.
ހދ ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާ އިން އިންތިޒާމު ކޮށްގެން ބާއްވާ “ވިގަރ ކަޕް” ފުޓްސަލް މުބާރާތުގެ ގުރުއަތުނެގުން ބާއްވައިފިއެވެ.
ސެޕްޓެމްބަރ 18 ވީ އަންގާރަ ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގެ ހޯލުގައި ގުރުއަތުލުން ބޭއްވި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 30 ގެ ނިޔަލަށެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ ޓާރފް ދަނޑު “ހަނިމާދޫ ސްޕޯޓްސް ކޮމްޕްލެކްސް” ގައެވެ.
ވޭތުވެދިޔަ 2011 ވަނަ އަހަރު މި މުބާރާތުގައި 15 ޓީމު ބައިވެރިވެފައި ވާއިރު މިއަހަރު މި އަދަދު ވަނީ 16 އަށް އިތުރުވެފައެވެ. 4 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ހަނިމާދޫ ޕޮލިސް، ރިއަލް ސްޓާރސް، ޑާކްނެސް އަދި ޔޫތު ފްރެންޑްސް 1 ކެވެ. ގްރުޕް ބީ ގައި ހިމެނެނީ ޔޫތް ފޮރެންޑްސް-4، އަހުލީ ނުގުޑާ ކަންމަތި، އަހުލީ، އަދި ޔުނީފޯރމެވެ. ގްރޫޕް ސީގައި ޔޫތް ފްރެންޑްސް އާއި، ޑާރކްނެސް ސްޕާރޓެންސް، އަހުލީ ޔަންގ ބޯއީސް އަދި ޔޫތް ފްރެންޑްސް-3 ހިމެނޭ އިރު ގްރޫޕް ޑީގައި ހިމެނެނީ ޕީ އެސް 3، ރޫޙް، ރިއަލް ޖޫނިއަރސް އަދި ރޫޙް ސްޓާރސްއެވެ. މިއިން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ކުއާޓާ ފައިނަލަށް ދާނެއެވެ.
މާދަމާ ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ހަނިމާދޫ ވިގަރ ފިހާރައިގެ ވެރިޔާ ސައީދު އިބްރާހިމެވެ. މިއީ ވިގަރ ފިހާރައިގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުބާރާތެކެވެ.