twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – މޮޔަ ހިތް މަގޭ (22)

Sep 11, 2012

.

މަރިޔަމް ޔަސްމާ

ސެޕްޓެމްބަރ 04 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ގެއަށް ވަނުމުގެކުރީން ޒާނަ ލޯފުހެލިއެވެ. އޭނާގެ ހިތާމަތައް އެހެން މީހަކަށް ދައްކާކަށް ޒާނަ ބޭނުމެއް ނޫނެވެ. ހުސްވެފައިވާ ސިޓިންރޫމް ހުރަސްކޮށް ކޮޓަރިއަށް ވަދެފައި އޭނާ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. މަރުބައްޔެއް ޖެހިގެން ޑޮކްޓަރ އެޚަބަރު ގެނެސްދިނުންވެސް އާތިފާ ގެނެސްދިން ޚަބަރަށްވުރެ އެތައް ގުނައެއް ވޭން ކުޑަވާނެކަން ގައިމެވެ. މިސްކުއަކީ ޒާނަގެ ހަޔާތުގައި އޭނާ އެދުނު ހަމައެކަނި ފަރާތެވެ. ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟ ލޯބިވެރިޔާ އެހެން އަންހެންކުއްޖަކާއި ގުޅެން ތައްޔާރުވެފައި ވާއިރު އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ކައިވެނީގައި ދެމިހުއްޓަސް އަދި އެކައިވެނިން މިނިވަން ވިޔަސް އޭނާއާއި ވައިނޭޅެން މިސްކު އެވަނީ ވަޢުދުވެފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އޭނާއަށް މިގޮތަށް ދިމާވާންޖެހުނީ ކުރި ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟

ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ ޒާނަ ރުޔެވެ. ގިސްލަމުން އަމިއްލަ ހިތާއި ޝަކުވާ ކުރިއެވެ. އެކަން ދެކޭނެ ލޮލެއް ނެތެވެ. ޒާނަގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތެވެ. މިއޮތް ބޮޑު ދުނިޔޭގައި އޭނާއަކީ އެކަނިވެރިއެއް ކަހަލައެވެ.

އިރުގަނޑެއްފަހުން ފޯން ރިންގްވާން ފެށިއެވެ. ޒާނަ އޭރު ހަމައަކަށް އެޅިއްޖެއެވެ. ލޯފުހެލާފައި އޭނާ ތެދުވެގެން ގޮސް ފޯންނަގާ ބަލާލިއިރު އެއީ މަންމަގެ ފޯނެކެވެ.

“ކީކޭ މަންމާ؟” ޒާނަ ލަސްލަހުން އަހާލިއެވެ.

“އަޑަށް ކިހިނެތްވެފަ ތިހުރީ؟ ހާލު ރަނގަޅުތަ؟” ހަނީފާއަށް އެއަޑުގައިވި ކުރަކިކަން ފާހަގަކުރެވިގެން ސުވާލުކުރިއެވެ.

“މަންމައަށް ކޮންކަމެއް އަހަރެން ކޮންމެ ހާލެއްގައި އުޅުނަސް. މަންމަ ބޭނުން ކަންތައް ވެއްޖެއެއްނު.” ޒާނައަށް ރުޅިއާދެވުނީ މަންމަ ދެކެއެވެ.

“ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ މަންމަ ކޮށްފަ އޮތް ކަމެއްވިއްޔާ ކޮށްފައި އޮންނާނީ ޒާނައަށް ރަނގަޅަކަށް. މައިންބަފައިން ބުނާގޮތަށް އުޅެގެން ލިބޭނެ ދެރައެއް ނޯންނާނެ. ޒާނަ ވިސްނާލަބަލަ. މަންމަ ބުނިގޮތަށް ކަންތައް ނުކުރިނަމަ މިއަދު ޒާނަ އުޅޭނީ ތިހެން އަރާމާއި އުފަލުގައިތަ؟” ހަނީފާ ފަހުރުވެރި ރާގެއްގައި ބުނެލިއެވެ.

“އުފަލޭ؟ އަހަރެން މިހާރު ހަނދާންވެސް ނެތް އުފާ އެއީ ކޯއްޗެއްކަން. އެކަމަކު މަންމަ ތިހުންނަނީ އުފަލުގައި ކަން ޔަޤީން. ރާކިން ހަފްތާއަކު އެއްފަހަރު އެފޮނުވާ ހަދިޔާތަކުން ހިތްފުރޭނެވިއްޔަ.” ޒާނަގެ ރުޅިގަނޑު ވީ ހައްތަހާ ގަދައެވެ. ހުރިހާ ރުޅިއެއް މަންމައަށް ބާލަން ނިންމައިގެން ހުރިކަހަލައެވެ.

“އަދިވެސް އެމިސްކުގެ ޖިންނި ބޮލަށް ސަވާރުވެފައި ދޯ ތިހުންނަނީ؟ އަހަރެން ހަމަ އަންތަރީސްވެއްޖެ. ޒާނައަށް އަދިވެސް ވިސްނޭކަށް ނުވޭތަ؟ ޒާނަދެކެ އޭނަ ލޯބިވާނަމަ އެއްޗެކޭ ބުނެލާއިރަށް ދޫކޮށްލާފައި ދާނެތަ؟” ހަނީފާ ރުޅިއައިސްގެން ގުގުރައިގަތެވެ.

“ކީކޭ ތިބުނީ؟ އެއްޗެކޭ ބުނެލާއިރަށޭ ތިބުނި ބުނުމުގެ މާނައަކީ ކޮބާ؟” ޒާނައަށް ހިފެހެއްޓުނީ މަންމަ ބުނި ފަހު ޖުމްލައިގައެވެ.

“އަހަރެން… މިބުނީ ޒާނަ…. ބަނޑުބޮޑު ވާހަކަ.” ހާސްވެގެން ހަނީފާގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ. ބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން އިހްސާސްވިއިރު މާލަސްވެއްޖެއެވެ.

“ނުވާނެ އެހެނެއް. މަންމަ މާނަކުރީ އެހެން ވާހަކައެއް… އަނެއްކާ.. އަނެއްކާ މަންމަ ބުނެގެން ތަ މިސްކު މިގެދޫކޮށް ދިޔައީ…ކީއްވެ މަންމާ؟ މަންމައަށް މިސްކުއާއި ބެހޭގޮތުން އަދި ރާކިންއާއި ބެހޭގޮތުން ކޯއްޗެއް އެނގެނީ…” ރޮވިގެން ޒާނައަށް ވާހަކަދައްކަން އުދަނގޫވިއެވެ.

“މަންމައަކަށް ނޭނގޭނެ ރާކިން އަހަރެންނާއިމެދު ކަންތައްކުރާގޮތެއް. އަހަރެންނަކީ އޭނަ ނަމެއްގައި ބަހައްޓާފައި އިންނަ އަންހެނެއް….. މަންމާ! ރާކިން އަދި އަދަށް ދާންދެންވެސް އަހަރެންގެ ގަޔަކު އަތެއްނުލާ.” ހަނީފާ ވާހަކަދައްކަންވެގެން އުޅެންފެށުމުން ކުރިއަށް ގެންދިޔަނުދީ ޒާނަ ބުނަމުން ދިޔައެވެ. ކެތްނުކުރެވޭ ހިސާބަށް ދިއުމުން އޭނާ މިހާދުވަހު ސިއްރުކޮށްފައި އޮތް ވާހަކަވެސް ބުނެވުނީއެވެ.

“މަންމައަށް ހީވަނީތަ ގަނޑުވަރެއްގައި ނިދާފައި، މީރުއެއްޗެހި ކައިގެން ރީތިހެދުންލީމަ ދިރިއުޅުން ފުރިހަމަވީކަމަށް؟ ނޫން އެހެނެއް ނޫން. މިއަކަށް ނުކިޔާނެ ދިރިއުޅުމެއް… މިކައިވެނީގެ ސަބަބުން އަހަރެން ބޭނުންވި ހަމައެކަނި ފަރާތްވެސް ގެއްލުނީ. އަހަރެން ރާކިން ކައިރިން ވަރިވިއަސް މިސްކު މަށަކާއި ނީންނާނެ.” ރޮމުން ރޮމުން ގޮސް ޒާނައަށް ގިސްލެވުނެވެ. އެކޮޅުން ހަނީފާ ތަކުރާރުކޮށް ގޮވިއިރުވެސް އޭނާ އެކަމަށް އިޖާބައެއް ނުދިނެވެ.

“މަންމަ ބަލަންހުރޭ އަހަރެން ކަންތައްކުރާގޮތް.” ކުއްލިއަކަށް ދެލޯފުހެލާފައި ޒާނަ ފޯނާއި އަނގަކައިރިކޮށްލިއެވެ. އަދި ތެދުވެގެން ބާރުބާރަށް ހިނގާފައި ކޮޓަރިން ނިކުމެގެން ތިރިއަށް ދިޔައެވެ. ޒާނަ ހުއްޓުނީ ރާކިންގެ ކޮޓަރި ދޮރުމަތީގައެވެ. ފޯންގައި އަދިވެސް ބާރަށް ހިފަހައްޓާލަމުން އަނެއްއަތުން ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. އެނދުމަތީގައި ލެޕްޓޮޕް ހުޅުވާލައިގެން އިން ރާކިންއަށް ޒާނަ ފެނިފައި ލެޕްޓޮޕް ލައްޕާލަމުން ކޮޅަށް ތެދުވިއެވެ.

“ރާކިން އަހަރެން ވާހަކައެއް ދައްކަން ބޭނުން.” ރާކިންއާއި ހަތަރުކަޅި ހަމަވުމާއެކު ޒާނަ ހިސާބަކަށް ޖެހިލުންވެއްޖެއެވެ.

“ބުނެބަލަ! އަހަރެން މިހުރީ އަޑުއަހަން.” ރާކިން ދެޖީބަށް އަތްޖަހާލައިގެން އަލަމާރީގައި ލެނގިލިއެވެ. ޒާނަ އިސްޖަހާލަމުން ވާހަކަދައްކަންވެގެން އަނގަހުޅުވާލިއެވެ.

“އަހަރެން ރާކިން އާއި އިނީ ލޯއްބަކުން ނޫން. ގަޔާވެގެން ބޭނުންވެގެނެއް ނޫން. އަހަރެން ރާކިން އާއި އިންނަން އެއްބަސްވީ އެކުގައި އުޅޭކަށް ނޫން. އަހަރެން ހަމައެކަނި ބޭނުންވީ މުއްސަނދި އަރާމު ދިރިއުޅުމެއް. އަހަރެން ބޭނުންވީ ރާކިންގެ ތަނަވަސްކަމުގެ ހިޔާވަހިކަމުގެ ދަށުގައި އަހަރެންގެ ހަޔާތްވެސް ވޭތުކުރުން. އެކަމަކު މިއަދު އެއިން އެއް ކަމަކަށްވުރެވެސް ބޮޑަށް އަހަރެން ބޭނުމީ ވަރި. ރާކިން އަހަރެން ދޫކޮށްލާ. އަހަރެން ބޭނުމީ މިނިވަންކަން. މިގޭގެ ހަތަރުފާރުތެރޭގައި ހައްޔަރުކޮށްފައި އިންނަ ކުށްވެރިއެއްހެން ދެނެއް ކެތެއްނުވާނެ. ނަމެއްގައި އަންބަކަށްވެގެން މުޅިއުމުރު ހުސްކުރާކަށް ގަސްތެއް ނުކުރަން. ރާކިން އަހަރެން ވަރިކުރޭ!” އެއްފައްޗަކަށް އަމުނާލާފައި ޒާނަ އިސްއުފުލާލިއެވެ.

ރާކިން ހަމައެހުރިތަނުގައި ގުޑާވެސްނުލާ ހުއްޓެވެ. އޭނާގެ މޫނުމަތިން ހައިރާންކަމެއް ނުފެނެއެވެ. ހީވަނީ މާކުރިންވެސް އެހުރިހާކަމެއް އެނގޭހެންނެވެ. ނޫނީ ޒާނަ އެކަމަށް ނޭދިގެން ރާކިން އިންތިޒާރުކުރާތާ އެތަކެއް ދުވަސްވެއްޖެހެންނެވެ.

“އޯކޭ. ކޯޓަށް ދާން ރަނގަޅު ވަގުތެއް ހަމަޖެހުނީމަ އަހަރެން އަންގާލާނަން.” ރާކިން ގޮސް އެނދުގައި އިށީންދެފައި އަނެއްކާ ލެޕްޓޮޕް ހުޅުވާލައިގެން މަސައްކަތް ފެށިއެވެ. ޒާނައަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. ރާކިންގެ އެއަޅާލުން ކުޑަކަމުން އޭނާ ހައިރާންވެއްޖެއެވެ. މިހާ ފަސޭހައިން ހުރިހާކަމެއް ނިމިގެންދާނެކަމަށް ޒާނަ އުންމީދުކޮށްފައެއް ނެތެވެ.

“އޯކޭ.” އަނެއްފަރާތަށް އެނބުރިފައި ޒާނަވެސް ނިކުމެގެން ދިޔައެވެ. ކޮޓަރިއަށް ދަމުން އޭނާ ފޯން ކަނޑާލާފައި ސިޓިންރޫމް ސޯފާމައްޗަށް އެއްލިއެވެ.

ހެނދުނުގެ ވަގުތެވެ. ޒާނަ ފެންވަރައިގެން ނިކުމެ ތައްޔާރުވާން ފެށިއެވެ. އެއީ ކޯޓަށް ދާން އެމީހުން ހަމަޖައްސާފައިވާ ދުވަހެވެ. ވަރީގެ ވާހަކަ ދެކެވުނުތާ ތިންދުވަސް ފަހެވެ. ރާކިން އޮފީހަށް ދިޔައީ ބަލާ އަންނާނެ ވާހަކަ ބުނެފައެވެ. އަލަތު ކައިވެންޏަށް އޭނާގެ ހިތް ތެޅުނުފަދައިން މިއަދުވެސް އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ތައްޔާރުވެގެން ކޮޓަރިން ނިކުންނަން ދަނިކޮށް ރާކިންގެ ފޯން އަތުވެއްޖެއެވެ.

“ހަލޯ ޒާނަ. އަހަރެން ކުޑަކަމެއްގަ އުޅޭތީ ބަލާނުދެވިގެން. ޑްރައިވަރާއެކު ކާރުގަ އޮފީހަށް އަންނަންވީނު. އޭރުން މިތަނުން ދެމީހުން އެކީގަ ދާންވެސް ފަސޭހަވާނެ. މަޑުކޮށްލަން ޖެހުނަސް ޒާނައަށް މިތާ މަޑުކޮށްލެވިދާނެއެއްނު.” ރާކިން އެކޮޅުން ވާހަކަދެއްކިއެވެ. އެއްބަސްވެފައި ޒާނަ ފޯން ބޭއްވިއެވެ. ބޭރަށް ނިކުމެފައި ޑްރައިވަރާއިއެކު ކާރުގައި އެއޮފީހާއި ދިމާއަށް މިސްރާބު ޖެހިއިރު ހެނދުނު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ.

އޮފީސްތެރެއަށް ވަދެގެން ދިޔައިރު ޒާނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ދިމާވާގޮތަކުން މިސްކުގެ ކުރިމައްޗަށް ދެވިއްޖެއްޔާ ދެންވާނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ. ރިސެޕްޝަނުގައި އިން އަންހެންކުއްޖާއަށް ޒާނަ ފެނިގެން އައިސް އެއްފަރާތެއްގައި ހުރި ސޯފާތަކާއި ދިމާއަށް އިޝާރާތްކުރިއެވެ. އަދި ޒާނަ އިށީނުމާއެކު އެއަންހެންކުއްޖާ އެނބުރިގޮސް ރާކިންއަށް އެކަން އަންގާލާފައި މަސައްކަތް ފެށިއެވެ.

އެގޮތުގައި ގިނައިރުވާން ފެށުމުން ޒާނަ ފޫހިވިއެވެ. ތެދުވެގެން ގޮސް ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ކައިރީ ރާކިންގެ ކެބިންއަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ އިޝާރާތްކުރީ ކަނާތްފަރާތުގައި އޮތް މަގަށެވެ. ޝުކުރު އަދާކޮށްފައި ޒާނަ ހިނގައިގަތެވެ. އެމަގުން ނިކުމެވުނުއިރު ކުރިމަތީގައި ހުރި ކެބިންގެ ދޮރުގައި މެނޭޖިން ޑިރެކްޓަރގެ ނަންބޯޑު ހަރުކޮށްފައި ހުއްޓެވެ. އެތެރޭގައި ރާކިން ކުރަމުން އެދާ މަސައްކަތަށް އޭނާގެ ސަބަބުން އުދަނގުލެއް ފޯރަފާނެބާވައޭ ހިތަށް އަރައިގެން ޓަކިޖަހަން ނުކެރިފައިހުއްޓާ ދޮރުހުޅުވިއްޖެއެވެ. އެވަގުތު ޒާނަ ދިޔައީ ފާޑަކަށް ސިހިގެންނެވެ. ދޮރުހުޅުވާލާފައި އޭނާގެ ކުރިމައްޗަށް އެނިކުތީ މިސްކުއެވެ. މިސްކުއަށް ޒާނަ ފެނުމާއެކު ދޮރުން އަތްދޫކޮށްލެވުނެވެ. އަނެއްއަތުގައި އޮތް ފައިލް ދޫވެގެން ވެއްޓުނީ ތިރިއަށެވެ. އެވަގުތު ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ގުޑިލަން ނޭނގިފައި ހުއްޓާ ޑޯރ ކްލޯސަރގެ އެހީގައި ދޮރުލެއްޕުނުއަޑަށް އަނެއްކާ ސިހިފައި ފައިލްނަގަން ތިރިވިއެވެ.

“ޒާނަ ކީއްކުރަނީމިތާ؟” ފައިލާއެކު ޒާނަގެ އަތުގައި ހިފާލެވުމުން މިސްކު އަވަސްއަވަހަށް އަތްދުރަށްލާފައި ތެދުވިއެވެ.

“އުފާވެރި ކައިވެންޏަކަށް މަރުހަބާ” ޒާނަ ތެދުވެފައި ފައިލް ދިއްކޮށްލަމުން މިސްކުގެ މޫނަށް ބަލައިލިއެވެ.

“ތޭންކްސް.” މިސްކު ހިނިތުންވެލާފައި ފައިލް އަތުލައިގެން ގޮސް ޖެހިގެންހުރި ކެބިންއަށް ވަދެ ދޮރުލައްޕާލިއެވެ. ރާކިން މަސައްކަތް ނިންމާލާފައި ނިކުތްއިރުވެސް ޒާނަ ހުރީ މިސްކު ވަދެގެންދިޔަ ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

ޒާނައާއި ރާކިން ކޯޓުން އެނބުރި އައީ އިތުރަށް އެއްމަސްވާންދެން އެކުއުޅެން ޤަބޫލުވެގެންނެވެ. މިއެއްމަސްތެރޭގައި އަނެއްކާވެސް ނިދާތަން އެއްކޮޓަރިއަކަށް ބަދަލުކޮށް ކެއުންބުއިމާއި މިނޫންވެސް އިތުރު ވަގުތުތައް އެކުގައި ހޭދަކުރުމަށް ޝަރުތުކުރެވުނެވެ. ކޮންމެގޮތަކަށް އެކަން ހަމަޖެހިގެން ދިޔަކަމުގައިވިއަސް ޒާނައާއި ރާކިންއަށް ޔަޤީންވާ އެއްކަމެއްވެއެވެ. އެއީ ފާއިތުވެދިޔަ ދުވަސްތަކުގައި ނުވިކަމެއް ކުރިއަށް އޮތް އެއްމަސްތެރޭގައި ނުވާނެކަމެވެ.

އެރޭ ނިދިއައިސްގެން ޒާނަ ދިޔައިރު ރާކިން އިނީ އެނދުމަތީގައި ލެޕްޓޮޕް ހުޅުވާލައިގެންނެވެ. ކަންފަތުގައި ހެޑްފޯނެވެ. ދެލޯ ހުއްޓިފައިވަނީ ލެޕްޓޮޕްގެ ސްކްރީނަށެވެ. ދޮރުހުޅުވުނުކަން އިހްސާސްވެގެން އިސްއުފުލާލުމާއެކު ޒާނަ ފެނުމުން ރާކިން ހެޑްފޯން ނެގިއެވެ.

“ނިދިއައީތަ؟ އާދޭ ނިދަން.”ރާކިން ލެޕްޓޮޕާއިއެކު އެނދުގެ އެއްފަރާތަކަށް ޖެހިލިއެވެ. ޒާނަ ގޮސް އަނެއްފަރާތުގައި އޮށޯވެފައި ރަޖާއަޅައިގެން ބިތްދޮށަށް އެނބުރި ލޯމަރާލިއެވެ. ބައިގަޑިއިރުވެގެން ދިޔައިރު އަދި އޭނާގެ ލޮލަކަށް ނިންޖެއްނައެވެ. ރާކިން އޭރުވެސް ފޯރީގައި ފިލްމެއް ބަލަމުން ދިޔައެވެ. ދޭތެރެއަކުން އޭނާ މަޑުމަޑުން ހީލައެވެ. އަދި ހަމަ ހެވޭ ކޮންމެ ފަހަރަކު ޒާނައަށް ބަލާލާފައި ނުހޭން ނިންމައެވެ. ސާޅީސްމިނިޓްވީފަހުން ޒާނަ ކުއްލިއަކަށް ރަޖާއެއްލާލާފައި ތެދުވެ އިށީންދެއްޖެއެވެ.

“ކިހިނެތްވީ؟” އަހަރެން ހޭތީ އުދަނގޫވީތަ؟” ރާކިން ދެރަވެލާފައި އަހާލިއެވެ.

“ނޫން. ނިންޖެއް ނާދޭ. ރާކިން ކޯއްޗެއް ތިބަލަނީ؟” ޒާނަ އެއްއަތުން މޫނުފުހެލާފައި ލެޕްޓޮޕްގެ ސްކްރީނަށް ކަޅިއެއް އެއްލިއެވެ.

“ކޮމެޑީ ފިލްމެއް. ބޭނުމިއްޔާ ބެލިއަސް އޯކޭ.” ރާކިން ހިނިތުންވެފައި ލެޕްޓޮޕް ދެމީހުންގެ މެދަށް ޖައްސާލިއެވެ. ދެން ފެނުނު މަންޒަރުން ރާކިންއަށްވުރެ ކުރިން ޒާނަ ހީގަތެވެ. ރާކިންއަށް އެކަން މަޖާވިއެވެ. ޒާނަ ހޭވަރުން އޭނާއަށްވެސް ހެވުނެވެ. ފިލްމުގެ މެދާކަށް ހަމައަށް ދިޔަފަހުން ޒާނަގެ ޚަބަރެއް ނުވެގެން ބަލާލިއިރު އޮތީ ނިދިފައެވެ. ރާކިންއަށް އަނެއްކާވެސް ހެވުނެވެ. ލެޕްޓޮޕް ދުރުގައި ބަހައްޓާފައި އައިސް ޒާނަގެ ގައިމަތީ ރަޖާއަޅައިދީފައި އޭނާވެސް އެނދުގެ އަނެއްފަރާތުގައި މަގަތަށް އެނބުރި އޮވެ ނިދައިފިއެވެ.

ހެނދުނު ގަޑި ސޯނާވިއަޑަށް ދެމީހުންނަށް ހޭލެވުނެވެ. ލޯހުޅުވާލިއިރު ދެމީހުންނަށްވެސް އޮވެވުނީ އެކަކު އަނެކަކާއި ދިމާއަށް މޫނުލައިގެން އަރިއަކަށެވެ. ހަތަރުކަޅި ހަމަވުމާއެކު ކުއްލިއަކަށް އުއްޑުން ޖެހިފައި ދެމީހުންމެ ފުންމައިގެން ތެދުވެއްޖެއެވެ.

“ރޭގައި ކިހިނެތްވީ؟” ދެމީހުންނަށް އެއްއަޑުން އަހާލެވުނެވެ. ހަމަ ޖުމްލަ ނިމުނުއިރަށް ހުނުމުގެ އަޑުން ކޮޓަރިތެރެ ގުގުމާލިއެވެ.

އެއްމަސްފާއިތުވެގެން ދިޔައިރު ރާކިންއާއި ޒާނަގެ މެދުގައި ކުރިން ހުރި ބީރަތްޓެހިކަން ކެނޑި އެކަކުއަނެކަކާއިމެދު ދެކޭގޮތް މުޅިން ބަދަލުވެފައިވެއެވެ. ފުރިހަމަ އެއްމަހަށްފަހު ބުނެފައިވާ ތާރީހަށް ދެމީހުން ކޯޓަށް ހާޒިރުވީ އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ދެމީހުންމެ ތިބީ ނުހަނު ހަމަޖެހިލައިގެންނެވެ. ގާޟީ އައިސް ދެމީހުންގެ ކުރިމަތީގައި އިށީންދެ ހަމަޖެހިލާފައި އެންމެފަހުގެ ނިންމުމަކީ ކޮބައިތޯ ސުވާލުކޮށްލުމާއެކު ޒާނައާއި ރާކިން އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ވާހަކަދައްކަންވެގެން އަނގަ ހުޅުވާލިއެވެ.

ނުނިމޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355