިނިތުންވުމެއް ފެންނާނީ މަދުފަހަރަކުއެވެ. ދުރުގައި ހުންނައިރު ކޮންމެ އެއްޗެއްކިޔަސް ކުރިމަތިން ފެނުމުން އާރިއާވެސް ބައްޕަދެކެ ޖެހިލުންވެއެވެ.
“އާރިއާ އެތެރެއަށް ވަދޭ!” ތައުފީޤް ހަރުކަށިއަޑުން އަމުރުކޮށްލިއެވެ.
“އަހަރެން އާރިއާ އާއި ވާހަކައެއް ދައްކާލަން ބޭނުން.” ރާކިން އަވަސްއަވަހަށް އެހެން ބުނެފައި އަނެއްކާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“މިބުނީނު އެތެރެއަށް ވަންނާށޭ. އާރިއާ ވާހަކަދައްކަން ޖެހޭ މީހަކު މިތާކު ނެތް. އޭނާ ކައިރީބުނޭ ދަރިފުޅާއި ބައްދަލުކުރަން އަންނައިރު ގަޑިންވީވަރެއް ބަލާލާށޭ.” ތައުފީޤް ލޯއަޅާލިތަން ފެނިފައި އާރިއާ ކޮޓަރި އެތެރެއަށް ދެމިގެންފައި ދޮރުލައްޕާލިއެވެ.
ފުރަތަމަ ފަހަރަށް އެހެން އިންސާނެއްގެ ކުރިމަތީގައި ރާކިން ބަލިވި ފަހަރަކީ މިއީއެވެ. ކިތަންމެ ބޭނުންވިއަސް އޭނާއަށް ތައުފީޤްގެ މައްޗަށް ކުރިހޯދޭކަށް ނެތެވެ. އާރިއާގެ މައްޗަށް އެއްވެސް ހައްޤެއްނެތެވެ. އެހައްޤު ވަނީ އޭނާ މާކުރިން ދޫކޮށްލައިފައެވެ. ރާކިން އެކަނި ދޫކޮށްލާފައި ތައުފީޤްވެސް އެހެން ކޮޓަރިއަކަށް ވަނުމުން ރާކިންއަށް ޖެހުނީ ދެރަ ޤަބޫލުކޮށްގެން އެގެއިން ނިކުންނާށެވެ. ކޮންފަދަ ނިކަމެތި ކަމެއްހެއްޔެވެ؟
އިރެއްގައި ރާކިންގެ މުށުތެރޭގައި މުޅިދުނިޔެ ވިއެވެ. އެކަމަކު މިއަދު އޭނާއަކީ ބާރެއްނެތް މީހަކު ކަމުގައި ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ.
އިތުރަށް ދެމަސް ވޭތުވެގެން ދިޔައެވެ. އެދެމަސް ތެރޭގައި ޒާނައަށް މިސްކުއެއް ނުފެނެއެވެ. އާރިއާ މެލޭޝިޔާއަށް ދިއުމާއެކު ރާކިންއާއި ބައްދަލުވުމުގެ މަގުބަންދުވީއެވެ. ފޯންކުރިއަސް ޔޫންގެ އަޑު ނޫން އަޑެއް ނީވެއެވެ. ހަނީފާ ރަށަށް ދިއުމާއެކު ނިދާތަން ދެތަނަކަށް ބަދަލުވި ގޮތަށް ރާކިންއާއި ޒާނަގެ ދެމެދުގައިވި ގުޅުން ކުރިއަށް ވުރެވެސް ދުރުވެގެން ދިޔައެވެ. ހަފްތާއެއް ވެގެންދާއިރު އެކަކަށް އަނެކަކުގެ މޫނު ނުފެނި ހުރެދެއެވެ. ކޮންމެމީހަކަށްވެސް ކުށްވެރިކުރެވުނީ ކައިވެންޏެވެ. ވަކި މަޤްސަދެއްގައި ކުރެވުނު އެކައިވެންޏަކީ ބޭނުންނެތް ބޭކާރު ގުޅުމެއްކަމުގައި ދެމީހުންނަށްވެސް މިހާރު ޤަބޫލުކުރެވެއެވެ. ރާކިންއަށް ޒާނަ ވަރިކުރަން ނުކެރިފައި ހުންނަނީ ޒާނައަށް އެކަމުން ލިބިދާނެ ދެރައަކަށް ވިސްނާފައެވެ. ޒާނައަށް ވަރިއަށް އެދެން ނުކެރެނީ އެއީ ރާކިން އެދިގެން ކުރި ކައިވެންޏަކަށް ވެފައި ރާކިން ބޭނުންނުވާހާ ހިނދަކު އަމިއްލައަށް އެގުޅުން ކަނޑާލަން ނުކެރިގެންނެވެ.
އެންމެ ބޮޑު ބަދަލަކަށްވީ އެދެމީހުންގެ މިޒާޖަށް އައި ތަފާތެވެ. ޅަކުއްޖެއްފަދައިން ހީސަމާސާ ކުރުމާއި އެކި އެކި ކޫސަނި ކަންތައް ކުރުމުގައި ހޭދަވި ޒާނަގެ ދުވަސްތައް މިހާރު ނިމިގެން ދަނީ ހިމޭންކަމުގައެވެ. އެ މުއްސަދި ގަނޑުވަރުގެ ހަތަރުފާރު ތެރޭގައި ޒާނަ ނޭވާ ހާސްވެއެވެ. ނިދާ ހޭލެވޭ ކޮންމެ ދުވަހަކު އެތަނުން ނިކުމެގެން ދިއުމަށް ހިތް އެދެންފަށައެވެ. ލޮލުން ކަރުނަ ނުއޮހޮރުވިއަސް ޒާނަގެ ހިތް ވަނީ ހިތާމައިން ފޯވެފައެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާގެ ހިތުގެވެރިޔާ ނުލިބޭނެކަން ހިތަށްއަރާ ކޮންމެފަހަރަކު ވޭނުން ހިތްހަލާކުވެއެވެ.
ދެން ރާކިންއެވެ. މަޑުމަޑުން އޭނާގެ ހަރުކަށިކަން މަޑުމައިތިރިކަމަށް ބަދަލުވާން ފެށިއެވެ. މަސައްކަތަށް މީގެކުރިން ހުރި ޝައުޤުވެރިކަމެއް ނެތެވެ. ވިސްނާ ފިކުރުކުރުމުގައި އޭނާ ވަގުތު ހޭދަކުރާލެއް ގިނައެވެ. އަމިއްލަ ކުށަށް އިއުތިރާފް ވެވުނީ އެހިސާބުންނެވެ. އެއްޗެއްގެ އަގު އެގޭނީ އެއެއްޗެއް ގެއްލިދިއުމުންނެވެ. ރާކިންއަށްވެސް މިއަދު އެކަން އިހްސާސްކުރެވެއެވެ. އާރިއާއި ވަކިން އޭނާއަށް އުފަލެއް ނެތެވެ. ގޮތްދޫނުކޮށް ހުރެގެން އޭނާއަށް ލިބުނު މޮޅެއް ނެތެވެ. ކުށްކުރެވުނީ އޭނާއަށެވެ. އަދި އޭގެ ސަޒާވެސް ލިބިއްޖެއެވެ.
ރޭގަނޑުގެ ވަގުތެވެ. ކުލާސް ނިންމާފައި މަގުމައްޗަށް ނިކުތް ޒާނަ ކާރަށް އަރަންވެގެން ދިޔައެވެ. ފަހަތުން އާތިފާ ގޮވާއަޑަށް ޒާނަ ހުއްޓިފައި ބަލާލިއެވެ. ހިނިއައިސްފައި ހުރެ އާތިފާ ދުވެފައި އައެވެ. ފަހަކަށް އައިސް ޒާނަ އާތިފާ އާއި އެހާ ވާހަކައެއް ނުދައްކައެވެ. އާތިފާގެ ދުލުން މިސްކުގެ ނަން އިވޭ ކޮންމެފަހަރަކު އޭނާގެ ހިތަށް ލިބޭ ވޭނުން އަހަން ބޭނުން ނުވަނީއެވެ.
“ސޭ ކޮންގްރޭޓްސް.” އާތިފާ ތަންމިނަށް ހިނިތުންވެފައި ބުނެލިއެވެ. ޒާނަ ހުރީ ވާނުވާ ނޭނގިފައެވެ.
“ނުބުނާނަންތަ؟ ހެހެ…އޯކޭ މިވާހަކަ ބުނީމަ ބުނަން ހުރޭ. ގެސް ވަޓް؟ މިސްކު އަހަރެން ކައިރީ އިންނަން އަހައިފި.” އާތިފާ ޒާނަގެ ގައިގައި އޮޅުލައިގަތެވެ. އުފަލުން އޭނާ މޮޔަވަނީއެވެ. ލޮލުން އައި ފޮނި ކަރުނަތައް ކޯތާފަތަށް ފެތުރިގެންފިއެވެ. ޒާނަގެ ހާލަކީތޯއެވެ. އޭނާއަށް ހީވީ ފެންއެއްޗެއްގެ ތެރެއަށް މުޅިމީހާ ގެނބިގެން ދިޔަ ހެންނެވެ. ލޮލަށް ޖަމާވިކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އަނގައިން އަޑުބޭރުނުވީ އާތިފާގެ ކޮނޑުގައި މޫނުޖައްސާ ބާރުކޮށްލެވުނު ކަމުންނެވެ.
“ކީކޭ ބުނަނީ؟ އުފާވެރި ޚަބަރެއްދޯ މިގެނެވުނީ.” އާތިފާ ދުރަށް ޖެހިލަން އުޅުނުވަގުތު ޒާނަ އަވަސްއަވަހަށް ލޯފުހެލިއެވެ.
“ހޫމވަރަށް އުފާވެއްޖެ. މަރުހަބާ.” ޒާނަ ހީގަތެވެ. އާތިފާ އޭރުވެސް ހުނުން ހުއްޓައެއްނުލައެވެ. ޒާނަގެ ލޮލުތެރޭގައި ވިދަމުންދިޔަ ކަރުނަތައް އޭނާއަށް ފާހަގަ ނުކުރެވުނީ ލިބިފައިވާ އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ.
“އޭ ދެން ދަނީ އިނގޭ. ވާރޭވެސް ވެހެން އެބައުޅޭ.” އާތިފާ ގޮސް އެހެން ގޯޅިއަކުން އަޅާލުމާއެކު ކާރަށް އަރަން ޒާނަ ދިޔައީ ދުވެފައެވެ. އަރާ އިށީންދެވުނު ހެނެއްހިއެއްނުވެ އަނެއްކާ ދެލޯފުރިގެން ބަންޑުންވެއްޖެއެވެ. އުނގުމަތީގައި ބޯއަޅާލަމުން ޒާނަރޮއިގަތެވެ. އެރުއިމުގެ އަޑު، ބޯކޮށް އައި ވާރޭގެ އަޑާއި ކާރުގައި ޖަހާފައިވާ ލަވައިގެ އަޑާއި އެކުވެގެން ދިޔައެވެ.
ނުނިމޭ