.
ދިވެހި ރެޑްކްރެސެންޓުން އިންތިޒާމު ކޮށްގެން ކުޅުދުއްފުށީގައި ބޭއްވި ޔޫތު ކޭމްޕް 2012 ނިމިއްޖެ އެވެ.
މިމަހުގެ 17 އިން 20 ގެ ނިޔަލަށް ކުރިއަށް ދިޔަ މިކޭމްޕް ނިންމުމުގެ ގޮތުން މިރޭ ޤައުމީ އިދާރާގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ. ރެޑްކްރެސެންޓްގެ މި ޔޫތުކޭމްޕް ނިންމާ 12 ޒުވާނަކު ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.
4 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޭމްޕްގައި ލީޑަރޝިޕާއި ސޮފްޓްސްކިލްސްގެ ފިލާވަޅުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.މީގެއިތުރުން ޑްރިލް އެއް ބޭއްވިފައި ނުވިނަމަވެސް ރެޑްކްރެސެންޓްގެ އަސާސްތަކާއި ކުއްލި ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރާނެގޮތް ބައިވެރިންނަށް ވަނީ ކިޔަވައިދީފައެވެ. އަދި މިއަހަރަށް ރެޑްކްރެސެންޓުގެ ޕްރޮޕޯސަލްތައް ތައްޔާރު ކުރުންވެސް މި ކޭމްޕްގައި ކުރިއަށް ގެންދިޔައެވެ.
މިޖަލްސާގައި ރެޑްކްރެސެންޓްގެ ފަރާތުން ވާހަކަ ދެއްކެވި ޕްރޮގްރާމް ފީލްޑް އޮފިސަރ ޝާޒިޔާ އަލީ ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ކޭމްޕެއް ކަމަށެވެ. ނަމަވެސް އެކަށީގެންވާ އަދަދަށް ކުދިން ބައިވެރިނުވާކަން ޝާޒިޔާ ވަނީ ފާހަގަ ކޮށްފައެވެ. ކުރިންހަމަޖެހިފައިވާ ގޮތާއި ޚިލާފަށް އެއްދުވަސް ފަހުން ކޭމްޕް ފެށުނީ އެކަށީގެންވާ އަދަދަކަށް ކުދިން ބައިވެރިވެފާނުވާތީ ކަމަށް ޝާޒިޔާ ވިދާޅުވިއެވެ.
“ކުޅުދުއްފުއްޓާއި ނޮޅިވަރަމްގެ 20 ކުދިންނަށް އަޅުގަނޑުމެން މި ކޭމްޕް އަމާޒުކުރީ.. އެހެންނަމަވެސް މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ 12 ކުދިން..” ޝާޒިޔާ ވިދާޅުވިއެވެ.
ޝާޒިޔާ އިތުރަށް ވިދާޅުވީ މޯލްޑިވްސް ރެޑްކްރެސެންޓް ސޮސައިޓީގެ ކުޅުދުއްފުށީ ގޮފީގައި ބޯޑު މެމްބަރެއް ނެތުމުން ވަރަށް ގިނަ ހަރަކާތްތަކާއި ޚިދުމަތްތައް ދިނުން މަޑުޖެހިފައިވާ ކަމަށާއި މިގޮތްޕަށް ކަނޑައެޅިފައިވާ ބަޖެޓްގެ 10 އިންސައްތަ ވެސް ޚަރަދުކުރެވިފައިނުވާކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި މިރޭގެ ހަފްލާގައި 2011 ވަނަ އަހަރު ޑިސެމްބަރުގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބޭސިކް ފަސްޓްއެއިޑް ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވެސް ސެޓްފިކެޓް ހަވާލުކުރުން އޮތެވެ.. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ކައުންސިލް މެމްބަރު ޖަމްޝީދު މުހައްމަދެވެ. އަދި މިއަހަރުގެ ޔޫތު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެވެ.
ކޭމްޕުގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި ހަފްލާގައި ވާހަކަ ދެއްކީ ނަދާ އަހުމަދެވެ. އޭނާ ވަނީ ކޭމްޕްގެ ހުރިހާކަމެއްވެސް ދިޔައީ ވަަރަށް ފުރިހަމައަށް ކަން ފާހަގަކޮށްފައެވެ.
މިއީ ރެޑްކްރެސެންޓުން އިންތިޒާމު ކޮށްގެން މިފަދަ ކޭމްޕެއް މުޅި ރާއްޖޭގައި ބޭއްވި 8 ވަނަ ފަހަރެވެ. މިފަދަ އިތުރު ކޭމްޕްތައް އެމް.އާރް.ސީ ގެ ގޮފިތައް ހުރި އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމުގައި ރެޑްކްރެސެންޓުން ބުނެއެވެ.