.
ސުޕްރީމް ކޯޓުން މިމަހުގެ ދެވަނަ ދުވަހު އިއްވި ހުކުމުގެ ސަބަބުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތަށް އައި އުނިކަން ސަރުކާރުގެ ތެރެއިން ނުވަތަ މިހާރު ކުރިއަށްދާ ސިޔާސީ ލީޑަރުންގެ މަޝްވަރާތަކުގެ ތެރެއިން ވެސް ހައްލުކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާ މެމްބަރު ވިދާޅުވެއްޖެ އެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރުމަށް ނެކްސްބިޒްއާއި އިމިގްރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމަކަށް އަމަލުކުރުން ހުއްޓާލުމަށް އެދި އޭސީސީ އިން އެންގިއެންގުމާއި ގުޅިގެން ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާޠިލުކޮށް ސުޕްރީމް ކޯޓުން މިމަހުގެ 2 ވަނަ ދުވަހު ނެރުނު ހުކުމުގެ ސަބަބުން އޭސީސީގެ މަސައްކަތްތަކަށް އުނިކަމެއް އަތުވެއްޖެ ކަމަށް ގަބޫލުކުރާ މީހުންގެ ތެރޭގައި މެމްބަރު ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ކަމަށް ބުނެ ނަޝީދުގެ އަމިއްލަ ބުލޮގްގައި ލިޔުއްވާފައިވަނީ އެ ހުކުމުގެ ސަބަބުން އޭސީސީގެ މަސައްކަތްތަކަށް ބޮޑު އުނިކަމެއް އަތުވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމް އޭގެ ޒާތުގައި ރަނގަޅު ނަމަވެސް އެހުކުމުގެ ސަބަބުން އޭސީސީގެ ފަރާތުން މިހާތަނަށް އަދާކުރަމުން އައި މުހިއްމު އެއް ދައުރު ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އެއީ ކިތައްމެ ބޮޑު ކޮރަޕްޝަނުގެ އަމަލެއް ހިމެނޭކަމެއް އޭސީސީއަށް ތުހުމަތު ކުރެވުނު ނަމަވެސް އެކަމެއް ކުރިއަށް ނުގެންދިއުމަށް އެތަނަކަށް އިދާރީގޮތުން އެންގުމުގެ ބާރު އޭސީސީއަށް އެހުކުމުގެ ސަބަބުން ނޯންނާނެތީ ކަމަށެވެ. އަދި ވަކި ކަމެއް ހިނގާގޮތުން ކޮރަޕްޝަނުގެ އަމަލެއް އުޅޭ ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެކަން އެހެން ގޮތަކަށް ކުރުމަށް އިދާރީގޮތުން އެންގުމުގެ ބާރު އޭސީސީއަށް ގެއްލިފައިވާ ކަމަށެވެ. އަދި މިހާރު އެފަދަ އެންގުމެއް އަންގަން ޖެހިއްޖެނަމަ އެކަމެއް ކުރެެވޭނީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ އުޞޫލުން ޕުރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ކަމާގުޅޭ ކޯޓަކުން ނެރޭ އަމުރެއްގެ ދަށުންކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދު ވިދާޅުވެފައިވަނީ އޭސީސީއަށް އިދާރީގޮތުން އަންގާ އެފަދަ އެންގުންތަކަށް ތަބާވުން ލާޒިމުނުކުރެވޭނެ ކަމަށް ހުކުމުގައި އޮތްނަމަވެސް އެތަނެއްގެ ރުހުމުގައި އެތަނަކުން އޭސީސީގެ އެންގުންތަކަށް ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ހުކުމުން މަނާ ނުކުރާ ކަމަށެވެ. އެއީ ދައުލަތުގައި ކޮރަޕްޝަނުގެ އަމަލު އުފަންކުރުވާ ޒާތުގެ އަމަލުތައް ހިނގާނެ އެއް ދިމާލަކީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަށް ކަމަށް ވާއިރު ސަރުކާރުން ބޭނުންވާނަމަ، އޭސީސީއިން އަންގާ އެފަދަ އެންގުންތަކަށް އަމަލުކުރުމަށް ސަރުކާރުގެ ބާރު ހިނގާ ހުރިހާ ތަނަކަށް އެންގިދާނެ ކަމަށެވެ.
މައްސަލަ ހައްލުކުރެވިދާނެ ދެވަނަ ގޮތެއް ކަމަށް ނަޝިދު ވިދާޅުވެފައި ވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޭސީސީ އަށް ނެތްކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ބާރުތައް އޭސީސީ އަށް ދިނުމަށް ގާނޫނު އިސްލާހުކުރުމެވެ. ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ކަންތައްތައް މިހާރު ފެށިފައިވާ ލީޑާރޒް ޑަޔަލޮގްގެ ތެރެއިން ސިޔާސީވެރިންގެ މެދުގައި މަޝްވަރާކުރެވި އެކަން ކުރަން ސިޔާސީ އިސްފަރާތްތަކުން ކަނޑައަޅައިފިނަމަ، ކަންކޮށް ނިންމާލާކަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.