ހދ. އަތޮޅު ކައުންސިލްގެ ވަފްދެއް ނިމުނު ހަފްތާގައި މާލެއަށް ޒިޔާރަތްކޮށްފި އެވެ.
މިމަހުގެ 9 ން 15 އަށް ކުރިއަށް ދިޔަ މިދަތުރުގައި ހދ. އަތޮޅު ކައުންސިލުން އިސްނަގައިގެން ސަރުކާރާއި ގުޅިގެން ބޭއްވި ދަތުރެެކެވެ.
ހދ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ ދަތުރުގެ މައިގަނޑު މަގްޞަދަކީ މަތިއުތުރުގެ ތިން އަތޮޅަށް ލިބެންޖެހޭ ބައެއް ހިދުމަތްތައް ލިބުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ގާތުން ސަރުކާރަށް ހުށަހެޅުން ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދެމުންދާ އާސަންދައިގެ ހިދުމަތަށް ކުރިމަތިވެފާވާ މައްސަލަތަކަށް ހައްލެއް ހޯދުންވެސް އެއީ މި ދަތުރުގެ އެއް ބޭނުން ކަމުގައި އަތޮޅު ކައުންސިލުން ބުންޏެވެ.
ކައުންސިލުގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ މާލެއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހުވަގުތާޖެހުނު އިރުވެސް ހެލްތް މިނިސްޓަރާއި ބައްދަލުކުރެއްވިފައި ނުވާކަމަށެވެ. ހުސައިން ރަޝީދު ވިދާޅުވީ ހެލްތު މިނިސްޓަރާއި ޔޫތު މިނިސްޓަރު ފިޔަވާ އެހެން ހުރިހާ ވަޒީރުންނާއި ބައްދަލުވެފައިވާ ކަމަށާއި މިއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.
ހުސައިން ރަޝީދު ވިދާޅުވީ، މިޒިޔާރަތުގައި ކުޅުދުއްފުށީގައި ދެމުން ގެންދާ ފެނުގެ ޚިދުމަތުގެ އަގުތަކާއި، ނަރުދަމާ ތަރައްޤީކުރާނެ ގޮތާއި ތަރައްޤީގެ އެކިއެކި ޕްލޭން ތަކާއި، ދައުލަތުގެ ބަޖެޓާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން މިއަތޮޅު ހަނިމާދޫގައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ ޕްލޭންވެސް ފާހަގަ ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދާޅުވީ، މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވި ކަމަށާއި އެބައްދަލުވުމުގައި މަތިއުތުރު ސަރަހައްދުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހައްދަވާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންމަވެސް އެ ބަނދަރާބެހޭ އިތުރު ތަފްސީލެއް ކައުންސިލަށް ލިބިފައިނުވާ ކަމަށް ހުސައިން ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރެއްވި އިރު ކުޅުދުއްފުށީ ކައުންސިލުންވެސް ވަނީ މާލެއަށްދަތުރެއް ކުރައްވާފައި އެވެ.