.އާދައިގެ މަތިން ހޮސްޕިޓަލްތެރެ ފުދޭވަރަކަށް ބިޒީ ދުވަހެކެވެ. އާސަންދަ އިން ޚިދުމަތް ދޭ އުސޫލަށް ބަދަލު ގެނެސްފައި ވިކަމުގައި ވިޔަސް ހޮސްޕިޓަލްގެ ބޭނުންހިފާ މީހުން މަދުވި ހެނެއް ހިޔެއް ނުވެއެވެ. މިއޮށް ބިޒީ ދުވަހު އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމުގެ އެނދެއްގައި އަހަރެން ވަދެ މިއޮތީ ކީއްކުރަން ހެއްޔެވެ؟ އަހަރެންނަށް ބައްޔެއް ނުޖެހެއެވެ. އެކްސިޑެންޓެއް ނުވެއެވެ. އަހަރެން މިތާ މިއޮތީ ތަނެއްގައި ރިއްސާތީ ނުވަތަ ތަނަކަށް ތަދުވާތީ އެއްވެސް ނޫނެވެ. އަހަރެން މިތަނުގައި އެނދުމަތި ވާންޖެހުނު ސަބަބު އެނގޭނީ ހަމަ އަހަރެންނަށެވެ. ދެން މިކަން އެނގޭނެ ހަމައެކަނި މީހަކީ އަހަރެންގެ ކައިރީގައި މިއިން އަހަރެންގެ އެކުވެރިޔާ ޝިނާޒެއެވެ.
ޝިނާޒަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ކުޑައިރުންސުރެ އަހަރެންގެ ދޯސްތަކީ އެއީ އެވެ. އިސްކަންދަރު ސްކޫލުގެ ގްރޭޑް އެކަކުން ފެށިގެން ކޮންމެ ގްރޭޑެއްގައި ވެސް އަހަރެމެން ދެމީހުން އުޅުނީ އެއް ކްލާހެއްގައެވެ. ސްކޫލު ނިންމުމަށްފަހު ވެސް އަހަރެމެން ދެމީހުންނަކީ ލާމަސީލު ދެ އެކުވެރިންނެވެ. އަހަރެން އުޅެނީ ހިއުމަން ރައިޓްސް އޮފީހުގައެވެ. ޝިނާޒު އުޅެނީ ޖީއެމްއާރު އެއާޕޯޓުގައެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި އެއްވެސް ސިއްރެއް ނުބާއްވަމެވެ. ދިމާވާ ކޮންމެ ކަމެއްގައި ދެމީހުން ދެމީހުންނަށް އެހީތެރިވެދީ އުޅެމެވެ. ނަމަވެސް އަހަރެމެން ދެމީހުންނަކީ ކިތަންމެ ގާތް ދެރަހްމަތްތެރިން ކަމުގައި ވިޔަސް، ދެމީހުންގެ މިޒާޖަކީ އުޑާބިމާހާ ތަފާތު މިޒާޖެކެވެ.
ޝިނާޒަކީ ސަކަ މިޒާޖުގެ މީހެކެވެ. އަހަރެންނަކީ މަޑުމައިތިރި މީހެކެވެ. ޝިނާޒަކީ ހުރިހާ ކަމެއްގައި ވެސް އިސްނަގާ ކެރޭ މީހެކެވެ. އަހަރެންނަކީ ކޮންމެ ކަމެއްގައި ވެސް ފަސްޖެހޭ މީހެކެވެ. ޝިނާޒު ކޮންމެ ކަމެއް ވެސް ނަގާނީ ވަރަށް މަޖާކޮންނެވެ. ނަމަވެސް އަހަރެންނަށް ކޮންމެ ކަމެއް ވެސް ނެގޭނީ ވަރަށް ސީރިއަސް ކޮންނެވެ. ޝިނާޒު އަކީ “އައުޓްގޮއިން” ޒަމާނީ މީހެކެވެ. އަހަރެންނަކީ އަބަދު ގޭގައި އޮންނަ މީހެކެވެ. ޝިނާޒަކީ އަންހެން ކުދިން ކާމިޔާބު މީހެކެވެ. އަހަރެންނަކީ އަންހެން ކުދިން ނާކާމިޔާބު މީހެކޭ ބުނުމުގެ ބަދަލުގައި އަހަރެން ބުނާނީ އަހަރެންނަކީ އަންހެން ކުދިން ކާމިޔާބު މީހަކަށް ވުން އެއީ މުހިއްމު ކަމެއް ކަމަށް ދެކޭ މީހެއް ނޫނެވެ.
އަސްލު ޕޮއިންޓާ ހަމައަށް އަދި ކިރިޔާ މިއާދެވުނީ އެވެ. އެއީ އަންހެން ކުދިންގެ ވާހަކައެވެ. ނަމަވެސް އަހަރެން ހޮސްޕިޓަލްގައި އެނދުމަތި ކުރަން ޖެހުމާއި އަންހެން ކުދިންގެ ކަންތަކާ ގުޅެންވީ ކީއްވެ ހެއްޔެވެ؟ އަންހެން ކުއްޖަކު އަހަރެންނަކަށް ޒަހަރެއް ނުދެއެވެ. ނޫނީ އަންހެން ކުއްޖެއްގެ ބައްޕައެއް ނޫނީ ބޭބެއެއް އަހަރެންގެ ގައިގައި ތަޅައިގަތީ އެއްވެސް ނޫނެވެ. އެހެންވީމާ ޝިނާޒްގެ ވާހަކަ ދައްކަމާ ހިނގާށެވެ.
ކުރިންވެސް ބުނިހެން ޝިނާޒަކީ އަންހެން ކުދިން ކާމިޔާބު މީހެކެވެ. އަހަރެން އުމުރުގައި ވެސް ރައްޓެހިވީ އެންމެ ކުއްޖަކާއެވެ. އެއީ ގްރޭޑް 10 ގައި އުޅެނިކޮށް ދިމާވި ފަރީޝާ އާއެވެ. ފަރީޝާއާ އިނދެގެން އަހަރެންގެ އަންހެން ދަރިއެއްވެސް މިހާރު ހުރެއެވެ. އެހެންކަމުން އަންހެން ކުދިން ކާމިޔާބު މީހަކަށް އަހަރެން ވާން ނުވެސްޖެހެއެއްނުން ހެއްޔެވެ. މިއާ ޚިލާފަށް ޝިނާޒު އަދި މީހަކާ ނީނދެއެވެ. އަދި އިންނަން ޚިޔާލެއް ވެސް ނުކުރެއެވެ. ޝިނާޒު ބުނާގޮތުން ދަތްހުރި ދުވަހު ކާށި ކާން ޖެހޭނެއެވެ. ތެދެކެވެ. ޝިނާޒު ހަމަ ރަނގަޅަށް މަސްކާށި ކައެވެ. އޭނާގެ ދަތްތައް އެވަރުން ނުވެރޭކަން ވެސް އެއީ ނަސީބެކެވެ.
މިބުނީ ޝިނާޒުގެ ބިޓު ހިއްލުމުގެ ވާހަކައެވެ. މިދިޔަ ހަފްތާގައި ގެންގުޅުނީ ކޮންމެ ވެސް ފާތުން އެކެވެ. އޭގެ މަހެއް ކުރިން ގެންގުޅުނީ ފަޒީއެކެވެ. އޭގެ ކުރިން ގެންގުޅުނީ ކޮންމެވެސް ލިއު އެކެވެ. ޝިނާޒު ގެންގުޅޭ ކުދިންގެ ނަންތައް ވެސް އަހަރެން ހަނދާނެއް ނުހުރެއެވެ. އެއީ އަހަރެން އެހާ ގަޔާވާކަމެއް ނޫނެވެ. ނަމަވެސް އެއީ ޒަމާނީ ގޮތެވެ. މިހާރު އެންމެ އާއްމު ގޮތެވެ. އަހަރެންމީ “އައުޓްއޮފްޑޭޓް” ފޭޑި އެއްގެ މީހަކީއެވެ.
ޝިނާޒު އުޅޭގޮތް ކުށްވެރިކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނުހުރެއެވެ. އޭނަ އަބަދު ހުންނަނީ އުފަލުންނެވެ. ހެވި ދިލިފައެވެ. މިބުނާތަނުން ބިޓެއް ކައިރިއަށް ގޮސްފައި އަންނަ ރެޔަކު ވިއްޔާ އޭނާ ހުންނަނީ ދުނިޔެއިން ލިބޭ ހުރިހާ އުފަލެއް ލިބިފައި ހުންނަ މީހެއްހެން ހެވި ދިލިފައެވެ. އަހަރެން މީހަކާ އިނދެ ދަރިއަކު ލިބިފައި ހުރިކަމުގައި ވިޔަސް، ޝިނާޒްގެ ލައިފް އަހަރެންގެ ލައިފް އަށް ވުރެ އުފާވެރިއެވެ. ގައިމުވެސް އޮފީހުގައި ގިނަ ވަގުތު މަސައްކަތުގައި އުޅެފައި ގެޔަށް އަންނައިރު ޗުކުޗުކު ތަޅުވާކަށް އޭނާގެ ގޭގައި މީހަކު ނުހުރެއެވެ. އަހަރެންނަށް ގިނަ ރޭރޭ ވާގޮތަކީ އަންހެނުން ގޭގައި ބަންދުކޮށްފައި ބައިންދާފައި އިންނާތީ، ގެޔަށް އަންނައިރު އަންހެނުން ފަތިވަރު އަމުނަން ފަށާތީ ފޮޅާލާފައި އަރާއޮށޯވެ ނިދެނީއެވެ. އެހެންވީމާ ލައިފް ހަމަ ބެސްޓީ ޝިނާޒުގެ އެވެ. ނަމަވެސް އަހަރެންގެ އަންހެނުންނާއި ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވަމެވެ. ދުވަހަކުވެސް އެމީހުންނަށް ދެރަގޮތެއް ހަދާކަށް ބޭނުމެއް ނުވެއެވެ.
އަދި ވެސް އަހަރެން ހޮސްޕިޓަލަށް އަންނަން ޖެހުނު ކަމެއް ނުބުނެވުން ދޯއެވެ. މިކަމާ އަހަރެންގެ އަންހެނުންނާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ. އެއްވެސް ގުޅުމެއް ނެތެވެ. އަހަރެމެން ދެމަފިރިންގެ ދެމެދުގައިވާ ދެމަފިރިކަމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވަނީ އެމީހުންގެ ކުށަކުންނޫނެވެ. އެއީ އަހަރެންނަށް ކަންތައް ކުރެވޭ ގޮތުންނެވެ. އެހެންވީމާ ހޮސްޕިޓަލަށް އަންނަން ޖެހުނު ގޮތް ބަލަން ހިނގާށެވެ. މިހާރު ޝިނާޒު އެއީ ކޮންކަހަލަ މީހެއް ކަންވެސް އެނގިއްޖެތާއެވެ. އަދި އަހަރެންގެ ދިރިއުޅުން ހުރިގޮތް ވެސް އެނގިއްޖެތާއެވެ.
އެއްދުވަހެއްގެ ހަވީރެއެވެ. ޝިނާޒާއެކު އަހަރެން އިނީ ސީހައުސް ރެސްޓޯރެންޓްގައި ކޮފީ އެއް ބޯށެވެ. އެއީ އަހަރެން މާގިނައިން ދާތަނެއް ވެސް ނޫނެވެ. އެކަމަކު ޝިނާޒު އެތަނަށް ދުވާލު ދެއިރު ދެއެވެ. އެއީ ދެން ޒަމާނީ ތަނެއްތާއެވެ. އެތަނަށް ދާނީވެސް އަހަރެން ކަހަލަ ކަޓު މީހުނަށް ވުރެ ޒަމާނީ މީހުންނެވެ. އަދި ޒަމާނީ ކުދިންނެވެ. އެހެން ތިއްބާ ކުއްލިއަކަށް އެތަނަށް އައިސްވަނީ ޒުވާންފުރައިގެ އަންހެން ކުދިންތަކެކެވެ. އެތަނުން އެއް އަންހެން ކުއްޖަކާ ޝިނާޒާ ދެމެދު ލޮލުގެ އިޝާރާތުން ބަދަލު ކުރި މެސެޖުތައް އަހަރެން ދުށީމެވެ. އާއެކެވެ. އެކުއްޖާވެސް ބަލާނީ ރީތި ފިރިހެނާއަށްތާއެވެ.
“އެމަންޖެ އެއިނީ ސެޓްވެފައި. އޭނާ މިތަނުން ނިކުތުމުގެ ކުރިން ނަންބަރު ހޯދާނަން. އެއްވެސް ކަމެއް ނޫން.” ޝިނާޒު ފޮނި ވެލާފައި ބުންޏެވެ.
ތެދެކެވެ. އަންހެން ކުއްޖެއް ސެޓްކޮށްލާކަށް ޝިނާޒަށް އެއީ އެއްވެސް ކަމެއް ނޫނެވެ.
“މަށަށް ބިޓެއް ސެޓް ކޮށްދޭން ވީނު.” ކޮފީތަށީގައި ހުރި ތިއްވަރު ހުސްކޮށްލަމުން އަހަރެން އެހެން ބުނުމާއެކު ޝިނާޒަށް ލިބުނީ ޝޮކެވެ.
އަހަރެންނަކީ ދުވަހަކުވެސް އެފަދަ ވާހަކައެއް ދެއްކި މީހެއް ނޫނެވެ. ޝިނާޒު ކޮންމެ ގޮތަކަށް އުޅުނު ކަމުގައި ވިޔަސް، އޭނާ ދުވަހަކު ވެސް އަހަރެންނަށް ގޯސް ނަސޭހަތެއް ނުދެއެވެ. ޝިނާޒު އަހަރެން ދެކެނީ ވަރަށް މާތް މީހެއް ގޮތަށެވެ. ލާމަސީލު އަދި އަންހެނުންނަށް ވަފާތެރި ފިރިއެއްގެ ގޮތުގައެވެ. އަހަރެން އެފަދަ ވާހަކައެއް ބުނެފާނެކަމަށް ޝިނާޒަށް ވެސް ގަބޫލެއް ނުކުރެވޭނެއެވެ.
“ކީކޭ. ސީރިއަސްކޮށްތަ؟ އަމީން އާ ނުވެސް ގުޅޭ. ބްރޯ އަނެއްކާ ކިހިނެތްވީ؟” ޝިނާޒު އިނީ ހައިރާންވެފައެވެ.
“ޝިނާޒަށް ވެސް އެނގެއެއްނު. އަހަރެން މުޅި އުމުރުގައި ވެސް ނެގީ އެންމެ ބިޓެއް. އޭނައާ އިނދެގެން މިއުޅެނީ. އެހެންވީމާ އެހެން ކަމެއް ނޭނގޭންނު. ނިކަން ބަލާ ޝިނާޒު ތިހުންނަނީ ކިހާ އުފަލުގައި. ކިހާ ކާމިޔާބު. ކިހާ އެކްސްޕީރިއެންސްޑް.” އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީ މެވެ.
“އަމީން ހީކުރަނީތަ އަހަރެން މިއުޅެނީ ވަރަށް އުފަލުގައޭ. އަހަރެންނާ އިންނާނެ ރަނގަޅު ކުއްޖެއް ވެސް ދެންނޭނގެ ވާނެކަމެއް. އަމީން އެއްނު އުފަލުގައި ތިއުޅެނީ މީހަކާ އިނދެގެން.” ޝިނާޒު ވާހަކަ ހުރީ އެއްވެސް ވަރަކަށް އެކަމަށް ހިތްވަރުދޭ ގޮތަކަށް ނޫނެވެ.
އަހަރެންގެ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ޝިނާޒަށް އެނގޭނެއެވެ. މައްސަލަތަކުގެ ހައްލަކީ ބިޓެއް ނެގުން ނޫންކަން ޝިނާޒަށް ވެސް އަދި އަހަރެންނަށް ވެސް އެނގެއެވެ. ބިޓެއް ނެގުމުގެ ވާހަކަ އަހަރެން ފެށީ އަންހެނުންގެ ބަދަލުގައި އެހެން އަތްބެއް ހޯދުމުގެ ނިޔަތެއްގައެއް ނޫނެވެ. އަހަރެންގެ އަންހެނުން ދޫކޮށްލާކަށް ވެސް ނޫނެވެ. ދުވަހަކު ވެސް ދޫކޮށެއް ނުލާނަމެވެ. އަދި އަހަރެންގެ ދިރިއުޅުމަށް ދިމާވެފައިވާ ކަންތައްތައް އަހަރެން ހައްލު ކުރާނަމެވެ.
ނަމަވެސް މިއީ އަދި އެހެން ކަމެވެ. އަހަރެން ބޭނުންވީ އެހެން ކަމެއް ތަޖުރިބާ ކޮށްލާށެވެ. އެހެން ރުކެއްގެ ކުރުނބައިން ފެންބޮއި އަޖުމަބަލާލާށެވެ. ބޭނުމަކީ ހަމައެކަނި އެބޭނުމެވެ. އެބިޓެއް ގޮވައިގެން ކޮފީތަކަށް ދާކަށް ވެސް، އަދި ރެސްޓޯރަންޓްތަކަށް ދާކަށް ވެސް ބޭނުމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ “އެކްސްޕީރިއަންސް” ކޮށްލާށެވެ.
ކޮންމެއަކަސް ވަރަށް ގިނަ އިރު ޝިނާޒު ކައިރީގައި ކިޔައިގެން ބިޓެއް ހޯދައިދޭން އޭނާ އެދުވަހު އެއްބަސްވިއެވެ. އެކަމަކު އަހަރެން މިބުނާހެން ބިޓެއް ވާނެހެއްޔެވެ؟ ހަމައެކަނި އެންމެ ކަމަކަށްޓަކައި އަންހެން ކުއްޖެއް އަހަރެންނާ ހިތާވެދާހެއްޔެވެ. ކޮންމެއަކަސް އަހަރެން ހުރިހާ ކަމެއް ދޫކޮށްލީ ޝިނާޒަށެވެ. ކޮންމެ ގޮތަކުން ވިޔަސް ޝިނާޒު އަހަރެންނަށް އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަހަރެންނަށް އޮތެވެ.
އޭގެ ހަފްތާއެއް ފަހެވެ. އަހަރެން އިނީ އަންހެނުންނާއެކު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. ގޭގައެވެ. އިރުކޮޅަކުން އަހަރެންގެ ފޯނު ރިންގުވިއެވެ. ގުޅަނީ ޝިނާޒެވެ.
“ހަލޯ ބްރޯ. އެއްކަލަ ކަންތައް އޯކޭ ވެއްޖެ. މިއޮތީ ނަންބަރު.” ޝިނާޒު ގުޅީ ކުއްޖެއްގެ ނަންބަރު ދޭށެވެ.
“ޝިނާޒް. މަ އެބަ ގުޅަން އިރުކޮޅަކުން.” އަހަރެން އަވަސް އަވަހަށް ފޯނު ކަނޑާލީމެވެ. އަހަރެންގެ ހަރަކާތްތައް ހުރިގޮތުން ފަރީޝާ ފާޑަކަށް ބަލާލިއެވެ.
“ޝިނާޒު ކީއްކުރަން ގުޅީ. ކީއްވެ ފަހުން ގުޅާނަމޭ ތިބުނީ. ކައިވެސް ނިމިއްޖެ އެއްނު.” ފަރީޝާ ސުވާލު ކުރީ ކޮންމެހެން ޖަވާބެއް ބޭނުންވެގެނެއް ވެސް ނޫނެވެ.
“އެއީ އެމީހުން ދަތުރެއް ރާވާތީ އެވާހަކަ ދައްކަން ވެގެން.” އަހަރެންގެ ދުލަށް އައި ފުރަތަމަ ދޮގު ބޭރުކޮށްލީމެވެ. ފަރީޝާ އިތުރު ސުވާލެއް ނުކުރެއެވެ. އަހަރެން އަވަސް ކޮށްލައިގެން ނުކުތީ ބޭރަށެވެ. ނުކުމެ ޝިނާޒަށް ގުޅީމެވެ.
“ކިރިޔާ މަގޭ ހިތް ނުހުއްޓުނީ. މަ އިނީ ފަރީ އާއެކު ކާމޭޒު ކައިރީގައޭ.” ޝިނާޒު ފޯނު ނެގުމާއެކު އަހަރެން ބުނީމެވެ.
“ސާބަސް. އޭނަޔަކަށް ނީވޭނޭ. ދެން ހެވޭ. އެ ނަންބަރު އެސްއެމްއެސް މިކުރަނީ. ވަރަށް ސަޅި ކުއްޖެއް މިއީ.” ޝިނާޒު ބުންޏެވެ.
“ކިހިނެތް ހޯދީ. އަނެއްކާ ލާރި ދީގެންތަ. މަށެއް ބޭނުމެއް ނޫން ލާރި ދީގެނެއް.” އަހަރެން އެގޮތެއް ބޭނުމެއް ނޫނެވެ.
“މިއީ މަގޭ ފްރެންޑެއް ކަމަށް ހީކޮށްލާ. އޭނަ އަށް ކިޔަނީ ޒީނާ. ޒީ ކިޔަސް އޯކޭވާނެ. ހޯދީ ކިހިނެތް ކަމެއް އަހައިގެން ނުވާނެ. ގުޅާގެން ވާހަކަ ދައްކާލަބަލަ. ޔަގީން ސެޓް ވާނެ.” އެހެން ބުނުމަށްފަހު ޝިނާޒު ފޯނު ކަނޑާލީއެވެ.
އިރުކޮޅަކުން ޝިނާޒު ބުނި ނަންބަރު ފޮނުވިއެވެ. އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. އެތަނުގައި ހުރެ އަހަރެން އެނަންބަރަށް ގުޅާލީމެވެ. ދައްކާނެ ވާހަކައެއް ނުވެސް އެނގެއެވެ. އަހަރެންނަކީ ދުވަހަކުވެސް އެގޮތަށް ބިޓަކަށް ގުޅި މީހެއް ނޫނެވެ. ފޯނު ހަމަ ރިންގު ވުމާއެކު އަނެއްކޮޅުން ފޯނު ނެގިއެވެ.
ރީތި އަޑެއް ކަންފަތުގައި އައިސް ޖެހިލިއެވެ. އަހަރެންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެން ފެށިއެވެ. ކަރުތެރެ ހިކި ހަލޯއޭ ވެސް ބުންނަން ނޭނގިފައި އަހަރެން ހުރީމެވެ.
“ހަލޯ. އަމީންދޯ. މިއީ ޒީ އިނގޭ. ޝިނާޒު ބުނެފައި އޮތީ ގުޅާނޭ” ވާހަކަ ދައްކަން ފެށީ އެކޮޅުންނެވެ.
އަހަރެން އެހިސާބުން ވާހަކަ ދައްކަން ފެށީމެވެ. ބިރުވެސް ކުޑަކޮށް ކެނޑެން ފެށިއެވެ. އެކަމަކު އަންހެން ކުއްޖެއް ހަމަ ގުޅާއިރަށް އެހާ ފްރެންޑްލީ ވާންވީ ކީއްވެ ހެއްޔެވެ. ޔަގީނެވެ. މިއޮތީ ޝިނާޒު ހުރިހާ ކަމެއް އިންތިޒާމުކޮށް ނިންމާފައެވެ. މައްސަލައެއް ނެތެވެ. އެއީ އަހަރެން ވެސް ބޭނުންވި ގޮތެވެ. ބޭނުމީ ބިޓެއް ނަގާކަށް ނޫނޭ ކުރިން ވެސް ބުނިންތާއެވެ. އަހަރެންނަށް ވުރެ އެ އަންހެން ކުއްޖާ މިކަމަށް މާފަރިތައެވެ. ޖެހިގެންއައި ހުކުރު ދުވަހުގެ ރެޔަށް ގަޑިކީ އޭނާއެވެ. އަހަރެން މާގިނަ ވާހަކައެއް ވެސް ނުދައްކަމެވެ. ދާނެތަނާއި ގަޑިވެސް ބުނީ އޭނާއެވެ.
ދާން ޖެހެނީ މާބުލް ގެސްޓް ހައުސް އަށެވެ. ހުކުރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރުއެވެ. އަހަރެން ގެޔަށް ވަތްއިރު އަންހެނުންނަށް އޮތީ ނިދިފައެވެ. އާއްމުކޮށް ކަންތައްތައް ހަމަ ވާގޮތަކީ އެއީ އެވެ.
މިބުނާ ހުކުރު ދުވަހުގެ ރެޔެވެ. އަހަރެން ފެންވަރާ ތައްޔާރު ވެލީމެވެ. ނަމަވެސް އޭރު އަދި ގަޑިން އަށެއް ޖެހީއެވެ. އަހަރެން ކިތަންމެ ދާންބޭނުންވިޔަސް، ހުރީ ވަރަށް ހިތްބިރު ގަނެފައެވެ. ގޭތެރޭގައި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭހާލު އަހަރުން ދެކޮޅަށް ދެކޮޅަށް ހިނގަހިނގާ ހުރީމެވެ. އަހަރެން އުޅޭ ގޮތް ފެނިފައި ފަރީޝާއަށް ޝައްކެއް ވެދާނޭ ވެސް ހިތަށް އެރިއެވެ. ޔަގީނެވެ. ޝައްކެއް ވެދާނެއެވެ. އެހެންކަމުން އަހަރެން ނިންމީ ޝިނާޒުގެ ގެޔަށް ދާށެވެ.
ޝިނާޒުގެ އެޕާޓްމަންޓަކީ އެއްކޮޓަރީގެ އެހެން ނަމަވެސް ވަރަށް ފުރިހަމަ އެޕާޓްމަންޓްއެކެވެ. އަހަރެން ގޮސް ވަނުމާއެކު ޝިނާޒު ޖަހާލީ ހިނިގަނޑެކެވެ.
“މޫދުންތަ އަރައިގެންތަ ތިއައީ.” ޝިނާޒު އަހަރެންނާ ދިމާކޮށްލިއެވެ.
ތެދެކެވެ. އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ހާސްވެފައެވެ. އަހަރެންގެ ހިތް ބިރުން ތެޅެމުން ދިޔައެވެ.
“އޯކޭތަ ބްރޯ. މަ ބުނެގެން ކުރާކަމެއް ނޫން އިނގޭ ތިއީ. މަ ކުއްވެރި ނުކުރާތި.” ޝިނާޒު އެހިއެވެ.
“އާއޯކޭ. މިރޭ މިކަން ކުރަން ބޭނުން. އޭ އަދި އެބަބޭނުންވޭ އެއްޗެއް.” އަހަރެން އިނީ އެރޭ ހަމަ އެކަމަށް އަޒުމް ކަނޑައަޅައިގެންނެވެ.
އަހަރެން ބޭނުންވިއެތި ޝިނާޒުގެ އަތުގައި ހުއްޓެވެ. އެއިން އެއްޗެއް ނަގައި ވޮލެއްޓަށް ލައިގެން އަހަރެން ގެސްޓް ހައުސްއަށް ދާން ނައްޓާލީމެވެ.
ސައިކަލު ޕާކްކޮށްލާފައި މަގުގެ ދެކޮޅު ބަލާލައިފައި އަވަސް އަވަހަށް ގެސްޓްހައުސްގެ ތެރެއަށް ދެމިގަތީމެވެ. ލޮބީގައި ހުރި ކައުންޓަރު ދޮށުގައި އިންކުއްޖާއަށް ވެސް ބަލައިނުލައި އިސްޖަހައިގެން ހުރެ އެދިޔަ ބާރުމިނުގައި ގޮސް ލިފްޓަށް އެރީމެވެ. ހަވަނަ ބުރިއަށް އަރައި، ޒީނާ ބުނެފައި އޮތް ރޫމުގެ ދޮރުކައިރީގައި ހުއްޓިލީމެވެ. ގަޑި ބަލާލިއިރު، ގަޑިން ބަރާބަރު ނުވައެއް ޖަހަނީއެވެ. ތަޅުގާ ހިފާލައިގެން ވެސް އަހަރެންނަށް އިރުކޮޅަކު ހުރެވުނެވެ. ދެފިކުރެއްގައެވެ. ވަންނަންވީ ހެއްޔެވެ؟ ނޫނީ އެނބުރި ދާންވީ ހެއްޔެވެ؟
ދޮރުހުޅުވާލައިފައި ވަތްއިރު، މުށިކުލައިގެ ރީތި ހެދުމެއްގައި އަންހެން ކުއްޖަކު އެނދުމަތީގައި އިނެވެ. ބަލާބެލުމަށް ފަންސަވީހަކަށް އަހަރުގެ ރީތި ކުއްޖެކެވެ. ދެން އެކުއްޖާގެ ރީތިކަން ކިޔައިނުދިޔަސް އެއީ ވަރަށް ރީތި ކުއްޖެއްކަން ގަބޫލު ކުރާށެވެ. އެއީ ހަމަ އެންމެ ޒަމާނީ ބިޓެކެވެ. އަހަރެން ވަނުމާއެކު އޭނާ އަހަރެންގެ ކައިރިއަށް އައިސް ތައާރަފު ވެލިއެވެ. އަދި އަހަރެންގެ އަތުގައި ހިފިއެވެ. ދެން އެރޭ އެކޮޓަރި ތެރޭގައި ހިނގިކަންތައް ކިޔައިނުދިނަސް އެނގޭނެ ކަމަށް ހީކުރަމެވެ. އޭނާ އަހަރެންނަށް އުފާހޯދައިދިނެވެ. އަހަރެން ދުވަހަކު ނުވެސް ދެކޭ ގޮތްގޮތަށެވެ.
އޭގެ ގާތްގަނޑަކަށް ގަޑިއެއް ހާއިރުފަހުން އަހަރެން ގެސްޓްހައުސް އިން ނުކުމެގެން ދިޔައީ ދުވަހަކު ވެސް ނުލިބޭފަދަ އުފަލާތަކެއް ލިބިގެންނޭ ބުނާނެކަމަށް ތިބޭފުޅުން ހީކުރާނެއެވެ. ތެދެކެވެ. އަހަރެން އުފާކޮށްދޭން އޭނާ ހުރިހާ ކަމެއް ވެސް ކުރިއެވެ. ނަމަވެސް ސުވާލަކީ އަހަރެން އުފާވިހެއްޔެވެ؟
ނޫނެކެވެ. އަހަރެންނަށް އެ އެއް ގަޑިއިރު ވެގެންދިޔައީ ބޮޑު ވޭނަކަށެވެ. އަހަރެން ގެސްޓްހައުސް އިން ނުކުމެގެން އައީ ކުރެވުނު ކަންތަކާމެދު އަހަރެންގެ އަމިއްލަ ނަފްސުދެކެ ރުޅިވެސް އައިސްގެންނެވެ. ދެރަވެސް ވެގެންނެވެ. އަހަރެން އެރޭ ގެޔަށް ގޮސް އަންހެނުންނާއި ދަރިފުޅު ނިދާފާ ތިއްބާފެނުމުން ލޮލުން ކަރުނަ އައެވެ. އަހަރެންގެ އަންހެނުންނާއި ދަރިފުޅަށް އެވެވުނު ބޭވަފާއަކީ އަހަރެން ދުވަހަކު ވެސް އަމިއްލަ ނަފްސަށް މާފު ކުރާނެ ކަމެއް ނޫނެވެ. އަހަރެން ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުމެ އެންމެ ފުރަތަމަ ކުރީ ދެރަކުއަތުގެ ނަމާދެކެވެ. މާތް ﷲ އަށް ބިރުވެތިވެ އަހަރެން ތައުބާ ވީމެވެ. އެރޭ އަހަރެންނަށް ނިދުނީ އެތައް އިރަކު އެކަމާ ވިސްނަން އޮތުމަށް ފަހުއެވެ.
އަހަރެން ހީކުރީ އަނެއް ދުވަސް ވުމުން އަހަރެން ހަމަޖެހޭނެ ކަމަށެވެ. ނޫނެކެވެ. އަހަރެންނަށް އެކަމާ ވިސްނެންފެށިއެވެ. ހިތާހިތާ ތައުބާ ގަބޫލު ކުރައްވާތޯ ދުއާ ކޮށްލަކޮށްލަ އިން ކަމުގައި ވިޔަސް އަހަރެންގެ ހިތަށް ލުއިކަމެއް ނުލިބުނެވެ. އަހަރެން ގޭތެރޭގައި އިނީ ފާޑަކަށް ގަބުވެފައެވެ. އަހަރެންގެ ލޯބިވާ އަންހެނުންނާއި ދަރިފުޅު ކުރިމަތީގައި ކުޅެ ސަކަރާތްޖަހަން ތިބި އިރު، އަހަރެންގެ ހިޔާލުތައް ވަނީ އެހެން ތަނެއްގައެވެ. އަހަރެންނަށް ކުރެވުނު ކުށް ހިތުން ފިލައިގެންނެއް ނުދިޔައެވެ. ހިތަށް ފާޑުފާޑުގެ ވަހުމްތައް ވަންނަމުން ދިޔައެވެ.
އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެއަންހެން ކުއްޖާ އަހަރެންނަށް އަނެއްކާ ގުޅާ އުނދަގޫ ކޮށްފާނެ ބާއެވެ؟ އަހަރެންގެ އަންހެނުންނަށް ގުޅާ އެވާހަކަ ކިޔާދީފާނެބާއެވެ؟ އޭރުން އަހަރެންގެ ދިރިއުޅުމަށް ވާނީ ކިހިނެތް ހެއްޔެވެ؟ އަންހެނުން އަހަރެންނާ ވަރިވާނީ ބާއެވެ؟ އަހަރެންގެ ދަރިފުޅު ބައްޕައަކާނުލާ ބޮޑުކުރަން ގެންދާނީ ބާއެވެ؟ މިއީ އަހަރެންގެ ހިތަށް އަރަމުން ދިޔަ ސުވާލުތަކެވެ. ވަހުމްތަކެވެ. އަނެއްކާ އަނެއްބައިފަހަރު ހިތަށް އަންނަނީ އެއަށްވުރެ ސުންޕާ ހިޔާލުތަކެކެވެ. އެ އަންހެން ކުއްޖާ ބަލިވެ އިނދެދާނެ ހެއްޔެވެ؟ އޭނާ ބަލިވެ އިނުމުން ބައްޕައަކީ ކާކުތޯ ބަލާއިރު އަހަރެން ފުލުސް އޮފީހަށް ގެންގޮސްފާނެބާއެވެ؟ ކޯޓުގައި އަހަރެން ކުށަށް އިއުތިރާފު ވާން ޖެހިދާނެބާއެވެ؟ މުޅިދުނިޔޭގެ ކުރިމަތީގައި އަހަރެން ބޭޒާރު ވެދާނެބާވައެވެ؟
އަހަރެންގެ މުޅި ދުވަސް ހޭދަވެގެން ދިޔައީ އެގޮތަށެވެ. މުޅިން އެހިޔާލުތަކުގައެވެ. ނުވެސް ކެވެއެވެ. އެސުވާލުތައް އަހަރެންގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. އަހަރެން ހީކުރީ އަނެއްދުވަހު އޮފީހަށް ނުކުތުމުން ހުރިހާ ހިޔާލުތަކެއް ފިލައިގެން ދާނެކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. އޮފީހުގެ މަސައްކަތްތަކަށް ވިސްނޭވަރެއް ނުވެއެވެ. ހަމައެއްކަލަ ސުވާލުތައް އަހަރެންގެ ބޮލުގައި އެނބުރެމުން ދިޔައެވެ. އަހަރެންނަށް އޮފީހުގައި ނީނދެވިގެން ބޮލުގައި ރިހެނީކަމަށް ބުނެ އައީ ގެއަށެވެ. ގަޔަށް އައިސް އަހަރެން އެދަށް އަރާ އޮތީއެވެ. ނުވެސް ނިދުނެވެ. ހިތްތެޅޭލެއް ބާރުކަމުން އަހަރެން ހުންނަނީ އަބަދުވެސް ވަރުބަލިވެފައެވެ. އަހަރެންގެ ހަށިގަނޑުގެ އެއްފަރާތުން ވާގިދޫވާގޮތް ވާންފެށިހެން ހީވިއެވެ.
ދެން އަހަރެން ގުޅީ ޝިނާޒަށެވެ. އޮފީސް ނިންމާފައި އަހަރެން ހޮސްޕިޓަލަށް ގެންދަން އަންނަން ބުނީމެވެ. މިއަދު އަހަރެން ހޮސްޕިޓަލުގައި މިއޮތީ އެހެން ވެގެންނެވެ. އަހަރެންގެ ހަށިގަނޑުގެ އެއްފަޅިން ވާގިދޫވާހެން ހީވިކަމުގައި ވިޔަސް، އަސްލު ވާގިދުލެއް ނުވެއެވެ. މައްސަލަ އަކީ މާބޮޑަށް އެކަމާމެދު ވިސްނުމެވެ. ވިސްނާވިސްނާ ބޯސަކަރާތްވާން ކައިރިވީއެވެ. ނަމަވެސް އަދިއެއް އަހަރެންގެ ބޯސަކަރާތެއް ނުވެއެވެ. އެހެންނޫންނަމަ މިވާހަކަ މިހެން ކިޔައިދޭކަށް ނޭނގުނީސް ތާއެވެ.
ނިމުނީ