.
ބަދުރުއްދީން ޙަސަން
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކުޅުދުއްފުށީ ގައި ރެކްރޫޓްމަންޓް ފެއަރ އެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމުގައި ހާމަކޮށްފި އެވެ.
ފަސްތަރީގެ ލަގްޒަރީ ރިސޯޓެއް ކަމުގައިވާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ރެކްރޫޓްމަންޓް އެންޑް ރިޓެންޝަން މެނޭޖަރ މުޙައްމަދު އާލިމް ކުޅުދުއްފުށީ އޮންލައިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އެ ރިސޯޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނަށް ހުޅުވާލުމަށް ބާއްވާ ފެއަރ އެކެވެ. މިގޮތުން ކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކުގައި ވެސް މިފަދަ ފެއަރ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އާލިމް ވިދާޅުވި އެވެ.
އާލިމް މަޢުލޫމާތު ދެއްވިގޮތުގައި، މި ފެއަރ ގައި ދެބައެއް ހިމެނިގެންދާނެ އެވެ. މިގޮތުން އެއްބަޔަކީ އެ ރިސޯޓުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ފެށުމަށް ހަމަޖެހިފައިވާ އެޕްރެންޓިސް ޕްރޮގްރާމެވެ. އެޕްރެންޓިސް ޕްރޮގްރާމަށް 20 ކުދިން ނަގާއިރު، އޭގެ ތެރެއިން 10-5 ޖާގަ ކުޅުދުއްފުށީގެ ޒުވާނުންނަށް ދިނުމަށް ހަމަޖެހިފައި ވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އޯ ލެވެލް ނުވަތަ އޭ ލެވެލް ނިމިފައި ތިބި ކުދިންގެ އިތުރުން މިއަހަރު ނޮވެމްބަރުގައި އޯލެވެލް ނިމޭ ކުދިންނަށް ވެސް ވަނީ ހުޅުވާލައިފައެވެ.
އެޕްރެންޓިސް ޕްރޮގްރާމަކީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ރިސޯޓުގައި ކުރަންޖެހޭ މަސައްކަތްތަކަށް ކުދިން އަހުލުވެރި ކުރުވުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ނެގޭ 20 ކުދިން، ރިސޯޓުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ގެންގުޅެވޭނެއެވެ.
އެޕްރެންޓިސް ޕްރޮގްރާމުގެ އިތުރުން، ރިސޯޓުގައި މިހާރު ހުޅުވިފައި ހުރި ވަޒީފާތަކާ ބެހޭ މަޢުލޫމާތު ދީ، ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަޒީފާގެ ފުރުސަތު ހުޅުވިފައި ހުރި ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިން އަދި ފުޑް އެންޑް ބެވެރޭޖަސް ދާއިރާ ހިމެނެއެވެ. އިންޓަވިއު އިން ފާސްވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދޭއިރު، އިންޓަވިއު ކުރުމަށްފަހު ފުރުސަތު ނުލިބޭ ފަރާތްތަކަށް ވެސް މުސްތަގްބަލްގައި އިތުރު ވަޒީފާތަކަށް ދިއުމުގެ ފުރުސަތު ފަހި ކޮށްދޭނެކަމުގައި އާލިމް ވިދާޅުވި އެވެ.
މާލެ އަތޮޅުގައި އޮންނަ ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ކުޅުދުއްފުށީ ގައި ބާއްވާ ފެއަރ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14 އިން 15 އަށް ޖަލާލުއްދީން ސްކޫލުގަ އެވެ. ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން އެދުވަހުގެ ހަވީރު 18:00 އަށް ކުރިއަށް ގެންދިއުމަށްފަހު، ޖެހިގެން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 18:30 އަށް މިފެއަރ ކުރިއަށް ގެންދާނެކަމަށް އެ ރިސޯޓުން މަޢުލޫމާތު ދެއެވެ.
މިފެއަރ އަކީ ކުޅުދުއްފުއްޓާއި ތިލަދުންމަތީގެ ހުރިހާ ޒުވާނުންނަށް ހުޅުވާލާފައިވާ ފެއަރ އެކެވެ.