ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އިސްނެގުމަކަށް ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީގެ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޭމްޕް ނިމިއްޖެ އެވެ.
ކޯޗިން ކޭމްޕް ނިންމުމުގެ ގޮތުން ކުޅުދުއްފުށީ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސެޓްފިކެޓް ބައްސަވައި ދެއްވީ ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުޙައްމަދު މާޙިދު ޝަރީފް އެވެ. މިދިޔަ މަހުގެ 26 ން މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މި ކޯޗިން ކޭމްޕްގައި 159 ޒުވާނުން ބައިވެރިވެ ސެޓްފިކެޓް ހާޞިލްކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި ކޯޗިން ކޭމްޕްގައި ކޯޗްކަން ކޮށްދީފައިވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މޯނިންގސަން މޫސާ މަނިކު (ކުޑަ މޫސަ) އެވެ. ކުޑަ މޫސައާއެކު ވައިޑީޕީ ކޯޗެއް ކަމަށްވާ ކުނޑި ސަލީމްވެސް މި ކޯޗިން ކޭމްޕްގައި ކޯޗުކަން ކޮށްދީފައި ވެއެވެ.
ކޯޗިން ކޭމްޕަށް ކުޅުދުއްފުށީގެ ޒުވާނުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އަދި މި ކޯޗިންގ ކޭމްޕަށް ކޯޗުން ގެނައުމަށް ފުލުހުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބުނެފައިވާ ކަމަށް ފުލުހުންގެ “ޕޮލިސް ލައިފް” މަޖައްލާގައި ބުނެފައި ވެއެވެ. އަދި މި ކޯޗިންގ ކޭމްޕް ކުރިއަށް ގެންދިޔުމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުޙުﷲ ވަހީދުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަމަށް ވެސް އެ މަޖައްލާގައި ބުނެފައި ވެއެވެ.