.
ކުޅުދުއްފުށީ ގެ ޕްރީ ސްކޫލެއް ކަމުގައިވާ އިރުމަތީ އަވަށު ޕްރީ ސްކޫލުގެ ޕީޓީއޭ އިން ބޭއްވި ކާބޯތަކެތީގެ މައުރަޒެއްގައި އަށާވީސްހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ސްކޫލުގެ ޕީޓީއޭގެ ހަރަކާތްތަކަށް ފަންޑް ހޯދުމުގެ ގޮތުން މިއަދު މެންދުރު ފަހު އެސްކޫލުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒުގައި ޖުމްލަ 28،671.50 ރުފިޔާ ލިބިފައިވާކަމަށް އެސްކޫލުން މަޢުލޫމާތު ދެއްވިއެވެ.
ޕީޓީއޭގެ ބެލެނިވެރިން ފަސް ގުރޫޕަކަށް ބަހާލައިގެން މިމައުރަޒުގައި 5 ސްޓޯލަކުން ތަކެތި ވިއްކާފައިވެއެވެ. މި 5 ސްޓޯލު ހުޅުވައިދެއްވީ ކޮންމެ ސްޓޯލަކަށް ވެސް ހާއްސަކުރެވިގެން ދައުވަތު ދެވުނު 5 ޝަރަފްވެރި މެހެމާނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީނިއަރ ކޮމިއުނިޓީ އޮފިސަރ އަބޫބަކުރު އަލީ އާއި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު އަހުމަދު އަލީ އާއި އެމްޑަބްލިއުއެސްސީގެ އަލީ ޝަމީމުގެ އިތުރުން ކުޅުދުއްފުށީގައި ކެފޭ ރެސްޓޯރަންޓް ހިންގަވާ ދެފަރާތް ކަމުގައިވާ ހުސެއިން އަހުމަދާއި މުޙައްމަދު އަލީއެވެ.
މި މައުރަޒުގައި ތަފާތު ވައްތަރުތަކުގެ ތައްޔާރީ ކާނާއާއި ހެދިކާ އަދި ރާއްޖެއިން ލިބެންހުންނަ ތަރުކާރީ އާއި މޭވާ ވިއްކާފައި ވެއެވެ.
އިތުރު ފޮޓޯތައް