.
ބޮޑެތި މީހުންކުރާ ޖިންސީ ކުށްތަކާބެހޭ ބިލެއް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
“ޖިންސީ ކުށުގެ ބިލް”ގެ ނަމުގައި މިބިލް މަޖިލީހަށް ފޮނުވާފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ކަމަށް ނަޝީދުގެ ބުލޮގްގައި ލިޔުއްވާފައި ވެއެވެ.
ޖިންސީ ކުށުގެ ބިލާބެހޭ ގޮތުން ނަޝީދުގެ ބުލޮގްގައި ބުނެފައިވަނީ މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ރާއްޖޭގައި ހިނގާ ޖިންސީ ކުށުގެ ގިނަ ބާވަތްތަކުގެ ކުށަށް އަދަބު ދެވެމުން އަންނަނީ ޝަރީއަތްކުރުމާބެހޭ ގަވާއިދުގައި ހުރި މާއްދާތަކެއްގެ ދަށުން ކަމަށްވެފައި އެމާއްދާތަކަކީ އެބާވަތުގެ ކުށްކުށާ އަޅާބަލާއިރު ލުއި އަދަބުތަކެއް ކަނޑައެޅިފައިވާ މާއްދާތަކަކަށް ވާތީ، ޖިންސީ ކުށުގެ ޢަމަލަކީ، ކުށްކަމުގައި ވަކިވަކިން ކަނޑައަޅައި، އެކަށޭނަ އަދަބު ލިބޭ ކުށްކުށަށް އެކަންކަން ހެދުމަށް ކަމަށެވެ.
އެބުލޮގްގައި ނަޝީދު ވިދާޅުވެފައިވަނީ ރޭޕްކުރުމާއި، ޖިންސީ ގޯނާ ކުރުމާއި އިހާނެތި ޖިންސީ ޢަމަލު ހިންގުން ފަދަ ކުށްތަކަކީ ރާއްޖޭގެ ގާނޫނުތަކުގައި ވަކިވަކިން ސާފުކޮށް ބަޔާންކޮށްފައިވާ ކުށްތަކެއް ނޫންކަމަށެވެ. އަދި އެބާވަތުގެ ކުށްތަކަށް ޝަރީއަތްކުރުމުގެ ގަވާއިދުގައި އޮތް ދެތިން މާއްދާ އަދަބު ދެވޭވަރަށްވުރެ މާ ހަނިކަމަށެވެ.
“ރޭޕްކުރުމަކީ، ޖިންސީ ގޯނާ ކުރުމަކީ، އިހާނެތި ޖިންސީ ޢަމަލު ހިންގުމަކީ، ވީޑިއޯ ޢާންމުކުރުމަކީ، ބްލެކްމެއިލް ކުރުމަކީ، ރާއްޖޭގެ ޤާނޫނުގައި އޭގެ ރުކުންތައް ވަކިވަކިން ބަޔާންކުރެވި، އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެއް ނޫނެވެ. ރާއްޖޭގައި ހިނގާ މިބާވަތުގެ ކުށަށް އަދަބު ދެވޭވަރަށްވުރެ ޝަރީޢަތްކުރުމުގެ ގަވާއިދުގައި އެއޮތް ކަމާބެހޭ ދެތިން މާއްދާ މާ ހަންޏެވެ.” ނަޝީދު ލިޔުއްވާފައި ވެއެވެ.
ނަޝީދު ވިދާޅުވީ ޝަރީއަތްކުރުމާބެހޭ ގަވާއިދުގެ މާއްދާތަކުގެ ތެރެއަށް ފެތޭވަރަށްވުރެ ބޭރަށް ޖިންސީ ކުށުގެ އަމަލުގެ ބާވަތްތައް ޒަމާނީވެ ފުޅާވެގެން ގޮސްފައިވާކަމަށެވެ. އަދި ކުށްކުރުމުގެ ވަށްޓަފާޅިއަށް އައި ބަދަލުތަކަށް ފެތޭގޮތަށް ޖިންސީ ކުށާގުޅޭ ގާނޫނީ އޮނިގަނޑު އިސްލާހުކުރުމަކީ މިބިލް ހުށަހެޅުއްވި އެއް ބޭނުންކަމުގައި ނަޝީދު ވިދާޅުވި އެވެ.
“ޝަރީއަތްކުރުމާބެހޭ ގަވާއިދުގެ މާއްދާތަކުގެ ތެރެއަށް ފެތޭވަރަށްވުރެ ބޭރަށް ޖިންސީ ކުށުގެ އަމަލުގެ ބާވަތްތައް ޒަމާނީވެ ފުޅާވެގެން ގޮސްފައިވާތީ، މިހާރު ޖިންސީ ކުށް ހިނގާ ގޮތްތަކަށާއި ބާވަތްތަކަށާއި ހާލަތްތަކަށާއި ވަށްޓަފާޅިއަށް ބަލައި، ރާއްޖޭގައި ހިނގާ ޖިންސީ ކުށާގުޅޭ ގާނޫނީ އޮނިގަނޑު މިއަދުގެ ހާލަތާއި ޒަމާނުގެ ބޭނުމަށް ފެތޭގޮތަށް އިސްލާހުކުރުން” ނަޝީދު ލިޔުއްވާފައި ވެއެވެ.
ނަޝީދު ވިދާޅުވީ މިބިލުގެ މައިގަނޑު މަންފާ އޮތީ އަންހެނުންނަށް ކަމުގައި ވީނަމަވެސް ބިލް ލިޔުމުގައި އަންހެނުންނަށް ވަކިން ފޯކަސް ނުކޮށް ދެޖިންސް ހަމަހަމަކޮށް ބާއްވާފައިވާނެ ކަމަށެވެ. އަދި މިބިލުގައި ބައެއް ކުށްތައް އަލަށް ތައާރަފު ކޮށްފައިވާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ. އެގޮތުން މިހާރު އޮތް ގާނޫނުލްއުގޫބާތުގައި ހުރި ބައެއް ކުށް ޒަމާނީކޮށް ތަފްސީލުކޮށްފައިވާއިރު ޝަރީޢާއަށް ބިނާކޮށް ކުށްކަމުގައި ބެލެވޭ ކަންކަން ދިވެހި ގާނޫނީ ނިޒާމުގެ ތެރެއަށް ގެނެސް މޮޑިފައި ކޮށްފައިވާނެ ކަމަށް ނަޝީދު ލިޔުއްވާފައި ވެއެވެ.
މަޖިލީހަށް ފޮނުވާފައިވާ މިބިލުގައި ޖިންސީ ކުށްތަކާ ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ބަދަލު ހޯދައިދިނުމުގެ ގޮތުން ވަކި ބާބެއް ހިމަނާފައި ވެއެވެ. އެގޮތުން ނަގައި ދެވޭނެ ބަދަލުތަކާއި ބަދަލުނަގައިދެވޭނެ ގެއްލުންތަށް ވަކިވަކިން ބަޔާންކޮށްދީފައި ވެއެވެ.
މިބިލް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ޖިންސީ ކުށްތަށް ކުރާ މީހުން އާންމުކޮށް އެނގޭނެގޮތަށް އެފަދަ މީހުންގެ ދަފްތަރެއް ލިޔެ ބަލަހައްޓަން ޖެހޭނެއެވެ. އަދި ބިލްގައިވާ ގޮތުން ޖިންސީ ކުށްތަކާ ގުޅިގެން ހެކީގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗިއްސާއި ކަންކަމަށް ހާއްސަކޮށް ވަކި ބާބެއް އެކުލަވާލާފައި ވެއެވެ.
މީގެ ކުރިން މެމްބަރު ނަޝީދު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމާއިބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވާފައި އެވެ. މިހާރު އެބިލް ފާސްވެ އެގާނޫނަށް އަންނަނީ އަމަލުކުރެވެމުންނެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ފުލުހުންގެ އައު ބިލެއް ވެސް ތައްޔާރުކުރައްވާ މަޖިލީހަށް ހުށަހަޅުއްވާފައި ވެއެވެ.